27 ނޮވެމްބަރ 2023 - 08:56
ޕީޕީއެމް/ޕީއެންސީގެ "ޒައީމް" ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު މައްސަލަތައް ފެށޭ ހިސާބަކީ މި ވެރިކަމުގެ ފުރަތަމަ ދުވަހު ފުއްދަން ވިދާޅުވި ވައުދު ނުފުއްދުނު ހިސާބެއް ނޫނެވެ. އިންޑިއާ ސިފައިން ބޭރުކުރުމުގެ މައްސަލައެއް ވެސް ނޫނެވެ. ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް ޔާމީން ގެ އަށް ބަދަލުކުރެއްވި ދުވަހު މަގުމަތިން ވެސް ޔާމީން ދެއްކެވީ ރައީސް މުއިއްޒާ މެދު އޮތް ހިތްހަމަނުޖެހުމެވެ.
"އަޅުގަނޑާއި ރައީސް ޑރ. މުއިއްޒާ ދިމާލަށް ރަނގަޅަށް ބައްލަވާ ނުލައްވާ ރައީސް ޔާމީން އެ ދުވަހު ވެސް. ވަރަށް ދުރުދުރުން އުޅުއްވީ. އެކަމަކު، ކުރިން ޖަލުން ގެ އަށް ބަދަލުކުރި ފަހަރު އަޅުގަނޑު ފެނުނީމާ ބައްދާލައްވައި، ވަރަށް ގާތްކޮށް ޔާމީން އުޅުއްވީ. ނަމަވެސް މި ފަހަރު ފުރަތަމަ ދުވަހު ވެސް ދެއްކެވީ ހިތްހަމަނުޖެހުން،" ޕީއެންސީގެ ޗެއާޕާސަން އަދި އެއް އިރެއްގައި ޔާމީން އެންމެ އިތުބާރު ކުރެއްވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
ޔާމީން ޖަލުގައި އޮއްވާ ރައީސް މުއިއްޒު ރިޔާސީ ޓިކެޓަށް ޓިކެޓަށް އަމާޒު ހިއްޕެވި ހިސާބުން އެ އޮތީ އެ މައްސަލަތައް ފެށިފަ އެވެ. ޕާޓީގެ ތެރޭގައި މަޑުމަޑުން ހުންނަވާފައި ސެނެޓުގެ މެޖޯރިޓީ ހޯއްދެވި ހިސާބުން މައްސަލަ ގޯސްވެއްޖެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެންގެވި އެންގެވުމަށް ނުބައްލަވައި، އެކަމާ ދެކޮޅަށް ތެދުވި ހިސާބުން އެކީ ދެބައި ވަކިވެ އެއްކޮށް ދެފަޅިވި ދުވަހެވެ.
ކެންޑިޑެސީ ފޯމު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނަށް ރައީސް މުއިއްޒު ވަޑައިގެން ހުންނަވަނިކޮށް، އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައި ރައީސް މުއިއްޒަށް "އާނ ބަސް" ޔާމީން ދެއްވީ މަޖުބޫރު ވެގެން ކަން އޭރު ވެސް އެނގެ އެވެ. ޖަލުގައި ހުންނެވުމުން ޔާމީނަށް ދެން އިތުރު ގޮތެއް ނެތީ އެވެ.
ކެމްޕެއިންގެ ފޯރި އާއި އިންތިހާބު ކާމިޔާބުވުމުގެ އުފަލުގެ ތެރޭގައި އެ ހުރިހާ މައްސަލަތަކަށް ހިޔަންޏެއް އެޅިފައި އޮތް ނަމަވެސް ޔާމީން ހިޔާރު ކުރެއްވި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލާއި އެ މަނިކުފާނުގެ އަރިސް އެހެން މެންބަރުންގެ ހިތް މުޅިއަކުން ސާފެއް ނޫން ކަން ދެން ހިނގައިދިޔަ ކަންކަމުން އެނގެ އެވެ.
ރައީސް މުއިއްޒު އިންތިހާބު ވުމަށް ފަހު، ޖަމީލާއި ޖަމީލުގެ އަރިސް ބޭފުޅުން އުޅުއްވި ގޮތުން ވެސް "ހިތް ސާފު ނޫންކަން" އެނގެ އެވެ. މި ވެރިކަމަށް "ފާރަވެރިވާން ޖެހޭނެ" ކަމަށް އެކިއެކި ތަންތަނުގައި ޖަމީލާއި އަރިސް ބޭފުޅުން ވިދާޅުވާން ފެއްޓެވީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ މީޑިއާތަކުން އާންމު ކުރަމުން ދަނިކޮށެވެ. ރައީސް މުއިއްޒު އިންތިހާބުވެއްޖެކަން އޭރު އޮތީ ސާފުކޮށް އެނގިފަ އެވެ. އެހާ އަވަހަށް "ދެކޮޅު" ވާހަކަތައް ފެށިއްޖެ އެވެ.
ޔާމީނާއި ރައީސް މުއިއްޒު ބައްދަލުވެ، ވާހަކަ ދެއްކެވުނު މަދު ފަހަރުތަކުން ވެސް އެ މައްސަލަތަކުގެ ހިތި އަރުތެރެއިން ފިލާފައި ނުވާ ކަން ވެސް ސާފުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯމަ ދުވަހު ކޯޓަށް ހާޒިރުވެވަޑައިގެންނެވި ވަގުތު: މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވުމުގެ ހުއްދައަކަށް ޔާމީން މިހާތަނަށް އެދިފައިނުވޭ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ޔާމީންގެ ފުރަތަމަ ނައިބު ރައީސްކަން ކުރައްވާފައި ވަކި ކުރުމުން އެމަނިކުފާނު ވަރުގެ ނުބައި މީހެއް ނެތް ކަމަށް ވިދާޅުވުމަށް ފަހު، މިހާރު އަނެއްކާ ޔާމީނާ އެންމެ އަރިހުގައި ހުންނެވި ޖަމީލް އިއްޔެ ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހު އުފާފާޅު ކުރެއްވުމަށް ފުރަތަމަ ބާއްވާ ހަފުލާގައި ބައިވެރިވާން ޔާމީން ވެސް ބޭނުންފުޅުވި އެވެ.
އެހެންވެ، ޔާމީން ގެއަށް ބަދަލު ކުރި ދުވަހު އެއްކޮށް މިނިވަންވަންދެން އެ ހަފުލާ މަޑުޖައްސާލަން ވެސް އެ މަނިކުފާނު ރައީސް މުއިއްޒު އަރިހުން އެދިވަޑައިގަތް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
އިންތިހާބީ ރައީސަކު އެދިވަޑައިގެންފި ނަމަ އެފަދަ ހަފުލާއެއްގައި ޔާމީނަށް ބައިވެރިވެވޭނެ ގޮތް ވެސް ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށާއި ނަމަވެސް އެކަން ނުކުރެއްވިތާ އެ ހަފުލާގައި އެ މަނިކުފާނަށް ޝުކުރު ވެސް އަދާ ނުކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރާނެ ދެއްތޯ މި ގާތްކަމާއި މި އިހުތިރާމާ އެކީގައޭ މީތި ކުރިޔަށް ދާނީ. ރައީސް ޔާމީނަށް އެ ވަރު ލިބެން ވާނޭ. އެ ހަފްލާގެ ތެރޭގައި އެ ޝުކުރު އޮންނަން ވާނޭ. އެ އަޑެއް އިވިގެން ނުދިޔަ. އެރެ އިން އެ ރެއަށް ވެސް ފުން އިހުސާސްތަކެއް ކުރެވުނު." ޖަމީލް ވިދާޅުވި އެވެ.
އެކަމަކު، ރައީސް މުއިއްޒުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުން އޭރު ވެސް އޮތީ މާ ލަސްވެފައި ކަމަށާއި ޔާމީން މިނިވަންދެން މަޑުކޮށްފި ނަމަ އޭގެ ބޭނުން ކެނޑިދާނެތީ އެ ރެއިން އެ ރެޔަށް ހަފުލާ ބާއްވަން ރައީސް މުއިއްޒު ނިންމެވީ ކަމަށެވެ.
ވިއްސާރައާ ގުޅިގެން އޭރު ވެސް ހަފުލާ ދިޔައީ ފަސްކުރަމުން. އެހެންވެ، ސޯޝަލް ސެންޓަރުގައި ހަފުލާ ބާއްވަން ވެސް ނިންމީ،" އޭނާ ވިދާޅުވި އެވެ.
ޔާމީން ބޭނުންވި ގޮތަށް އުފާފާޅުކުރުން ފަސްނުކުރުމުގެ އިތުރުން އެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒަށް ވިދާޅުވެވުނު އެއްޗަކާ މެދު ވެސް ޔާމީންގެ ހިތްޕުޅު ހަމަނުޖެހުން އިތުރަށް ބޮޑުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޔާމީން މިނިވަން ކުރުމަށް މަގުމައްޗަށް ނުކުމެ އަޑުގަދަކޮށް، އެކި ކަހަލަ ޖަލްސާތަކާއި ހިނގާލުންތައް ބޭއްވުމަކީ އެ މަނިކުފަނު އެދިވަޑައިގަންނަވާ ގޮތެއް ނޫނެވެ.
"އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދެން. އެހެން ނޫނިއްޔާ އަޅުގަނޑަށް މި މަސައްކަތް ކުރަން ހަވާލު ކުރައްވާފައި ތިބޭފުޅުން ވަކި މަގަކުން ވަޑައިގެންފިއްޔާ ގައުމުގެ ހަމަޖެހުމެއް އަޅުގަނޑު މި ދަންނަވާ ގޮތަކަށް ނުލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.
އެ ރޭ ދެން ކަންތައް ވިގޮތް އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މުއިއްޒު އެހެން ވިދާޅުވުމާ އެކު ޔާމީންގެ ފޯން ކޯލެއް ރައީސް މުއިއްޒަށް ލިބިވަޑައިގަތެވެ. އޭރު އެ މަނިކުފާނު ހުންނެވީ ސަޕޯޓަރުންނާއެކު ސޯޝަލް ސެންޓަރުގަ އެވެ. ޔާމީންގެ މިޒާޖަށް ވިސްނެވުމަށް ފަހު އެ ވަގުތު ރައީސް މަޑުކުރެއްވީ އެވެ.
ށ. މިލަންދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އާ ވަގުތީގޮތުން ކޯލިޝަން ހިންގަވާ އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހަފްލާ ނިންމެވުމަށް ފަހު ދެ ޕާޓީގެ ވެރިން މ. ދިމްޔާތަށް ގެންނަވައި ޔާމީންގެ މައްސަލާގައި މަޝްވަރާ ކުރެއްވި. އެ ބޭފުޅުންގެ ލަފަޔަކަށް ވީ ޔާމީން "ހަމަޖެހުމުން" ފަހުން ގުޅުއްވައި ވާހަކަ ދެއްކެވުމަށެވެ. އެހެންވެ ޔާމީންގެ "ކޯލް މީ ބެކް" މެސެޖަކަށް ވެސް ޖަވާބެއް ނުދެ އެވެ.
"ރައީސް ޔާމީން މިނިވަންކުރުމުގެ ކަންކަން ރީތިކޮށް ގެންދަން މަގުމައްޗަށް އެއްނުވުމަށް ރައީސް ޑރ. މުއިއްޒަށް ވިދާޅުވެވުނު އެއްޗަކުން އެރޭ މައްސަލަ ގޯސްވީ. ރައީސް ޑރ. މުއިއްޒާއި އަރިސް ބޭފުޅުން ގަބޫލު ކުރެއްވީ ރައީސް ޔާމީން ހުންނަވާނީ ވަރަށް ހިތްހަމަނުޖެހިފައޭ. އެހެންވީމާ މަޑުކޮށްލުމޭ އެންމެ ރަނގަޅުވާނީ. އެހެންވެ، ފަހުން އަޅައެއް ނުލައްވާ،" ރައީސް މުއިއްޒުގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފޯނަށް ޖަވާބު ނުދެއްވުމާއި މީހުން އެއް ނުކުރާން ގޮވާލި މައްސަލާގައި ހިތްހަމަނުޖެހިވަޑައިގެން ޖެހިގެން އައި ރޭ ދޫވެހި ގޭ ކުޑަދޮރު ކައިރީ ހުންނަވައި ޔާމީން ސަޕޯޓަރުން އެއް ކުރެއްވި އެވެ. އަދި އެތަނުގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުތަކުގައި ވަނީ ޖަޒުބާތުތަކެއް ބޭރު ކުރައްވާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
ކެރެން ވާނެ މަގުމަތީގައި އުޅެން. މަގާމުތައް ލިބުނީމައެއް ނޫން ބޮޑެތި ބަސްތައް ބުނަން ވާނީ. އެ މީހާގެ އެތެރޭގައި ހުރި ކަމެއް ދައްކަން ވާނީ އޭގެ ކުރިން -- ޔާމީން
ރައީސް މުއިއްޒުގެ ވާހަކަފުޅުތަކަށް ސީދާ ރައްދު ދެއްވަމުން ޔާމީން ވަނީ ފިނި ކޮޓަރިތަކުގައި ނުތިބެ އެ މަނިކުފާނުގެ ހައްގުގައި މަގުމައްޗަށް ނުކުންނަން ކެރިވަޑައިގަންނަވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"ކެރެން ވާނެ މަގުމަތީގައި އުޅެން. މަގާމުތައް ލިބުނީމައެއް ނޫން ބޮޑެތި ބަސްތައް ބުނަން ވާނީ. އެ މީހާގެ އެތެރޭގައި ހުރި ކަމެއް ދައްކަން ވާނީ އޭގެ ކުރިން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން: އެމަނިކުފާނުގެ އިސްތިއުނާފް ޝަރީއަތް އަންނަ އާދިއްތަ ދުވަހު ބާއްވަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
އެހާ ހިސާބުން ޔާމީނަށް މުއިއްޒު ފަހުން ނުގުޅުއްވަ އެވެ. އަދި އެ ރޭ ކުރި މެސެޖަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ. ދެ ރައީސުން އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކަވަ އެވެ.
ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާ ޔާމީން މިދިޔަ މަހުގެ މެދަކާ ހަމައަށް އައިއިރު ވެސް ވާހަކަ ދައްކަވައި މަޝްވަރާ ކުރެއްވި ކަމަށް ވެ އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުގެ ޓީމެއް ޔާމީންގެ އަރިހަށް ގޮސް މަޝްވަރާ ކުރި އެވެ. އެ ވަފުދު ދިޔައިރު، ރައީސް މުއިއްޒު ރަށުގައި ވަޑައިގެން ނޫޅުއްވާތީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކަށް ޔާމީންގެ އަރިހަށް ވަޑައިގަތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
"އެއީ އިހަކަށް ދުވަހު ހިނގި ކަމެއް. މާ ގިނަ ދުވަހެއް ނުވާނެ. އެހެންވީމާ ޔާމީނާ މަޝްވަރާ ނުކުރެވޭ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް،" ރައީސް މުއިއްޒުގެ އަރިސް ބޭފުޅާ ވިދާލުވި އެވެ.
މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން އެ މައްސަލަތަކަށް ފަހު ވެސް ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވަން ޔާމީންގެ ވިސްނުމުގައި ލިސްޓެއް އޮތެވެ. އެކަމާ ބެހޭ ގޮތުން ރައީސް މުއިއްޒާ މަޝްވަރާ ކުރައްވަން ވެސް އެ މަނިކުފާނު ބޭނުންފުޅުވި އެވެ. ނަމަވެސް ހާލަތާއި މައްސަލަތަކާ ހެދި އެ ފުރުސަތެއް ލިބިވަޑައިނުގެންނެވި އެވެ.
ޖަމީލް ވެސް ވިދާޅުވި ގޮތުގައި ވަޒީރުންގެ މަޖިލީހުން ފެށިގެން ދެން ތިބި ހުރިހާ ސިޔާސީ މަގާމްތަކަށް ބެލިޔަސް މިހާރު ފެންނަނީ ޕާޓީ ނުވެސް ދަންނަ ބަޔަކު އަންނަ މަންޒަރެކެވެ. އެ ހުރިހާ މަގާމަކަށް މީހުން އައްޔަން ކުރަމުން އަންނަ އިރު ޔާމީން އެ ހުންނަވަނީ ގޭގަ އެވެ.
"ކީއްވެހޭ މަޝްވަރާ ނުހޯއްދެވީ. މީގެ ކުރިން ލޯގޯ އެއް ފާސް ކޮށްލަން ވެސް ޔާމީނަށް ޖަލަށް މެސެޖު ފޮނުވައިގެން ވެސް އިންތިޒާރު ކުރޭ. މިހާރު އެ ބޭފުޅުން ކޮބައިތޯ،" ޖަމީލް ވިދާޅުވި އެވެ.
ކެބިނެޓަށް މީހުން އައްޔަން ކުރުމާއި ހުރިހާ މަސައްކަތެއްގައި ޔާމީންގެ އެއްވެސް ލަފައެއް މަޝްވަރާއެއް ނެތި ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާތީ ޔާމީން ނިންމެވީ މައްސަލަ އަމިއްލަ އަތްޕުޅަށް ނެންގެވުމަށެވެ.
ޕީޕީއެމް ހިންގަން ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގެ ބޭފުޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ޕާޓީގެ ތެރެއިން އެއްވެސް މަގާމެއް ނުލިބޭ އަދި އެމަނިކުފާނަށް ވަފާތެރި އަށެއްކަ މެންބަރުންނާ އެކު ޔާމީން ކޮމިޓީއެއް ނަންގަވައި ޕާޓީގެ ބާރުތައް ދަމައިގަތުމަށް މަސައްކަތް ފެއްޓެވި އެވެ. އެކަން ވަގުތުން ރައީސް މުއިއްޒަށް ތާއީދު ކުރާ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ފެއިލް ކޮށްލި އެވެ.
ޖަމީލް ވެސް އަދި މިހާރު ޕީޕަލްސް ނޭޝަނަލް ފްރަންޓުގައި މަސައްކަތް ކުރައްވާ އެހެން ބޭފުޅުން ވެސް ސިފަ ކުރައްވަނީ ޔާމީނަށް ދިން ވަރުގަދަ މެސެޖެއް ގޮތުގަ އެވެ. ޕީޕީއެމްގައި ހުންނެވި ނަމަވެސް ކޮންމެ ކަމެއް ނުކުރެވޭނެ ކަމުގެ އިންޒާރެކެވެ. ފަހަތަށް ޖެހިވަޑައިގެން ރައީސް މުއިއްޒަށް ސަރުކާރު ހިންގަން ފުރުސަތު ދިނުމަށް ގޮވާލި ގޮވާލުމެއް ގޮތުގަ އެވެ.
ހަގީގަތަކީ ޖަލުތަކާއި ޕޭރޯލް ގާނޫނުގައި އޮތް ގޮތުން ޔާމީނަށް މިވަގުތު ޕާޓީގެ ލީޑާޝިޕްގައި ރަސްމީ ރޯލެއް އަދާ ކުރެވޭކަށް ނެތެވެ. ޕީޕީއެމް އާއި ޕީއެންސީ އަކީ ޔާމީންގެ ދެ ޕާޓީއަކަސް މުޅި ލީޑާޝިޕް އޮތީ ސަރުކާރުގެ ކެބިނެޓުގަ އެވެ. މިވަގުތު ދެ ޕާޓީގައި ވެސް ސިޔާސީ ގޮތުން އެންމެ ބާރުގަދަ އީ ރައީސް މުއިއްޒެވެ.
މިރޭގެ ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެހެންވެ ޔާމީނަށް ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށް އޮތް ކުޑަވެސް އުންމީދެއް އޮތީ އާ ޕާޓީއަކުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އަށް ވީގޮތާ ހިލާފަށް އެމަނިކުފާނަށް ތާއީދު ހޯދައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން މި އޮތީ ފަސް އަހަރު ލިބިފަ އެވެ.
އެހެންވެ ދެތިން ކަމެއް ވަރަށް ސާފެވެ. ޖެހިގެން މި އުޅޭ "މަޝްވަރާ ނުކުރާ" ވާހަކައަކީ އެއީ ރައީސް މުއިއްޒުގެ ސަރުކާރު ހިންގަންވީ ގޮތް ޔާމީންގެ ކައިރިން ނޭހި މައްސަލަ އެވެ. ކެބިނެޓަށް ރައީސް މުއިއްޒު ބޭނުން ބަޔަކު އައްޔަން ކުރި މައްސަލަ އެވެ.
އަދި ދެ ރައީސުންގެ ދެމެދުގައި ހަގީގަތުގައި އޮތީ ފޯނު ނުނަގާ މައްސަލައެއް ނޫނެވެ. އޭގެ މާ ކުރިން ޔާމީންގެ އޯޑަރަށް ކިޔަމަން ނުވުމާއި މާ ކުރިން ސިޔާސީ ގޮތުން އޮތް ހަސަދަތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
29 November 2023
މުއިއްޒުގެ ސޫރަ ކުރިއަށްއޮތް 6 މަސްތެރޭ ރައްޔިތުންނަށް ފެންނާނެ އޭރުދެން ތެޅޭނެކަމެއްނެތް! މުއިއްޒުއަކީ ވަރަށް ގޮތްދޫނުކުރައްވާ ކިބުރުވެރި މީހެއް! ޔާމީނުގެ މައްސަލައެއް މިތަނުގައި އަޅުގަނޑަކަށްނެތް މުއިއްޒު އަބަދުވެސް ދިޔައީ ގަދަބަސްބުނަމުން ޚާއްސަކޮށް އިންތިޚާބު ކާމިޔާބުވިފަހުން.
އަޙްމަދު ޙަސަން
29 November 2023
ހަޤީޤަތަކީ ޔާމީން ހުންނެވީ އަދި ހުކުމެއްގައި. އެ ހުކުމުން ސަލާމަތްވެ ވަޑައިގަންނަވަންދެން ވެސް މަޑު ކުރެއްވިދާނެ ނޫންތޯ؟ ހުކުމެއްގައި ހުންނަވާ މީހަކަށް ޕާޓީގެ ކަންކަން ނުހިންގޭނެ ކަން ޔާމީނަށް ހަޖަމް ނުވެގެން އުޅޭ ކަހަލަ. އިއްޔެ ކޮންމެ ކަމެއް ކުރެއްވި ބޭފުޅަކަސް، މިއަދު ޤައުމުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަންނަވާ ބޭފުޅަކަށް އެހެން ހުރިހާ ބޭފުޅުން އިހުތިރާމް ކުރައްވަން ޖެހޭނެ. ރައީސްގެ ބާރުތައް އަތުލައްވަން ވިސްނެވުން ވެސް ގޯސް.
ފެއިލް
28 November 2023
އަދީބު ބަހައްޓައިގެން ހުރިހާ ޖަރީމާއެއް ހިންގަމުން ދިޔަ އިރު އަޅާނުލާ ހުރި މީހެއް ޔާމީނަކީ. ޔާމީނު ވާނީ ހަމަ ޔާމީނަށް
ޕުޝްޕާ
27 November 2023
މުއިއްޒު ޔާމީނުގެ މައްޗަށް އަނިޔާވެރިވީއެވެ. މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މުއިއްޒު ރައްޔޮތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެކެވެ. މިފަދަ ބޭފުޅަކު ދައްކަވާ އެހެންވާހަކަތަށް ވެސް ހުންނަނީ މިހެންނެވެ. އަހަރެން އަދި އަހަރެންގެ އާއިލާގެ ވޯޓް ޔާމީނުއަށް އަނިޔާދޭކަށް ނުލިބޭނެއެވެ. މިހިސާބުން ރައްޔިތުންގެ މަޖިލިސް އިންތިޚާބު ހަދާން ނައްތާލައްވާށެވެ. މަނިކުފާނާއި އަބްދުއްރަހީމްއަށްވެސް ދޮގުހެއްދެވޭނީ ވަކިވަރަކަށް ނޫންތޯއެވެ.
ގަހަރުލާދާ
27 November 2023
މުޢިއްޒަކީ މިވީހާ ތަނަށް ހިހޫ ތަނުން ކައިގެން އައިސްފައިވާ ބޭފުޅެއް ކަމުން ޔާމީން ފަދަ ސިޔާސީ ގޮތުން ޒީލަގަދަ ބޭފުޅަކާ ހަނގުރާމަ ކުރުމުގެ އެއްވެސް ތަޖުރިބާއެއް އަދި ގާބިލުކަމެއް މުޢިއްޒުގެ ނުހުންނާނެ. ވެރިކަމާއެކު ބާރު ތަކެއް ފުނިޖެހިފަ އޮތެއްކަމަކު އިދިކޮޅަށް ކުޅޭ މީހުން ގިނަ ކުރުމަކީ، ވެރިކަމަށް އަންނަން ވީ ވައުދުތައް ފުއްދުމަށް އެޅޭ ވަރަށް ބޮޑުހުރަހެއް. ޚާއްޞަކޮށް ޔާމީނު އިދިކޮޅު ކޯޓަށް އެރުވުމެވެ. އަޅާ އެންމެ ޅައެއްޗަކުން ވެސް ފުނޑިދާނެއެވެ.
ޢީޕާސް
27 November 2023
ބަލަމީ، ޔާމީނާއި، މީގެ 40 ވަރަކަށް އަރު މިގައުމުގައި ވެރިކަމަށް އަތްގަދަ ކޮށްގެން އުޅުނުމީހުންގެ ކުންފުންޏެއްތަ، މިނޫން އެހެންބަޔަކު ނެތޭކިޔާފައި، އަބަދު ވެރިކަމުގައި ބައިތިއްބަން. ޔާމީނު ޖަލުގައި ބަހައްޓައިގެން އެ އާއިލާ އުފުލި ވޭނުގެ އަގު ދިވެހިންނަށް އަދާނުކުރެވޭނެޔޭ ޖަމީލު ބުނިއިރު، ތިންސަތޭކަ އެތަކެއް މިލިޔަން ރުފިޔާ އެކައުންޓް ގައި ނެތްތަ؟ ކިތައް ބަޔަކަށް އަނިޔާކުރިތަ. އެއީ ހަމަ ޔާމީނަށް ޙައްގު ކަންތައްތައް؟. ޖަމީލު ޔާމީނަށް ބޮނޑިއެއްދީފި
ޙަހަަަ
27 November 2023
?????? ޖަމީލު އަކީ ވަރަށް ރަގަޅަށް ބަދަލުހިފަން ދަންނަ ބޭފުޅެއް.
އަފްރާސިޔާބު
01 December 2023
ރަނގަޅު މީ ކުންފުންޏެއް ނޫން ވީމާ އެހާ މަދު މުވައްޒަފުންނާއިގެން ކުރިއަށް ވަޑައި ގަންނަވަނީ. ރައީސް އިބޫ 1000 އަށްވުރެ ގިނަ ސިޔާސީ މީހުން ލިޔޯ އެކިޔަނީ އެވެސް ކުންފުންޏަކަށް ނުވާތީތާ؟
ކާރިސާ
27 November 2023
އަނބުރާ ޖަލަށް ޕްލީސް. ތި ޔާމީނަކީ އަހަރެންގެ ލާރީ ބިލިޔަނުން ވައްކަން ކޮއްގެން ހުކުމް ކޮށްފަ ހުރި ގައިދީއެވެ. ކިތަަންމެ ވަރަކަށް ލޯގޯ އާއި ޕާޓީ ހެދިޔަސް، ވަގުން ވާނީ ވަގުންނަށް.
މަޖަަން ނާރު
27 November 2023
މައްސަލަ އަކީ ހަމަ އެންމެ މައްސަލައެއް. ޕާޓީ ނުދަންނަމަ ގިނަބަޔަކަށް މަގާމުތައް ބަހާލުން. ޕާރޓީގަ ނެތީތޯ ކިޔަވާގެން ތިބި މީހުން.
5656
27 November 2023
ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ސްޕީޗްގަ ބުނި "ތިމަންނާއަށް މީހުން ދަހެއްނުވި" އެއީހަމަ ހައްޤު ތެދު. ޕީޕީއެމްގަތިބި ވަފާތެރިން ދޫކޮށް ތިދިޔައީ ޖަމީލު މަނިކުފާނުގެ ލޯޔަރަކަށް ހުރެދިނީތީ. މަނިކުފާނަކަށް ނޭނގުނު ޖަމީލު 3މަސްވާން އުޅެނިކޮށް އިސްތިއުނާފަށް ލީކަމާ ރިޕޯޓުތައް ނުލިބުމުން ޖޭއެސްސީއަށް ނުލިޔާކަމެއް. ސަބަބަކީ މަނިކުފާނަކީ ޖަމީލުގެ ދުޝްމަނެއް. ނައިބުރައީސްކަން ނިގުޅައިގަތީމަ މާފު ކުރވަރުގެ މާތް މީހެއްނޫން ޖަމީލަކީ. މީހުން ހަމަދަސްނުވި
ސަޕޯޓުފޯ މިހާރުގެ ރައީސް
27 November 2023
މީހަކު ކުރާހާކަމެއް ކުރަން ރުހުން ހޯދަން ވަގުތެއްނެތް ނިމިދިޔަ ސަރުކާރުގެ ގޯސްތައް ރަނގަޅުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައޮތީ. ޕާޓީއަށް ނުބަލާ މަގާމުތައްދޭނެކަމަށް ރައީސްވިދާޅުވީ ތައުލީމީ ގާބިލް މީހުން އައްޔަންކުރާނެކަމަށް. ރައީސް މުއީޒުގެ ބަހާ އަމަލާ އެބަ ދިމާވޭ. ވެރިކަން ކުރުމުގެ ފުރުސަތު ދެއްވަންޖެހޭ. އެއީ މުޅި ރައްޔިތުންނަށް ފައިދާވާގޮތަށް.
ސިއެރާ ޒޫލޫ
27 November 2023
ނޫނޭ ބަހާއި ޢަމަލާ އެއްވެސް ވަރަކަށް ދިމާނުވޭ! އަދިކީއްތަ ކެމްޕެއިންގަވީ އެއްވެސް ވަޢުދަކަށް ފަރުވާލެއްނުބަހައްޓާ. މިދާގޮތަށްދާނަމަ އެއިން އެއްވެސް ވަޢުދެއްފުއްދާނެކަމާމެދު ޝައްކު. ސަރުކާރުގެ ހުރިހާމަތީމަޤާމުތައް އަދުރޭ އާއި މުޢިއްޒުއާއި ދެމީހުންގެ ދެފަޅީގެ ޢާއިލީމީހުންނަށް ބަހާއެވަނީ ހުސްކޮށްފަ. ހިލްމެއްް ތަޖުރިބާއެއް ބެލުމެއްނެތިއެވެ.