ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ޗައިނާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފްލައިޓުން ފައިބާ ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
10 ޖެނުއަރީ 2024 - 10:09
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިވުމަކީ އިންޑިއާއަށް އޮތް ބިރެއް ނޫން ކަމަށް ބުނެ ޗައިނާގެ ބައެއް ނޫސްތަކުން އިންޑިއާއަށް ވަރުގަދަ މެސެޖުތަކެއް ދީފި އެވެ.
އިންޑިއާގެ ކަނޑުގެ ބާރު ހޯދަން ސަރަހައްދީ ގަދަހިފުމެއްގައި ޗައިނާ އާއި އިންޑިއާ އަބަދުވެސް އުޅޭ އިރު، އިންޑިއާއާ ދެކޮޅު ވަރުގަދަ ކެމްޕޭނަކަށް ފަހު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން، އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު މި ކުރެއްވީ ޗައިނާ އަށެވެ. މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެސް ޗައިނާއަށް ވުރެން ކުރިން ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ އަވައްޓެރި އިންޑިއާ އަށެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅާ ދިމާކޮށް، އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓު ކުރުމުގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނަކާ އެކު، ދެ ގައުމުގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުންގެ މެދުގައި ފެށުނު ބޮޑު ހަނގުރާމައިން މިހާރު ވަނީ ދެ ގައުމުގެ ހާރިޖީ ގުޅުމަށް ވެސް ލޮޅުން އަރައިފަ އެވެ.
ޗައިނާގެ މީޑިޔާތައް ސަރުކާރުން ކޮންޓްރޯލް ކުރާ އިރު، ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅުވައި ގެންނަ ކަވަރޭޖުގައި އިންޑިއާ ރުއްސަން ހާއްސަ ސަމާލުކަމެއް ވަނީ ދީފަ އެވެ.
ގްލޯބަލް ޓައިމްސް ނޫހުގައި ޝާއިއުކުރި އޮޕްއެޑެއްގައި ބުނީ، ރައީސް މުއިއްޒުގެ ޗައިނާ ދަތުރުފުޅުން، އިންޑިއާއިން ނުބައި މާނައެއް ނެރެފައިވާ ކަމަށެވެ.
ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމާއި އުމްރާނީ ތަރައްގީ ގާއިމުކުރުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާ އިރު، އެކަމުގެ މާލީ އަދި ފަންނީ ގާބިލުކަން ޗައިނާއަށް ފޯރުކޮށްދެވޭނެ ކަމަށް ބުނެފައިވެ އެވެ.
"އިންޑިއާ އިން އަމިއްލައަށް ދެކެނީ އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެން މާ ބާރުގަދަ ގައުމެއްގެ ގޮތުގައި. އެކަމަކު ސަރަހައްދީ ކޮންޓްރޯލް ހޯދަން އިންޑިއާއިން ގެންގުޅެމުން އައި ހުވަފެން އެބަޖެހޭ ދޫކޮށްލަން. ކަން ހިނގަމުންދާ ގޮތުގެ ހަގީގަތް ގަބޫލުކުރަންޖެހޭ،" ސޫޗޯ ޔުނިވާސިޓީގެ ޕްރޮފެސަރެއް ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ އިންޑިއާއަށް ބާރު ހިންގޭ ގައުމުތަކެއް ގޮތުގައި ދެކިގެން އުޅުމަކީ އިންޑިއާއަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. އަދި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް އިންޑިއާއިން ފުރިހަމައަށް އިހުތިރާމް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން އިންތިޒާމު ކޮށްގެން ޗައިނާގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ރާއްޖޭގެ އާ ރައީސަކު ދަތުރުފުޅު ކުރައްވާނެ ގައުމެއް ކަނޑައެޅުމުގެ އިހުތިޔާރު ދިވެހި ސަރުކާރަށް ފުރިހަމައަށް ލިބިގެންވޭ. އެއީ އެހެން ގައުމެއްގެ ނުފޫޒާއި ބާރު ފޯރުވިގެންވާނެ ނިންމުމެއް ނޫން."
މީގެއިތުރުން، އޭނާ ވަނީ ދިވެހި ސަރުކާރުގެ އެދުމާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވީއެންމެ އަވަހަކަށް އަނބުރާ ގެންދިއުމަށް ވެސް ގޮވާލާފަ އެވެ.
އެހެން ދުވަހު ނޫހެއްގެ އެޑިޓޯރިއަލްއެއްގައި ލިޔެފައިވަނީ، ރައީސް މުއިއްޒު ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމަކީ، ރާއްޖެ އާއި އިންޑިއާގެ ދެމެދަށް ޗައިނާއިން ވަންނަން އުޅުން ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.
އެ ދަތުރުން އެއްވެސް މެސެޖެއް އޮތް ނަމަ، އެ ލިޔުމުގައި ބުނި ގޮތުގައި، އެއީ އިންޑިއާގެ ކަނޑުގެ ސަރަހައްދީ ގަދަހިފުމެއްގެ ތެރެއަށް ރާއްޖޭން ވަންނަން ބޭނުންނުވުމެވެ. އަދި އިންޑިއާ ވެސް ހިމެނޭ ގޮތަށް ހުރިހާ ގައުމަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވާފައިވާ ޔަގީންކަން އެ ލިޔުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެއިތުރުން، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ރާއްޖޭގައި ހިންގާފައިވާ ސިނަމާލެ ބުރިޖު މަޝްރޫއުތައް ފާހަގަކޮށް، އެ ލިޔުމުގައި ބުނީ ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ، ދެ ފަރާތަށް ވެސް ފައިދާވާ ގޮތަށް ކަމަށެވެ.
"އެ އުސޫލުތަކުގެ މަތީގައި، ޗައިނާ އިން ދޭ އެހީތެރިކަމެއް ނޫނީ ގައުމަކާ ބާއްވާ ގުޅުމަކަށް ސިޔާސީ އެއްވެސް ޝަރުތެއް ނުކުރާނެ،" އެ ލިޔުމުގައި ބުންޏެވެ.
އެއާ އެކު، ޗައިނާއިން ރާއްޖެއާ ގުޅުން ބަދަހިކުރަނީ އިންޑިއާއާ ދުރުކުރަން ކަމަށް ފަތުރަމުންދަނީ، ނުބައި ނިޔަތެއް އޮވެގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުކޭ
11 January 2024
އިންޑިޔާ ނޫން ގައުމުތައް މި ދުނިޔޭގަ ވާކަން އެމީހުން އެބަޖެހޭ ގަބޫލުކުރަން
ސުހައިލްް
11 January 2024
އަމިއްލަ ނިންމުންތައް ނިއްމުމުގެ ފުރުސަތު ދިވެހިންނަށް އޮންނަންޖެހޭ. އެއަށް އެހެން ގައުމުތަކުން އިހުތިރާމް ކުރަންޖެހޭނެ
ސިދުގީ
11 January 2024
މި ގައުމަށް ތަރަށްގީ ގެނެވޭ ފެންވަރުގެ މީހުންނާ ގުޅުން ބަދަހި ކުރުންމާ ރަނގަޅު. އެ ފެންވަރުހުރީ ޗައިނާގަ
ނާއިމްް
11 January 2024
ޗައިނާއަކުން ނޫޅޭ އިންޑިޔާހެން ގައުމުތަކާ ޖެހިގަންނާކަށް
އަލީރާޖާ
11 January 2024
އިންޑިއާ-ޗައިނާގެ ކޯޅުމުގެ ތެރެއަށް ރާއްޖެ ކަހަލަ ކުޑަކުޑަ އަމިއްލަ ފުދުންތެރިކަމެއް ނެތް ގައުމެއް ވަނުމަކީ ރާއްޖޭގެ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް. ރަގަޅު ގޮތަކީ ހުރިހާ ގައުމަކާވެސް ގުޅިގެން އުޅުން.
އަފްރާސިޔާބު
11 January 2024
އަސްލު ހަގީގީ ވާހަކަ އަކީ " ޗައިނާއިން ރާއްޖެއާ ގުޅުން ބަދަހިކުރަނީ އިންޑިއާއާ ދުރުކުރަން ކަމަށް ފަތުރަމުންދަނީ، ނުބައި ނިޔަތެއް އޮވެގެން ހަގީގަތާ ހިލާފު ވާހަކަތަކެއް" ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ އެގޮތަށް ހިނގާ ކަމެއް. އެއްވެސް ޙާލެއްގައި ޗައިނާ އިން ކުރާނޭ ކަމެއްވެސްނޫން. އަދި ކުރާކަމެއްވެސް ނޫން. ޗައިނާ އިން ދޭ އެއްޗެއްދެނީ ހިލޭ ނުވަތަ ޝަރުތުކުރާ ލޯނެއްގެ ތެރެއިން. އެއިން ބަޔަކު ކޮރަޕްޝަން ހިންގުމަކީ މުޅިން އެހެންކަމެއް.
ފުދުންތެރި
11 January 2024
ޗައިނާއިން މިހާތަނަށް ދިޔަ ހުރިހާ ތަނެއްގައިވެސް ކުރީ އެއް ކަމެއް. އެއީ އެ ގައުމެއްގެ ރައްޔިތުން ފުދުންތެރިކުރުވުން. އެފްރިކާއިން ނަގާ މަޢުދަނުގެ ބާވަތްތައް ޕްރޮސެސް ނުކޮށް ގެންދާތީ ފެކްޓްރީ އަޅައިދީގެން ވަޒީފާ އުފައްދައިދީގެން އެ ގައުމުތައް ފުދުންތެރިކުރުވީ. ރައްޔިތުން ފުދުންތެރިކުރުވީ. މީގެ މިސާލަކަށް އެފްރިކާގެ ޗޮކްލޭޓް ފުދޭނެ.
އަބްޑޫޅް +
11 January 2024
ފިނޮޅާއި، މީހުން އުޅޭ ރަށްރަށާ ލައިގެން ލަކުސަދީބުގަ އޮންނަނީ 36 ރަށް. ބަންގާރަމް ކިޔާ ދަށް ފެންވަރުގެ، އެންމެ ރިޒޯޓެއް އޮންނަނީ. މަލިކުގަ ހުންނަ އިންޑިޔާ ސަރުކާރުގެ ގެސްޓް ހައުސް އަކީ ރާއްޖެތެރޭ ރަށްފުށުގަ މީހުންއުލޭ ގޭގެއަށްވުރެންވެސް ދަށުފެންވަރުގެ ތަނެއް. އެނޫން ހޮޓަލެއް ނެތް. ކޮޓަރީގަ ހުންނަނީ ޕެޑްލޮކް ތަޅު. ރާއްޖޭގަ އެބައޮތް، 1200 އާއި ގާތަށް ރަށް. ރާއްޖޭގަ އެބަ އޮވޭ 164 ރިޒޯޓާއި އެތަކެއް ގެސްޓުހައުސް. ކޮބާ މައްސަލަޔަކީ؟
ވާޑު
11 January 2024
މުއިއްޒުގެދަތުރަކީ ކާމިޔާބު ދަތުރެއް
އަބްޑޫޅް +
11 January 2024
މޮހޮންމަދު އަމީން ދީދީ އާއި އިބްރާހިމް ނާސިރު ވެސް ވަޑައިގަތީ އިންޑިޔާއަށްތަ؟ މިކަހަލަ ކަންކަން ނޭގޭތީ އަހާލީ އިގޭ. އަހާލުމަކީ މާ ގޯސްކަމެއް ނޫންތާ ދޯ؟ އެއުޅޭ (މ. ތީމުގޭގަ އުޅުނު) ގައްޔޫމޯ؟
އަމީންދީދީ
11 January 2024
އަމީންދީދީމެން އިންޑިޔާއިން ކިޔަވައިގެން އައިސް އިންޑިޔާއަށް ނުދިޔައީ ސަބަބެއް އޮވެގެން. ނާސިރު ކައިރިޔަށް އައީ އިންދިރާގާނދީ. ގައްޔޫމްބޭ އިންޑިޔާއަށްވެސް ޗައިނާއަށްވެސް ދިޔަ. މިރާއްޖޭގައި އާއުސްމިނެއްގެ ތަރައްގީގެ ވާހަކަ ގައްޔޫމްބޭ ދެއްކީ ޗައިނާއާއެކު އެއްބަސްވުންތަކެއް މާލޭގައި ވުމަށްފަހު. ގައްޔޫމްބޭ ކައިރިއަށް ޗައިނާގެ ޕްރެމިއަރ ވަޑައިގެން އެއްބަސްވުންތަކުގައި ސޮއިކުރީ.
އަބްޑޫޅް +
11 January 2024
ހޫނ، އަމީންދީދީ. ރަގަޅު ވާހަކައެއް. އިންޑިޔާއަކީ ދަށުދަރަޖައިގެ ރަށެއް. މީހުން ރޭލުގަ ދަތުރުކުރަނީ ވެސް ފުރާޅުމަތީ. އެތެރޭގެ އުދުހުމުގެ މަތިންދާބޯތުގަ އެބެހުރޭ، ކެބިން ގަ، ކުކުޅުހައު އެކޮޅުކޮޅުން އެލުވާލާފަ. އިންޑިޔާ އަކީ، ތިންވަނަ ދުނިޔޭގެ ފެންވަރުގަވެސް، އެންމެ ދަށު ދަރަޖައިގެ އެއް ތަން. މީހުން ގަލޯހާޖާކުރަނީވެސް އެތަންމިތަނަށް.
ސަލީމު އިދުރީސް
11 January 2024
ދީނީގޮތުންވެސްނަސްލީ ގޮތުންވެސް ގުޅުމެއްނެއް 4ލައްކާއާބާދީއޮތް ދިހިރާއްޖެ އެއްމެމެ މުހިންމުވާސަބާކީ ކޮބައިތޯބެލީމަ ވާނުވާ އެނގޭނެ! ތިމާބޭނުންވާ އެދުމެއް ފުއްދަން ބައެއްގެ މުށުތެރެޔައް ދިއުންއެވެސް މައްސަލަޔެއް ނެއްކަން އެގިއްޖެ!ތިބާވަތުގެ ކަންތަކުގަ ޗައިނާ ވަރައް ބޯރަގަޅުވީމަ އިންޑިޔާރުއްސަނީ ޖަޒުބާތުގަ ޖެހިގެން އިންޑިޔާ ކުރާކަމަކުން ޗައިނާއައް އެހީނުވޭވޭނެތި! ހަމަގައިމުވެސް އިނޑިއާ ޗައިނާ ހަނގުރާމަ ނުރާނެ