ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އެވޯޑް ހިރިގާ ޒާހިރަށް މިރޭ އަރުވަނީ: އޭނާގެ އިތުރުން ޓީވީއެމްގެ އަބްދުﷲ ރަމީޒަށް ވެސް ވަނީ އެ އެވޯޑް އަރުވާފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
26 ނޮވެމްބަރ 2023 - 00:35
ނޫސްވެރިކަމުގެ ހަޔާތީ އަރުތަ ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް "ދައުރު"ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ޓީވީއެމްގެ އަބްދުﷲ ރަމީޒަށް އަރުވައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އެވޯޑް މިރޭ ހާސިލްކުރި އަބްދުﷲ ރަމީޒަކީ މީގެ 40 އަހަރު ކުރިން "ކޯދު" މަޖައްލާ އިން ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. ރަސްމީ ވަޒީފާއެއްގެ ގޮތުން ނޫސްވެރިކަން ރަމީޒު ފެއްޓެވީ 1985 އަހަރު ދިވެހިރާއްޖޭގެ އަޑުގެ ރިޕޯޓަރެއްގެ ގޮތުންނެވެ. އަޑުގެ ގިނަ މަގާމުތަކެއް އޭނާ ފުރުއްވާފައިވެ އެވެ.
އޭގެފަހުން ޓީވީއެމްގެ ޑިރެކްޓާ އޮފް ނިއުސް، ކަރަންޓް އެފެއާޒްގެ މަގާމުގައި އޭނާ އަންނަނީ ހިދުމަތް ކުރައްވަމުންނެވެ. ރަމީޒު ކުރިން ވަނީ "އާފަތިސް" ނޫހުގައި ވެސް 20 މަސައްކަތް ކުރައްވައިފަ އެވެ.
ރަމީޒަށް ހަޔާތީ އަރުތައިގެ އެވޯޑް އަރުވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
މިރޭ ދެވަނައަށް އެ އެވޯޑް ހާސިލް ކުރެއްވި ހިރިގާ ޒާހިރު ނޫސްވެރިކަން ފެއްޓެވީ މީގެ 34 އަހަރު ކުރިން "ހަވީރު" ނޫހުންނެވެ. އޭގެފަހުން ސަން އޮންލައިންގެ ޗީފް އެޑިޓަރުގެ ގޮތުގައި 11 އަހަރު މަސައްކަތް ކުރެއްވި އެވެ.
މިވަގުތު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ "ދައުރު"ގެ މެނޭޖިން އެޑިޓަރުގެ ގޮތުގަ އެވެ. ޒާހިރަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި އެޑިޓާސް ގިލްޑްގެ ފައުޑިން މެންބަރެކެވެ. އަދި އެ ދެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާފައިވެ އެވެ.
ޒާހިރު ވަނީ ރިހި ގަލަމާއި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަދި ނޫސްވެރިކަމުގެ ގައުމީ އިނާމް ވަނީ ހާސިލް ކުރައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަޠީ
26 November 2023
ރަމީޒަކީ ވަރަށް ހިއްވަރާ މަސައްކަތުން ނޫސްވެރިކަން ކުރެއްވި ވަރަށް އިޚްލާޞްތެރި ބޭފުޅެކެވެ. މިފަދަ އެތައް އެވޯޑެއް ޙައްޤުބޭފުޅެކެވެ. މަޑުމައިތިރިކަމާއި ޚުލްޤުހެޔޮ ނޫސްވެރިއެކެވެ. ވަރަށް މަރުޙަބާ ރަމީޒް
ހަސަންނނ
26 November 2023
މަރުހަބާ ހިރިގާ