މީރާ. އިންކަމް ޓެކްސް ނުދައްކާ އަދި ބަޔާން ހުށަނާޅާ 700 ކުންފުނީގެ މައުލޫމާތު އާންމުކޮށްފި -- ފޮޓޯ: މިހާރު
11 ޑިސެމްބަރ 2023 - 10:24
ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތަކެއް ވެސް ހިމެނޭ ގޮތަށް، އިންކަމް ޓެކްސް ނުދައްކާ 14 ކުންފުންޏާއި ޓެކްސް ބަޔާން ހުށަނާޅާ 686 ފަރާތެއްގެ ނަން މީރާ އިން އާންމުކޮށްފި އެވެ.
ޓެކްސް އިދާރާ، މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ގިނައީ ވިޔަފާރިތަކެވެ. އޭގެތެރޭގައި 13 ވިޔަފާރިއަކާއި އަމިއްލަ ފަރާތެއް ހިމެނެ އެވެ. އޭގެ ތެރޭގައި ސެންޗޫރިއަން ޕަބްލިކް ލިމިޓެޑާއި ސްޕެކްޓްރާ އެކްސްޓްރީމާއި ސީރިއަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތައް ހިމެނެ އެވެ.
ޓެކްސް ބަޔާން ހުށަނޭޅި ލިސްޓުގައި ހިމެނެނީ އިއްޔެގެ ނިޔަލަށް އެ މައުލޫމާތު މީރާއަށް ނުފޮނުވާ ކުންފުނިތަކެވެ. އޭގެ ތެރޭގައި ޖައުޒާ ރިސޯޓް އެންޑް އިންފްރާސްޓްރަކްޗާގައި އެރިޔަދޫ ރިސޯޓު ހިންގާ ކުންފުންޏާއި މެދުފުށި އިންވެސްޓްމެންޓާއި ރަހާ ރިސާޓު ހިންގާ ކުންފުންޏާއި ރީތި ރަށް ރިސޯޓާއި ޕްލުމޭރިއާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ސިބްކޯ އާއި ރަންފައުނާއި ޕޮއިޒް ފަދަ ކުންފުނިތައް ވެސް ހިމެނެ އެވެ.
1. ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް
2. ކޯސްޓަލް އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް
3. ޑީ އެންޑް ވީ ޕްރައިވެޓް ލިމިޓެޑް
4. ޑޯމަސް ޕްރައިވެޓް ލިމިޓެޑް
5. އެލިގެންޓް ސްޓީމް ޕްރައިވެޓް ލިމިޓެޑް
6. ފެޑޯ ޕްރައިވެޓް ލިމިޓެޑް
7. ރާއްޖެ ޓެލެވިޝަން ޕްރައިވެޓް ލިމިޓެޑް
8. ފޯތީސިޔާ ޕްރައިވެޓް ލިމިޓެޑް
9. މެރިނޭޑޯ ޕްރައިވެޓް ލިމިޓެޑް
10. މުހައްމަދު ނަޖާހު އަލީ
11. އޮކްޓޮޕަސް ސިސްޓަމް ޕްރައިވެޓް ލިމިޓެޑް
12. ސީރިއަލް އިންވެސްޓްމެންޓް
13. ސްޓޯލިއަން މޯލްޑިސް
މީރާ އަށް އިންކަމް ޓެކްސް ނުދައްކައިގެން އާންމުކުރަނީ އެއް ލައްކަ ރުފިޔާ އަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ފަރާތްތަކެވެ.
އިންކަމް ޓެކްސް އަދި ބަޔާން ހުށަނޭޅި ކުންފުނިތަކުގެ ނަންތައް އާންމުކުރި އިރު މިދިޔަ މަހު މީރާއިން ވަނީ ޓެކްސް ނުދައްކާ ކުންފުނިތަކާއި ބަޔާން ހުށަނާޅާ 213 ކުންފުނީގެ ނަން އާންމުކޮށްފި އެވެ. އެގޮތަށް ކުންފުނިތަކުގެ މައުލޫމަތު އާންމު ކުރަނީ "ނޭމް އެންޑް ޝޭމް" އުސޫލުގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން މީރާގެ ވެބްސައިޓްގައި ޝާއިއުކުރުމަށް ފަހު ގެޒެޓުގައި ވެސް އެފަދަ ކުންފުނިތަކުގެ މައުލޫމާތު ހިމަނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭ
12 December 2023
މިހުސްވި ސަރުކާރުން ހެދިހެން މިސަރުކާރުން ނަހަދައިފިއްޔާ ރަނގަޅު. އިބޫއޭކިޔާ ރައީސަކު، އައުލާދު މީހުންނާ ގާތްމީހުންގެ ޓެކްސް 1 ބިލިއަން މާފުކޮށްލަދިނީ އެމަނިކުފާނުގެ ހެޔޮފުޅުކަމުން. ބަސްމަދުކަމުން. ރިއެކްޓް ނުކުރައްވާތީ. މީ ރައްޔިތުންގެ ފައިސާކަމެއް ނޭނގުނު. އެހެރީ، މިހާރު އަނެއްކާ ރައްޔިތުންނަށް ބަލަދުއަރާފަ. މީ ތަކުރާރުވާކަމަކަށް ނުވާނެގޮތެއް މިސަރުކާރުން ހަދާނެކަމަށް ހީކުރަން
އައިޝަތު އަލީ މާގްރެޓް
11 December 2023
ދައުލަތުގެ ޝަރަފުވެރި މަގާމުތައް ދީ ބޭރުގައުމުތަކަށް ރައީސާއެކު ވަޑައިގަންނަވާ ވަފުދުގަ ހިމެނޭ ބޭފުޅުން މިލިސްޓުގަ އޮތުމީ ލަދުވެތިކަމެއް. ހަބަރުގަވެސް ލިސްޓްގަ ނަންޖެހުން ފިޔަވާ އިތުރު ސްޕޮޓްލައިޓެއް މިކަމަށް އަޅުވަން ނުކެރުނީމަ، އަޅުގަނޑުވެސް ކޮމެންޓްގަ އެބޭފުޅާގެ ނަން ލިޔާކަށް ނެތިން.
ވައްސަ
11 December 2023
ތި ދެން މާ ފައްކާ ގޮތެއް. ވިޔަފާރި ބޮޑު ވީމަ ލިސްޓެއް އާންމު ކޮށްލަނީ. އާދައިގެ ވިޔަފާރި އެއްވީމަ ވަގުތުން ދައުވާ ތަކާ ހުއްދަތައް ބާތިލު. މީތަ އަދުލު އިންސަަފަކީ.
އޮނަރަބްލް އަފީފު ދީދީ
11 December 2023
ޓެކްހަށް މަކަރުހެދުމާއި ޓެކްސް ނުދެއްކުމަކީ ރާއްޖޭގެ ޤާނޫނުގައިވެސް ކުށެއް. އަދި ޑިމޮކްރަޓިކް ތަހުޒީބު ގިނަ ދައުލަތްތަކުގައި މިއީ ޖިނާއީދައުވާ އުފުލާ ބޮޑުއަދަބުދީ ޖަލަށްލައި އަދި އޭނާގެމުދާ ދައުލަތަށްނަގާވަރުގެ ކުށެއްކަމަށްކަޑައަޅާ އެކަން ތަންފީޒުކުރާ ކަމެއް. # ރާއްޖޭގައި ޓެކްހަށްމަކަރުހަދާ ޓެކްސްނުދައްކާ "ބޮޑުންނަށް" ސަރުކާރު ހިންގާންތިބޭ މީހުންގެފަރާތުން އިނާމްދިނުން އާންމުކަމަކަށް ވެއްޖެ. މިކަންބަދަލު ކުރެވޭނެގޮތްތައްވެސް ދުނިޔެވަނީ ހޯދާފައި.
އޮނަރަބްލް އަފީފު ދީދީ
11 December 2023
ޤާނޫނުގައި ލާޒިމްކޮށްފައިވާ "ދައުލަތަށް ދައްކާންޖެހޭ ޓެކްހެއް" ހިދުމަތްހޯދާ ފަރާތުގެއަތުންނަގާފައި އެފައިސާ ދައުލަތާއި ޙަވާލުނުކުރުމަކީ މިޒަމާނުގައި "މަކަރާއި ހީލަތުގެ އަމަލެއްކަމަށް" ބަލާއުޅޭ. # ރާއްޖޭގައި އާންމުކޮށް "ޓެކްހަށް މަކަރުހަދަނީ ޓްއަރިޒަމް ވިޔަފާރިއާއި ގުޅުންއޮންނަ ފަރާތްތަކުން ކަމަށްވާތީ" ދައުލަތުގެ ރެވެނިއި އޮތޯރިޓީއާއި ސަރުކާރުން ފިޔަވަޅުނާޅާނަމަ، ރައްޔިތުނަށް Pressure Group ހަދައި ފަތުރުވެރިންގެ ސަމާލުކަމަށް މިކަންގެނެވިދާނެ.
ޕިރާޑް
11 December 2023
ތި މީހުންނަށް ސަރުކާރުން މާފުދޭނޭ ކަމަށް އުންމީދު ކުރަން..އަދި ނިކަމެތި މީހާ ސަރުކާރަށް ދައްކަންޖެހޭ ފައިސާކޮޅު ލުޔެއްނުދީ ނަގާނެކަމަށްވެސް އުންމީދުކުރަން...ބިލިއަނުން ކެއި މީހަށް މާފު ލިބިފަ ރިހާކުރު ފުޅި ވަގަށް ނެގިމީހާ ޖަލުގައި ޖެހުނީ މުއްދަތު ހަމަކުރަން..
ޑިސްއޮނަރަބަލް ޑީޑީ
11 December 2023
ޕެނަމާ ޕޭރުތަކުގާ އޮތް ނަމެއްވެސް މި ލިސްޓުން އެބަ ފެނޭ.
ޕިރާޑް
11 December 2023
ޕެނަމާ ޕޭރުތަކަކީ ކޮބައިތޯ
ރެކިފުތާ
11 December 2023
ނޭމް އެންޑް ޝޭމް ވިޔަސް އޯކޭ. ޓެކްސް ނުދެއްކިޔަސް އެއްކަމެއްވެސް ނުކުރެވޭނެޔޭ މިމީހުން ބުނަނީ. ތިޔަ ރަހާ ރިސޯޓަކީ އެތައް އަހަރެއްގެ ޓެކްސް ނުދައްކާތިބި ބައެއް. ބަދަލުވާ ސަރުކާރެއްގެ ކޮޅަށްއަރާ އިދިކޮޅަށް ހެއްދެވި ނުހެއްދެވިއަށް ގޮވީމާ ރައްޔިތުންނަށް ދައްކަންޖެހޭ ޓެކުސް މާފުވީ. މީރާއިންވެސް ފެލާލަނީ އާދައިގެ މީހާގެ އަތުން.