އާސަންދަ މެނޭޖްމެންޓުގެ ބޭފުޅުން އެސްއޯއީ ކޮމިޓީގައި -- ފޮޓޯ: މަޖިލީސް
12 ޑިސެމްބަރ 2023 - 13:40
އާސަންދައިގެ 56 ޕަސެންޓް ހޭދަކުރަން ޖެހެނީ ފާމަސީތަކަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ޒީނިއާ ވިދާޅުވީ، އާސަންދަ ސްކީމުން އެންމެ ބޮޑު ހަރަދެއް ކުރަނީ ބޭހަށް ކަމަށާއި މިހާރު އަމަލު ކުރާ ބަލްކް ޕްރޮކިއުމަންޓުން އެއަށް ލުއިތަކެއް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑު ހަރަދެއް ހިނގާ 11 ބޭހެއް ބަލްކް ޕްރޮކިއުމެންޓް އުސޫލުން ގެންނަ ކަމަށެވެ.
ޒީނިއާ ވިދާޅުވީ، ބޭހަށް ކުރާ ހޭދަ ކުޑަކުރުމަށް ޑަބްލިއުއެޗްއޯ އާ އެކު މަސައްކަތްތައް ކުރި ކަމަށާއި އެގޮތުން މިދިޔަ މަހު، އެކަން ކުރެވޭނެ މޮޑެލްތަކެއް ވެސް އެ އިދާރާއިން އާސަންދައާ ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ތިން މަހުގެ ތެރޭގައި އެކަން އިމްޕްލިމެންޓް ކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. އޭރުން ވެސް އަގުތައް ތަންކޮޅެއް ކުޑަކުރެވޭނެ ކަމަށް ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ޒީނިއާ ވިދާޅުވީ، ފާމަސީތަކަށް ހުއްދަ ދީ ލިސްޓު އެކުލަވައިލުމުގައި އާސަންދަ އަށް ކޮންޓްރޯލެއް ނޯންނަ ކަމަށާއި އެކަން ނިންމަން ޖެހޭނީ ޕޮލިސީ ލެވެލްގައި ކަމަށެވެ.
"މިސާލަކަށް ވަކި ޕޮޕިއުލޭޝަނަކަށް ވަކި ވަރަކަށް ފާމަސީ ބެހެއްޓުން. ފާމަސީ އަށް ހަމަ އެންމެ ބޮޑު ކޮސްޓެއް ދަނީ،" އޭނާ ވިދާޅުވި އެވެ.
ބޭސް ފިހާރަތަކެއް: އާސަންދައިން އެންމެ ބޮޑު ހޭދަކުރަނީ ބޭސް ފިހާރަތަކަށް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ބޭސް ނަގާ އިރު ވެސް އޮންނަ އުސޫލުތަކާ ހިލާފަށް އެކަން ކުރާކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ ކަންކަން ހުއްޓުވަން ބޭސް ނަގާ މީހާ ވެސް މިފަހަރު މެސެޖު ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒީނިއާ ވިދާޅުވީ، ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގަނީ ޕްރައިވެޓް ހޮސްޕިޓަލުތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، ޕްރޮސީޖަރުތަކުގެ ހަރަދު ކުޑަ ނަމަވެސް ފައިނަލް ބިލް އަންނަ އިރު ވަރަށް ބޮޑުވާ ކަމަށެވެ. އެކަން ހެލްތް މިނިސްޓްރީން ކޯ-ޕޭމެންޓެއް ހަދާފައި ނެތުމުން އެކަން ކޮންޓްރޯލު ކުރެވޭނެ ގޮތެއް އާސަންދައަށް ނޯންނަ ކަމަށެވެ.
"މިސާލަކަށް ސިޒޭރިއަނަކަށް 1،000ރ. ކަނޑައަޅާފައި އޮންނަ އިރު ބަލިމީހާ ނުކުމެގެން އަންނަ އިރު އެބަ އަރާ ތިން ލައްކަ ވަރު. އެ ހަރަދުތައް ކުޑަކޮށްގެން، ހަމަ ރާއްޖޭން ބޭރަށް ކުރާ ހޭދަ ބައެއް ޕްރައިވެޓް ހޮސްޕިޓަލުތަކަށް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޒީނިއާ ވިދާޅުވީ، ޕްރައިވެޓް ހޮސްޕިޓަލުތަކަށް ދާ ހޭދަ ކުޑަކުރެވޭނީ އައިޖީއެމްއެޗްގެ ހިދުމަތް ރަނގަޅުކޮށްގެން ކަމަށެވެ.
މި އަހަރުގެ މިހާތަނަށް 1.7 ބިލިއަން ރުފިޔާ އާސަންދަ އަށް ވަނީ ހޭދަކޮށްފަ އެވެ. މި އަހަރު ނިމޭ އިރު އާސަންދަ އަށް 2.3 ބިލިއަން ރުފިޔާ ހޭދަކުރަން ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާމަސީތަކައް
13 December 2023
ބަލިވެގެން ޑޮކްޓރައްދެއްކީމަ ސިޓީލިޔެދެންޏާ ފާމަސީތަކަށް ދާނެ އެއީ އާސަންދަ އޮފީހުގަ އިންނަ މީހަކާބެހޭކަމެއްނޫން މިހާރު އާސަންދައަކާހުރެ ބޮޑު ނޮހޮރުއްޕާނަކައްވެއްޖެ އަންނަ ކޮއްމެ ސަރުކާރަކުން އާސަންދައިން ނެއްޓެނަ ނޭގިގެން މިއުޅެނީކީއްވެ
ތަކުރުބެއްޔާ
13 December 2023
56 ޕަސެންޓް ހަރަދު ކުރަނީ ޕާކިސްތާން އައި އިންޑިއާ އިން ގެންނަ ފޭކް ބޭސްތަކަށް. އިހްލާސްތެރި ނަމަ ތީކީ ހައްލުކުރަން އެހާ އުދަގޫ ކަމެއް ނޫން. މިހާރު ކޮންމެ ރަށެއްގައި އެސްޓީއޯ ފާރމަސީ އެއް ހުންނާނެ. ހަމަ އެކަނި އެސްޓީ އޯ ފާރމަސީ ތަކުން އާސަންދަ ލިބޭގޮތް ހަދަން ވީ. ނުވަތަ ސަރުކާރު ހޮސްޕިޓަލް ތަކުގައި ފާރމަސީ ހުޅުވާފައި އެތަނުން ބޭސް ލިބޭ ގޮތައް ހަދާ. ތިކަން ހައްލު ކުރާކަށް އެކަކު ވެސް ނޫޅޭ. ތީ އެންމެންނަށް ބައި އެޅިގެން ކުރާ ބޮޑު ވިޔަފާރިއެއް.
ޒީނިއާ ދައްތަ
12 December 2023
އާސަންދައިން ކުރާ ބޮޑު ހަރަދެއް ހިނގަނީ އޭޑީކޭއަށް. އެހެންކަމުން، އާސަންދަ ސަލާމަތް ކުރެވެން އޮތީ އެތަނުގައި ސަރުކާރުގެ ހޮސްޕިޓަލެއް ހިންގައިގެން. އަދި ދައުލަތުގެ ހަރަދުގައި ކިޔެވި ޑޮކްޓަރުން ސަރުކާރު ހޮސްޕިޓަލްތަކުގައި ހިދުމަތްދޭ ވަގުތު އިތުރު ކޮށްގެން. މިސާލަކަށް، އައިޖީއެމްއެޗްގެ މެޑިކަލް ޑިޕާޓްމަންޓްތަކުގެ ވެރިން އެތަނުގައި މަސައްކަތް ކުރަނީ ހަފުތާއަކު އެއް ދުވަހު. ދެން ހުސް އަމިއްލަ ކުލިނިކުތަކުގައި ގިނަ ފައިސާ ހޯދުމުގައި.
ތުނިޔަ
12 December 2023
އިންޑިޔާގެ އާސަނަދަ ލިބޭ ހޮސްޕިޓަލް ތަކުން ކީތްވެބާ Bali މީހާއަށް އޭނަގެ ބިލަށް އެރިވަރު ބުނެ ނުދެނީ؟ ހިތަށްއަރާ އެމީހުން އާސަނަދައަށް ބިލުކުރަނީ Hama އަސްލުވެސް ބަލިމީހާއަށް ދިން ޚިދުމަތަށްބާއޭ. kithanme ޓެސްޓެއް ހެދިކަމަށް ބިލުކޮށް އާސަންދައިން laari ނެގިޔަސް ރައްޔިރުންނަށް ކޯއްޗެއްތޯ އެނގޭނީ ވަކި މިއީ އާސަންދައިގެ ނަމުގަ ބަޔަކު ހިންގާ viyafaari ގަނޑެއް
އަލިދޫދޫ
13 December 2023
އަހަރުމެންނަށް ލިބޭ ބިލް. އަދި އެ ހިދުމަތް ލިބުނު ކަމަށް ސޮއިވެސް ކުރަން ޖެހޭ.
އ
12 December 2023
ތިކުންފުނި އުވާލާ ރައްޔަތުންނައް ޝަރުތަކާ ނުލާ ހިލޭ ބޭސްފަރުވާކުރެވެންޖެހޭނެ. ކޮން އެންސުޕާ އަކާ އާސަންދައެއް ހިންގާކައް.... ތިވައްތަރައް ކުންފުނި ހިންގައިގެން ރައްޔިތަކައް ވާކަމެއް ހަރާމް....
ބޭހަށް ކުރާ ހޭދަ ކުޑަކުރެވޭނީ........
12 December 2023
ކުދިބޮޑު އެންމެން ކަސްރަތަށް އަހުލުވެރި ކުރެވިއްޖެނަމަ ބޭހަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރެވޭނެކަން ކަށަވަރެވެ.
އަލީ
12 December 2023
ސޯސަންމަގު ވިލާޓިޥީ ގޯޅިގަ އިންނަ ބޭސް ފިހާރައަކީ 100 ޕަސަންޓު އިންދިޔާ މީހެއްގެ ތަނެއް. އެކަމަކު ލަމެއްނުވާނެ ވިއްޔަ
އަފްރާސިޔާބު
12 December 2023
އެހެންވެގެންދޯ ކޮންމެ މީހަކުވެސް ހައެއްކަ ތަން މިހުޅުވަނީ؟ އެބައި މަދުކުރަންޖެހޭނެ.
ކޮމެންޓޭ1
12 December 2023
ފެންނަ ފެނުމަށް މުޅި ދުނިޔޭގަވެސް ޑަކްޓަރީ ބޭސް އެންމެ ގިނައިން ބޭނުން ކުރާ ގައުމަކށް ދިވެހިރާއްޖެ ވާނެ. ކިރިޔާ ކަމެއް ވާއިރަށް ދުއްވައިގަންނަނީ ސްޕެލިސްޓުން ކާރިއަށް ދެން އެމީހުން ލިއެދެނީ ބޮޑު ބޭސް ސިޓީއެއް. ޑަކްޓަރުން ފާމަސީ ތަކާ ކުލިނިކު ހިންގާ މީހުންނާ މިތިބެނީ ލާމެހިފަ. އެހެންވީމަ ބޭސް ވިކުނީމަ ވާ ފައިދާ ވަރަށްބޮޑު.
ކޮރަލް
12 December 2023
މާލެ އާ ރަށރަށުގެ އެސްޓީއޯ ގެ ބޭސް ފިހާރަތައް ވަރުގަދަ ކުރަން ވީ އެވެ. އޭރުން ފައިސާ ވަންނާނީ ސަރުކާރަށެވެ. ހުޅުމާލޭ ހޮސްޕިޓަލް ހުޅުމާލޭ އާބާދީ އަށް ވ ކުޑަ އެވެ. ސަރުކާރުން ބޭރު ބަޔަކާ ގުޅިގެން ބޮޑޫ ހޮސްޕިޓަލް އެއް އަޅަން ވީ އެވެ.