ރަތްކަނޑާ ގުޅިފައިވާ ޔަމަންގެ ހުދައިދާ ބަނދަރު ސަރަހައްދުގައި ޔަމަންގެ ކޯސްޓް ގާޑާއި ހޫތީން ބައިވެރިވެގެން، އެކުވެރިކަން ދައްކާލުމުގެ ގޮތުން ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރަނީ. -- ފޮޓޯ: އޭއެފްޕީ
15 ޖެނުއަރީ 2024 - 09:07
ޔަމަންގައި ހޫތީ ހަނގުރާމަވެރިންގެ ބާރު އޮންނަ ސަރަހައްދުން، ރަތްކަނޑުގައި އޮތް އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ.
މިއީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ކަމަށް ބުނެ ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން އެމެރިކާގެ މަނަވަރަކަށް އަމާޒުކުރި ފުރަތަމަ ހަމަލާ އެވެ.
"ޖެނުއަރީ 14 ވަނަ ދުވަހު (ޔަމަން ގަޑިން) މެންދުރު ފަހު 4:45 ހާއިރު، ޔަމަންގައި އީރާންގެ މަދަދާ އެކު ހަރަކާތްތެރިވާ ހޫތީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުން، ރަތްކަނޑުގައި ދަތުރުކުރަމުން ދިޔަ ޔޫއެސްއެސް ލަބޫން (ޑީޑީޖީ 58) އަށް އަމާޒުކޮށް މިސައިލެއް ފޮނުވާލާފައިވޭ،" އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"މި މިސައިލް ވަނީ (ޔަމަންގެ) ހުދައިދާގެ އައްސޭރިފަށާ ކައިރިން އެމެރިކާގެ ފައިޓާ އެއާކްރާފްޓަކުން ހަމަލާދީ ވައްޓާލާފައި،" ސެންޓްރަލް ކޮމާންޑުން ބުންޏެވެ. "އެއްވެސް ގެއްލުމެއް އަދި އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނެތް."
މަނަވަރަކަށް އަމާޒުކޮށް މިސައިލެއް ފޮނުވާލާފައި މި ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުން ޔަމަންގެ ހޫތީންގެ ސަރަހައްދަށް ހަމަލާދީފައި ވަނިކޮށެވެ. މި ހަމަލާތަކުގައި ހޫތީންގެ ރާޑަރު ސިސްޓަމްތަކާއި މިސައިލް ހަމަލާ ދިނުމުގެ ވަސީލަތްތަކަށް ގެއްލުން ދީފައިވާ ކަމަށް އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ބުނެފަ އެވެ. އަދި އާދީއްތަ ދުވަހު ވެސް މީގެ ހަމަލާތަކެއް ދީފައިވާ ކަމަށް ހޫތީންގެ މީޑިއާއިން ބުނެފައިވެ އެވެ.
އެކަމަކު އެމެރިކާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އިތުރު ހަމަލާއެއް ޔަމަންގައި ދީފައި ނުވާނެ ކަމަށެވެ.
ބައިނަލްއަގުވާމީ ވިޔަފާރީގައި ހިމެނޭ މުދަލުގެ ގާތްގަނޑަކަށް 12 ޕަސެންޓް އުފުލަނީ ރަތްކަނޑު ސަރަހައްދުންނެވެ. އެހެންވެ ހޫތީން އުޅަނދުތަކަށް ހަމަލާ ދޭން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުޅަނދުތައް ދުރު އަދި ދިގު މަގުތަކުން ދަތުރުކުރަން ޖެހުމުން އުފުލުމުގެ އަގު ބޮޑުވެ މުދާ އަގު ބޮޑުވުމުގެ ސަބަބެއް ކަމަށް މިހާރު ވަނީ ވެފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
15 January 2024
"ހޫތީން އުޅަނދުތަކަށް ހަމަލާ ދޭން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުޅަނދުތައް ދުރު އަދި ދިގު މަގުތަކުން ދަތުރުކުރަން ޖެހުމުން އުފުލުމުގެ އަގު ބޮޑުވެ މުދާ އަގު ބޮޑުވުމުގެ ސަބަބެއް ކަމަށް މިހާރު ވަނީ ވެފަ" ނޫނެކޭ. ހޫތީން އެއެއް މިއެއް ނުބަލާ ހަމަލައެއް ނުދެޔޭ. ކުރިން ދިނީ އިޒްރޭލު އުޅަނދުތަކަށް. މިހާރު އެމެރިކާ، ޔޫކޭ އުޅަނދުތަކަށްވެސް ދޭ. އެހެން އުޅަނދުތައް ރައްކާތެރި. ބައެއް ކުންފުނިތަކުން ހުއްޓާލީ ހޫތީން ދެކެ ދުނިޔެ ރުޅިއަރުވަން.
ހަމީދު1 1
15 January 2024
މިދެން މަޖާކަމެއް. ދުނިޔޭގެ އެންމެ ބޮޑު ބާރު، އެންމެ ބާރުގަދަ މިލިޓަރީ، އެންމެ ޒަމާނީ ހަތިޔާރު، މޮޅު ތަމްރީން. ދެން ހޫސީންގެ މިސައިލެއް އަމާޒުވެގެންވެސް ނުވާނެތާ. އަދި ވިޔަސް ތީ ޚަބަރަކަށްވެސް ނުވެއެއްނު.