ކުޅިވަރު / ދިވެހި ކުޅިވަރު

ކޮންމެ ރަށެއްގައި މުބާރާތެއް، ކުޅުންތެރިން އުފެދޭތަ؟

މިނިވަން ޗެމްޕިއަންޝިޕްގައި ފޭދޫ އާއި މަހިބަދޫ ކުޅުނު މެޗުގެ ތެރެއިން: މިނިވަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ޓީމުތަކުން ޔޫތު ލެވެލްގެ ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ގަވާއިދު ބުނޭ. -- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ވެސް ޑިސެމްބަރު ބަންދުގައި، ވާދަވެރި ފުޓްބޯޅަ މުބާރާތެއް ބާއްވަ އެވެ. ބައެއް ރަށްރަށުގައި ސްޕޮންސަރުންގެ އެހީއާ އެކު ޒުވާނުން މުބާރާތް އިންތިޒާމް ކުރާއިރު އަނެއްބައި ރަށްރަށުގައި މިފަދަ މުބާރާތްތައް ބާއްވައިދެނީ އެ ރަށަކަށް ނިސްބަތްވާ މަޖިލިސް މެމްބަރު ނުވަތަ ވިޔަފާރިވެރިއެކެވެ. ކޮންމެ މުބާރާތަކަށް އެވްރެޖްކޮށް ލައްކައެއްހާ ރުފިޔާ ހަރަދުކުރެ އެވެ. އެކި ދިމަދިމާލުން ކުޅުންތެރިން ގެނެސް ފޯރިގަދަ މުބާރާތެއް އަބަދުވެސް ބާއްވަ އެވެ. މިއީ ސާބަސް ހައްގު ކަމެކެވެ. އެކަމަކު ސުވާލަކީ މިފަދަ މުބާރާތްތައް ރޭވިފައި އޮންނަނީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ފައިދާވާ ގޮތަށް ބާވަ އެވެ؟ ލައްކައިން ހަރަދުކޮށްގެން ބާއްވާ މުބާރާތުން ކުޅުންތެރިން އުފައްދައިދޭ ހެއްޔެވެ؟

"ފޯރި އިންތިހާއަށް ގަދަ. އެކަމަކު މުބާރާތްތަކުން ލިބެން ޖެހޭ އަސްލު ފައިދާ ނުލިބޭ. އޭގެ އެންމެ ބޮޑު ސަބަބަކީ، ކުރިމަގެއް ނެތް ކުޅުންތެރިންނަށް މާބޮޑަށް ފޯކަސްކޮށްގެން ބާއްވާތީ. ޖޫނިއާ ލެވެލްގެ ނުވަތަ ޔޫތު ލެވެލްގެ ކުޅުންތެރިންނަށް ފުރުސަތުތަކެއް މާބޮޑަށް ނޯވޭ،" ފުޓްބޯޅައިގެ ތަޖުރިބާކާރަކު ހިޔާލު ފާޅުކުރި އެވެ.

މިފަދަ މުބާރާތްތަކުގައި ވާދަކުރަނީ ރަށުގެ އެކި އަވަށްތައް ނުވަތަ ޒުވާން ގްރޫޕްތަކުގެ ޓީމުުތަކެވެ. އެހެންވެ ވާދަވެރިކަން ވަރަށް ބޮޑެވެ. ނަތީޖާއަކަށްވަނީ ސީދާ ތަށްޓަށް އަމާޒުކޮށް ބޮޑު އަގުގައި ކުޅުންތެރިން ހޯދުމެވެ. ފުރަތަމަ ޑިވިޝަނުންނާއި ކައިރި ރަށްރަށުން އަދި ރިޒޯޓްތަކުންނެވެ. ބައެއް ކުޅުންތެރިންނަށް މުބާރާތަކަށް އެވްރެޖްކޮށް ވިއްސަކަށް ހާސް ރުފިޔާ ދެ އެވެ. މުބާރާތް ނިމުމުން އެ ކުޅުންތެރިން ދާނީ އެނބުރި ފުރަތަމަ ޑިވިޝަނަށެވެ. ނުވަތަ ރަށަށް ނުވަތަ ރިޒޯޓުގެ ވަޒީފާއަށެވެ. ގިނަ ކުޅުންތެރިންނަކީ 25 އަށް ވުރެ އުމުރު މަތިވެފައިވާ އަދި ކޮންމެވެސް ސަބަބަކާ ހުރެ ޕްރޮފެޝަނަލް ލެވެލްގައި ފުޓްބޯޅަ ކުޅެން ބޭނުންނުވާ ކުޅުންތެރިންނެވެ.

ބޮޑު ހަރަދުކޮށްގެން ބާއްވާ މުބާރާތްތަކުގައި އެއްކަލަ ފުޓްބޯޅައިން ކުރިއަށްދާން ބޭނުންވާ ކުއްޖާއަށް ހުނަރު ދައްކާލާނެ ޕްލެޓްފޯމެއް ނެތެވެ.

"ލައްކައިން ރުފިޔާ ހަރަދުކޮށްގެން މެމްބަރު ނޫނީ ވިޔަފާރިވެރިޔަކު މި ބާއްވައިދެނީ މުބާރާތެއް. އެފަދަ މުބާރާތްތަކަކީ ރަށުގެ ފުޓްބޯޅަ ކުރިއަރުވަން ލިބޭ ރަނުގެ ފުުރުސަތެއް. އެކަމަކު އޭގޭ ބޭނުމެއް އެންމެ ރަނގަޅަށް ނުހިފޭ. ކޮންމެވެސް ތަނަކުން ބޮޑު އަގު ދީފައި ކުޅުންތެރިންތަކެއް ގެނެސް މުބާރާތް ނިންމާލަނީ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބޭ ގޮތަށް މިފަދަ މުބާރާތްތައް ރާވަން ބާރުއަޅަން ޖެހޭ،" އައްޑު އަތޮޅަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ މަސައްކަތުގައި އުޅުނު ޒުވާނަކު ބުންޏެވެ.

އެފްއޭއެމުން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގަވާއިދު ބުނާ ގޮތުން ޔޫތު ލެވެލްގެ ކުޅުންތެރިންނަށް ވަކި އަދަދަކަށް ފުރުސަތު ދޭން ޖެހެ އެވެ. އެކަމަކު އާއްމު ފަރާތްތަކުން ބާއްވާ މުބާރާތްތަކަށް އެފަދަ ގަވާއިދެއް ލުމަކީ އެފްއޭއެމަށް ކުރެވޭނެ ކަމެއް ނޫނެވެ.

އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އާއްމު ފަރާތްތަކުން ބާއްވާ މުބާރާތްތަކުން ޔޫތު ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ވަރަށް ބޮޑަށް ބާރު އަޅާ ކަމެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ތަރުހީބު ދެއްވާނެ ކަމަށެވެ.

"މިކަހަލަ މުބާރާތްތަކުގެ ތެރެއިން ލާފައި ކުޅުންތެރިން އުފެދުމަކީ ވަރަށް މުހިއްމު ކަމެއް. ކޮންމެ ރަށެއްގައި މުބާރާތެއް އޮންނައިރު މިއީ ކުޅުންތެރިން އުފައްދަން ރަނގަޅު ފުރުސަތަކަށް ހެދިދާނެ،" ޖަވާ ވިދާޅުވި އެވެ.

ބައެއް މުބާރާތްތަކުގެ ގަވާއިދުގައި ޖޫނިއާ ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް އޮތް ނަމަވެސް އެއީ ހަމައެކަނި ނަމަކަށް އޮންނަ ގަވާއިދެކެވެ. ގަވާއިދަށް ފައްތަން ޖޫނިއާ ކުޅުންތެރިންގެ ނަން ލިސްޓުގައި ޖެހިޔަސް ކުޅެން ފުރުސަތެއް ނުލިބެ އެވެ.

"ވަރަށް މުހިއްމު ކަމެއް ޔޫތު ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ. މުބާރާތުގެ ގަވާއިދުގައި ހިމަނަން އެބަޖެހޭ ޔޫތު ވަކި އަދަދަކަށް ކުޅުންތެރިން ކުޅެން ޖެހޭ ކަމަށް. ނުވަތަ އެގޮތަށް ބާއްވާ ކޮންމެ މުބާރާތަކާ އެކު ޔޫތު ކުޅުންތެރިންނަށް މުބާރާތެއް ނުވަތަ ފެސްޓިވަލެއް ވަކިން ބޭއްވުން މުހިއްމު،" ވައިޑީޕީ ކޯޗަކު ބުންޏެވެ.

މިއީ މުބާރާތް އިންތިޒާމްކުރާ ފަރާތުން ވެސް ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. މިސާލަކަށް ބަލާނަމަ މެމްބަރު ނުވަތަ ވިޔަފާރިވެރިޔާ ބޮޑު ހޭދައެއްކޮށްގެން މުބާރާތެއް ބާއްވަނީ ރަށުގެ ކުރިއެރުމަށެވެ. އެކަމަކު އެގޮތަށް ބާއްވާ މުބާރާތެއް ނިމިގެންދާއިރު ދާއިމަށް ފައިދާއެއް ނުކުރަންޏާ އެއީ މައްސަލައެކެވެ. ޗެމްޕިއަން ޓީމަށް ލައްކައެއްހާ ރުފިޔާދީފައި މުބާރާތް ނިންމާލާއިރު މުބާރާތުން ހާސިލްވީ ކޮން ކަމެެއްތޯ މިއީ ވިސްނަން ޖެހޭ ކަމެކެވެ. ވިޔަފާރި ކުންފުނިތަކުން މުބާރާތްތަކަށް ސްޕޮންސާ ދޭއިރު އެފަދަ ކަމަކަށް ޝަރުތުކުރުން މުހިއްމެވެ.

"މުބާރާތް ބޭއްވީމާ ވިޔަފާރިވެރިޔާ ނުވަތަ މެމްބަރު ނޫނީ އެ ޖަމިއްޔާއެއްގެ މަގުބޫލުކަން ބޮޑުވެގެންދޭ. ދެން ކޮބާ ފުޓްބޯޅައަށް ކުރާ ފައިދާއަކީ؟ މިހާރު މިއޮންނަ މޮޑެލުން ނުވޭ ފައިދާއެއް. ސްކޫލް ކުދިންނަށް މުބާރާތެއް ބާއްވައިދޭތަން ފެންނަނީ ވަރަށް މަދުން. އެގޮތަށް މުބާރާތް ބާއްވައިފި ނަމަ ކިތައް ކުޅުންތެރިންގެ ހުނަރު ފެންނާނެ. އެކަމަކު މިހާރު ބާއްވާ މުބާރާތްތަކުގައި ހުނަރު ދައްކާލަން މި ލިބެނީ އުމުރުމަތިވެ ފުޓްބޯޅަ ކެރިއަރެއް ބޭނުންނުވާ ކުޅުންތެރިޔާއަށް. އޭނާ އަށް ކިތަންމެ ފުރުސަތެއް ދިނަސް އޭގެ ބޭނުމެއް ނުހިފާނެ،" ފުޓްބޯޅަ ކޯޗަކު ހިޔާލުފާޅުކުރި އެވެ.

މިފަދަ މުބާރާތްތައް ކުޅެލައިގެން އަހަރެއްގެ ތެރޭ ބޮޑު އާމްދަނީ ހޯދާ ގިނަ ކުޅުންތެރިން އުޅެ އެވެ. އަހަރެއްގެ ތެރޭ ހަތަރު ވަރަކަށް މުބާރާތް ކުޅެލައިގެން ލައްކައެއްހާ ރުފިޔާ ބައެއް ކުޅުންތެރިން ހޯދަ އެވެ. އެ ކުޅުންތެރިންގެ ކިބައިގައި ހުނަރު ހުރެމެ އަދި ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުނަސް ދާން ބޭނުމެއް ނުވެ އެވެ. އަމިއްލަ ރަށުގައި ހުރެގެން، މިފަދަ ދެ ތިން މުބާރާތް ކުޅެލައިގެން އާމްދަނީ ހޯދާލައިގެން ހުންނަން ބޭނުންވަނީ އެެވެ.

ފުޓްބޯޅައިން ކުރިއެރުން ހޯދަންޏާ އެންމެ ބޮޑަށް އަޅާލަން ޖެހޭ ބަޔަކީ ޖޫނިއާ ކުދިންނެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް އަރާ ފުޓްބޯޅައިގެ ފޯރިގަދަ ރާޅަކީ އެފަދަ ކުޅުންތެރިންގެ މުސްތަގްބަލް ހަލާލުކޮށްލާ އެއްޗަކަށް ވެގެންނުވާނެ އެވެ. ބޮޑު ހަރަދުކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތްތަކުން އެފަދަ ކުދިންނަށް ހުނަރު ދައްކާލަން ފުރުސަތު ދިނުން ވަރަށް މުހިއްމެވެ. އޭރުން ފޯރިގަދަ އަދި މުސްތަގުބަލަށް ވެސް ފައިދާކުރާނެ މުބާރާތެއް ބޭއްވުނީ އެވެ.

11 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Parents

11 February 2017

ކުޅުން ތެރިން އުފެދޭ ގައުމީޓީމުން ވެސް ޖާގަ ދެނީ ނުފޫޒު ބޭނުން ކޮއްގެން އެއީ އެންމެ ބޮޑު މައްސަލައަކީ ، ހާއްސަ ކޮއް ބާސްކެޓް ފާހަގަ ކޮއްލަން

The name is already taken The name is available. Register?

ޝަބާބު

11 February 2017

ފ.ނިލަންދޫގައި ކޮންމެ އަހަރަކުވެސް ޑިސެމްބަރ މަހު މުބާރާތެއް ބާއްވަން. 10 ވަރަކަށް އަހަރުވެއްޖެ މިފަދަ ގޮތަކަށް ކުރިޔަށް ގެންދާތާ. ނަތީޖާވެސް މުޅިއަކުން ގޯހެއްނޫން. ޖަމިއްޔާތަށް ގުޅިގެން މިދިޔަ އަހަރުން ފެށިގެން 14 އަހަރުން ދަށަށް އަމާޒު ކޮށްގެންވެސް މުބާރާތް ބާއްވަން ވަނީ ފެށިފައި.

The name is already taken The name is available. Register?

ހޯދޭނެއޭ

11 February 2017

ލުކް، ލުކް، ލުކް.. ޔޯއް ޔޯއް.. ރާއްޖެތެރޭ ކޮންމެ ރަށެއްގައި އަދި ކޮންމެ އަތޮޅެއްގައި ލޯކަލް ލެވެލް ގައި ފުޓް ބޯޅަ މުބާރާތް ބާއްވައިގެން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ. އޯއްޕް. އެއީ ކުރާ ބޭކާރު ޚަރަދެކޭ. އޯއްޕް. އޭގެ ސަބަބުން ޓެކްސްޕޭޔަރ މަނީ އިސްރާފު ވަނީ އޭ. އޯއްޕް، މީހުން ޖޯކް ޖަހަނީއޭ އެކަމަށް. އޯއްޕް. އެކަން ހުއްޓާލުމަށް ފަހު މާލެ ސަރަހައްުދުން ފުޓް ބޯޅަ ކުޅުން ތެރިން ނަގައިގެން ގައުމީ މުބާރާތް ތައް ބާއްވަންވީއޭ. އޯއްޕް. އެއިރުން ނޭ ޚަރަދުކުޑަ ވެފައި ކޮލިޓީ ކުޅުން ތެރިން ނެރެވޭނީ. އޯއްޕް. މައި ސަރުކާރުން އަހަރަކު ރާއްޖެތެރޭ ރަށެއް ފަޅު ކުރަމުން އެރަށު އެންމެން މާލެ ސަރަހައްދަށް ބަދަލު ކުރާށޭ. އޯއްޕް، އޯއްޕް، އޯއްޕް، އެއިރުން ފުޓް ބޯޅައިގައި ރާއްޖެ އަށް ކުރިހޯދޭނެއޭ. ހޯދޭނެއޭ، ހޯދޭނެއޭ..

The name is already taken The name is available. Register?

ކޮލޮމްބޯ

11 February 2017

މީނައަށް ނޭގޭ އެއްޗެއް ނުބެހޭކަމެއް ނޯވެއެވެ. ރޯނު އެދުރު ހެދިގެން ތިހެން އުޅެނިކޮށް ކޮންމެވެސް ގޮތަކަށް ކަލޭ ގަބޫލު ނުކުރިޔަސް ﷲ އިރާދަކުރައްވައިފިއްޔާ މި ސަރުކާރު ނިމިގެންދާކަށް ހަމަ ހިނދުކޮޅެއްވެސް ނުނަގާނެއެވެ. ގާރޫނު ބުނާ ކަހަލަ ކުފުރު ބަސްތައް ބުނެ ހެދިޔަސް ތަގްދީރުގެ ކުރިމަތީގައި ކަލޭގެ މެތެމެޓިކްސް އާއި ސައެންސް އިދަޖެހިގެންދާއިރު، ކަލޭގެ އެއްވެސް ތިޔަރީއެއް ދިމައެއް ނުވާނެއެވެ. ނިކަންހުރެ ކަލޭ ދަމާކޫއްތާފައި ގެންދެވޭނެ ދުވަސް އަންނަހުއްޓެވެ. އިންޝާﷲ

The name is already taken The name is available. Register?

ތިލަދުންމަތި

11 February 2017

ޖޭވަނީ އަތޮޅުތަކުގަ ބާއްވާ މުބާރާތް ތައް ފޯރި ގަދަ ވެފަ ކޮންކުރިޓު ސިޓީގަ އެއްވެސް ފޯރިއެއް ނުހުންނާތީ... ހަހަ... މަނަމަވެސް ކަޑަވާނެ

The name is already taken The name is available. Register?

ތަމެންދޯ

11 February 2017

ކޮންޖޭ އެއްތޭ މަމެން ވާން ޖެހޭނީ. ތަމެން ރާއްޖެތެރޭގައި ފުޓް ބޯޅަ މުބާރާތެއް ބާއްވައިފިތޭ. ދެރަށު އެއްޗެހި ތަޅައިގަނެ އެކަކު އަނެކަކަށް ލޭ ކޮށާލާ ސިހުރު ހަދަނީ އޭ މަމެން ބުނަން ނެތީމު އެވެ. އެނަމާ ބޯޓް އެއީ މޮކްއަޕްސް ތޭ ތަމެން ބަލަން ވެއްޖެ ނޫންތޭ.

The name is already taken The name is available. Register?

ޔަޒީޒު

11 February 2017

ހއ. ދިއްދޫ ގައި ލާރި ނަގަނަގައިގެން މުބާރާތް ބާއްވާތާ އެތައް އަހަރެއް ޤައުމީ ޓީމުގައި ކުޅެލާވަރުގެ ކުޅުންތެރިއަކު ނުއުފެދޭ ފުޓްބޯޅަ ދަނޑުގައި ޗޭންޖިންގ ރޫމެއް ފާޚާނާއެއް ސިޑިބަރިއެއް ހެދޭނެ ދުވަހެއްގެ އިންތިޒާރުގަ

The name is already taken The name is available. Register?

މެންޓަލިސްޓް

11 February 2017

ގަޔާވެގެން ޕެޝަންއާޢިއެކު ކުޅެންފެށީމައި ކުޅުންތެރީން އުފެދޭނެ ،، ތޫނުފިލިކުދިން އަވަހަށް މޮޅަށް ކުޅެން ދަސްކުރާނެ ،،، އަމްދުން ބޭރުގެ މެޗްތަށް ބަލަމުން ދާދުވަސްވަރެއްގައި އެމީހުން ކުޅޭގޮތަށް ކުޅެން އުޅެގެން ކޮންމެވެސް ވަރެއްކުރެވޭނެ ،،، ސިކުނޑިބޭނުންކޮއްގެން އިމޭޖްއެއް ކުރިއޭޓްކުރީމައި އެކަމެށް މެނިފެސްޓްވެގެން ދާލެށް ވަރަށް އަވަސް ވާނެ ،،، ވަރަށްވެދުން

The name is already taken The name is available. Register?

ގެނޭއެންމެން

11 February 2017

ރާއްޖެތެރޭގެ ކޮންމެ ރަށެއްގައި މުބާރާތެއް ބާއްވައިގެން ކުޅުންތެރިން ނުއުފެއްދޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ. އެއީ ބޮޑު ބޭކާރު ޚަރަދު ގަނޑެއް އެފްއޭއެމް އިން ހިޔަންޏަށް މުޑި ނަގައިގެން ކުރާ. ކުރަންވީ ކަމަކީ ރާއްޖޭގެ އާބާދީގައި 10 ހާހަށް ވުރެން ދަށް ވާނަމަ އެހުރިހާ އާބާދީ އެއް މާލެ ސަރަހައްދަށް ބަދަލު ކޮށް ހަދާ މާލެ ސަރަހައްދުން އެ އެންމެންނަށް ފްލެޓްސް ތައް ދީ އަދި އެފްލެޓްސް ތަކުގައި އެމެން ދިރިއުޅޭ އިރު އެތަނުން ނިކުންނަ އެންމެ ރަނގަޅު ކުދިން ފުޓް ބޯޅަ މުބާރާތް ތަކުގައި ބައިވެރި ކުރީމާ ހުންނާނީ ރަނގަޅަށެވެ. އެނޫން ގޮތަށް މިކަން ކޮށްގެން ނުވާނެެެއެވެ. ރާއްޖެތެރޭން މީހުން ބާލައިގެން ގެންނަންވީ މާލެ ސަރަހައްދަށް އަދި މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ވެސް ހިއްކާ ބިންވެސް ވިއްކަންވީ މަހަކު 100 މިލިއަން ރުފިޔާ ދައުލަތަށް މަދުވެގެން ލިބޭނެ އުސޫލުން. އެއިރުން ވެސް ދައުލަތް މުއްސަނދިވެ މޮޅެތި ކުޅުން ތެރިން އުފެދޭނީ.

The name is already taken The name is available. Register?

ބޯޅޭ

11 February 2017

މާލެއަށް މީހުން ޖަމާކޮށްގެން ފުޓުބޯޅައަށް އައި ކުރިއެރުމެއް ނެތެވެ. އެހެން އެވަނީ މާލޭގައި ޕްރެކްޓިސް ކުރާނެ ޖާގައެއް ނެތީމައެވެ. މިކަން ރަގަޅު ކުރެވެން އޮތީ މާލޭގައި ދިރިއުޅޭ އެންމެން ހ.ދ ވައިކަރަދޫއަށް ބަދަލުކޮށްގެނެވެ. ދައުލަތުގެ ފައިސާއިން މާލޭ މީހުން ފުޓުބޯޅަކުޅެން އަހަރަކު އެތައް މިލިއަނެއް ހަރަދުކުރެވިއްޖެއެވެ. ޥީކަމެއް ހަރާމެވެ. ވައިކަރަދޫގައި ގައުމީ ނަމުގަ އެކްޒިމް ބޭންކުން ދަރަނި ނަގައިގެން ފްލެޓް އަޅާފަ މާލެއިން މީހުން ހުސްކުރަންވީއެވެ. ކުލީ ފައިސާއިން ދިރިއުޅޭ އާއިލާތަކަށް ގޮތެއް ހޯދެންދެން އާސަންދައިން ފައިސާކޮޅެއް ދޭނީއެވެ. އިސާހިތަކު ފުޓުބޯޅަ ކުރިއަރައިދާނެތެވެ.

The name is already taken The name is available. Register?

ނައު

11 February 2017

އޭދަފުށީގައި ބާއްވާ މުބާރާތްތަކުގައި އުމުރު ފުރާ އަށް ވަރަށް ބަލާ. މިސާލަކަށް 21 އަހަރުން ދަށުގެ ކުޅުންތެރިއެއް އަބަދުވެސް ދަނޑުމަތީގައި ހުންނަން ޖެހޭ. އަދި ކޮންމެ މުބާތާތެއް ނިމުނުން އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާ ހޮވާ. އެގޮތުން އުމުރުން އެންމެ 17 އަހަރުގައި އޭދަފުށީގެ ޒުވާން ކުޅުންތެރިއެއް ކަމަށްވާ ނިޝާމް ވަނީ މިދިޔަ ހަފްތާގައި ނިއުރޭޑިއެންޓް އަށް ސޮއި ކޮށްފައި. މި ކުޅުންތެރިޔާ އަކީ އޭދަފޫށީގައި އޮންނަ ބޮޑު އީދު މުބާރާތުގެ މިދިޔަ އަހަރުގެ 21 އަރުން ދަށުގެ އެންމެެ މޮޅު ކުޅުންތެރިޔާ. ހަމަ އެއާއި އެކު މިނިވަން ފުޓުބޯޅަ މުބާރާތުގައި ޗެމްޕިއަންކަން ހޯދި އޭދަފުށި ފުޓްބޯޅަ ޓީމު ފައިނަލް ރައުންޑްގައި ކުޅުނު ގިނަ މެޗުތަކުން މިކުޅުންތެރިޔާއަށް ފުރުސަތު ލިބިގެން ދިޔަ. ހަމަ އެހެންމެ ފައިނަލްމެޗުގައި އޭދަފުށި ފެނިގެން ދިޔައީ 22 އަހަރުން ދަށުގެ ގިނަ ކުޅުންތެރިން ނާއި އެކު. އެގޮތުން މި ވެދާނެ އޭދަފުށީގައި ކުޅުންތެރިން އަބަދުވެސް އުފެދޭ ސަބަބަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454