ރިޕޯޓް / ލައިފްސްޓައިލް

ނާޒިމްބެ އަހަރެމެން މި ގެންދަނީ އިހުގެ ރާއްޖެއަށް!

ނާޒިމްބެ އޭނާގެ ކުރެހުންތައް ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން: މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެގްޒިބިޝަންގައި ނާޒިމްބެގެ 105 ކުރެހުން ވަނީ ބަހައްޓާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިކެމުންދާ ފަރުމަތީގައި އަޅާފައިވާ ތެޅިގަލުގެ ގެ އެކެވެ. ރާޅުން ސަލާމަތްކުރަން ވަށައިގެން ގާ ޖަހައި ހިމާޔަތް ކޮށްފަ އެވެ. އެއްގަމާ ގުޅުވާލާފައިވަނީ ފާލަމަކުންނެވެ. ހޭލަމޭލައަށް ދެ މީހަކު ހަރަކާތްތެރިވާ ތަން ފެނެ އެވެ. މިފަދަ މަންޒަރެއް މާލެއިން ފެނިދާނެ ކަމަށް މިއަދު އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެވެ.

އެކަމަކު މިއީ 1970ގެ ކުރީގެ އަހަރުތަކުގައި މާލޭގެ ދެކުނު ފަރާތުން އަމިއްލައަށް ބިން ހިއްކައިގެން ގޯތި ލިބޭ ގޮތް ހެދުމުން ހިއްކި ބިންކޮޅެކެވެ. މޫދުގައި ގެ އަޅައިގެން އުޅުނު ގޮތެވެ.

އެ މަންޒަރު އަހުމަދު ނާޒިމް (ނާޒިމްބެ)، 62، އަދުގެ ކުދިންނަށް ތިލަކޮށްދިނީ ފެންކުލައިންނެވެ. މިއީ ނާޒިމްބެގެ ސިކުނޑީގެ ކަނެއްގައި ރައްކާކުރެވިފައިވާ މާ ކުރީ ޒަމާނެއްގެ ހަނދާންތަކެކެވެ.

"މި ޒަމާނުގައި ކުދިންނަށް ވަރަށް ގަބޫލުކުރަން ވެސް އުނދަގޫވާނެ މާލެ މިހެންނޭ އޮތީ، އޭތި ކުލަކޮށް ކުރެހުމެއް ގޮތަށް ދައްކާލަން ބޭނުންވީ. މިއީ ހަމަފެނިފައި ހުރި މަންޒަރު. ވަންސް އަޕޮން އަ ޓައިމް އިން މާލެ، އެއް ޒަމާނެއްގައި މާލެ އޮތް ގޮތް، އެއިރުގެ މާލޭގެ ރީތިކަން މާލެ އިހުސާސް ކުރެވޭތީ އެއިރުގެ މާލެއެއް ކުރަހާ ހިތްވީ،" ނާޒިމްބެ ކުރެހުންތަކާ ގުޅޭ ގޮތުން "މިހާރު" އަށް ބުންޏެވެ.

މާލޭގެ ދެކުނު ފަރާތުން އަމިއްލައަށް ބިން ހިއްކައިގެން ގެ އެޅި ދުވަސްވަރު އެތަން އޮތް ގޮތް ދައްކައިދޭން ނާޒިމްބެ ކުރަހާފައިވާ ކުރެހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ "ވޯޓާ ކަލަ ޖާނަލްސް އޮފް ނާޒިމްބެ" އެގްޒިބިޝަންގައި ނާޒިމްބެގެ އެކި ހަނދާންތައް ހުރީ ކުރެހުންތަކުން ކުލަކޮށްފަ އެވެ. ފަސް ކެޓެގަރީއަކަށް 105 ކުރެހުން އާންމުންނަށް ވަނީ ހުޅުވާލައިފަ އެވެ.

ފެންކުލައިން ކުރަހާފައިވާ ކުރެހުންތައް ފުރިހަމަ އެވެ. ކުރީ ޒަމާނުގެ މާލެ އެވެ؛ އަތިރީގެ އާއި ބާޒާރުމައްޗެވެ. ގުރާބުތުނޑިން ގާ ނަގައި އުޅުނު ޒަމާނެވެ. ބުންބާ މީހުންގެ ފިހާރަތަކެވެ. މާލޭ ފަޅު ހިއްކަން ގެނައި ޖައްރާފެވެ. އެކި ޒަމާންތަކުގައި މާލެއަށް އެރި އުދަ އެވެ. ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމެވެ. ކަނޑުމަތީގެ ހަނދާންތަކެކެވެ.

ބަޔަކު ނާޒިމްބެގެ ކުރެހުންތައް ބަލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކަނޑުމަތިން ޖެހުނު ހިތް!

ނާޒިމްބެގެ ހަޔާތުގެ އެންމެ ކުރީގެ ހަނދާނަކަށް އަންނަނީ ކޮންމެ ޗުއްޓީއެއްގައި ރަށްރަށަށް ކުރި ދަތުރުތަކެވެ. އެއިން ކޮންމެ ދަތުރަކީ އޭނާގެ ހަޔާތުގައި މޫދަށް އޮތް ލޯބި އިތުރުވި ދަތުރެކެވެ. މަސް ބާނަން ބޮއްކުރާގައި ދިޔަ ދަތުރުތަކުން، އެހެން މީހުން ދޯނި ދުއްވާ ގޮތް އަމިއްލައަށް ދަސްކޮށް އެންމެ ފަހުން ކެޕްޓަންޝިޕް ހޯދީ އެވެ.

"ނަވާރަ ސަތޭކަ އަށްޑިހަ އެއް ވަނަ އަހަރު ތ. އެލާއަށް، ދޯންޏެއްގައި، ރައްޓެހި ހަތަރު ކުއްޖަކު އެކަނި ހަމަ ދަތުރުކުރީ، އޭރުގެ ކުޑަކުޑަ ޗާޓު ފޮތެއް ބަލައިގެން. އެއީ މިނިވަންކަމާއެކީ އެކަހަލަ ބޮޑު ދަތުރެއް ކޮށްލަން ޗާންސް ލިބުނު ފުރަތަމަ ފަހަރު. އޭގެ ފަހުން އެ ކޮންފިޑެންސް ލިބުނީ،" މުހައްމަދު އަމީން ޖޯގްރޮފިކަލް މެޕް ކިޔާ ކުޑަކުޑަ ފޮތެއް ބަލައިގެން ކުރި އެ ދަތުރުގެ ވާހަކަ ނާޒިމްބެ ކިޔައިދިނެވެ.

އެއީ ނާޒިމްބެގެ ދަތުރުތަކުގެ ފެށުން ކަމުގައި ވެސް ބުނެވިދާނެ އެވެ. އޭގެ ފަހުން ބޮޑެތި މަސް ދޯނިތައް ދުއްވައިފި އެވެ. ސަފާރީއެއްގައި 18 އަހަރު މަސައްކަތް ކޮށްފި އެވެ. ހަޔާތުގެ ބޮޑުބައި މަސައްކަތް ކުރެވުނީ ފްރީލާންސް ކެޕްޓަނެއްގެ ގޮތުގަ އެވެ.

ނާޒިމްބެގެ ކުރީގެ މާލެ ދައްކުވައިދޭ "ވަންސް އަޕޮން އަ ޓައިމް އިން މާލެ" ކުރެހުންތައް ބަޔަކު ބަލާލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތުރާކުނުން އައްޑޫއަށް މި ރާއްޖޭގައި ނާޒިމްބެ ނުދުއްވާ، ހުރަސް ނުކުރާ ކަނޑެއް ނެތެވެ. އަބަދުވެސް ގުދުރަތީ ރީތިކަމަށް ލޯބިކުރާ ނާޒިމްބެގެ ކުރެހުންތަކަށް "އިންސްޕަޔާ" ވީ މި ދަތުރުތަކުން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ކަނޑުމަތީގައި އެހާ ދުވަހު އުޅެވި ތަންތަން ފެނި، ރަށްރަށަށް ދެވިފައި ހުރުމުގެ ސަބަބުން، މޫދަށް ވެސް ލައިޓް އެޅިފައި އިންނާނީ މިހެން ކަމާއި އެއްޗެހި އެސިއުމް ކޮށްލަން އެނގުނީ، މައިގަނޑު އިންނާނީ އޭގެއިން މި ހުރިހާ ޕެއިންޓިން އެއްވެސް އައިސްފައި،" މޫދަށް އަލި އެޅުމުން އިންނާނެ ގޮތް ދައްކައިދޭ ކުރެހުންތަކުގެ ބަޔަށް އިޝާރާތްކޮށް ނާޒިމްބެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އެ އިރުގެ ކަނޑުމަތީގައި އިންނަ ޕީސްފުލްނެސް، އެ ބިއުޓީ ފެނިގެން އެއީ އަސްލު ޕެއިންޓިންސްތަކަށް ޝައުގުވެރިކަން ދީގެން ކުރަހަން ފެށުނީ،"

މަސައްކަތްތެރިންގެ އަގުވަޒަންކޮށް ނާޒިމްބެ ކުރަހާފައިވާ "ލައިފް އެޓް ވޯކް" ސެގްމެންޓްގެ ބައެއް ކުރެހުންތައް: ގިނަ ކުރެހުންތައް ކުރަހާފައިވަނީ ނާޒިމްބެ އަމިއްލައަށް ނަގާފައިވާ ފޮޓޯތަކުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނާޒިމްބެގެ މައުރަޒުގެ އިތުރު ބަޔަކީ އެކި ރަށްރަށުން ފެނުނު މަންޒަރުތެކެވެ. އޭގެ ތެރެއިން ވެސް އިހުގައި މީހުން އުޅުނު ގޮތެވެ. ކޮންމެ ކުރެހުމަކަށް ނަން ދީފައިވަނީ ވެސް އެ ހަނދާންތަކުންނެވެ.

"ފެނިފައި ހަނދާން ހުންނަ މަންޒަރުތައް، ސީދާ ކޮން ރަށެއްކަން ނޭނގުނަސް ވެސް، ސިކުނޑީގެ ކަނެއްގައި ރައްކާކުރެވިފައި ހުންނަ މަންޒަަރުތައް މިއީ،" ނާޒިމްބެ ބުންޏެވެ.

އިހު ޒަމާނުގައި ރާއްޖޭގެ އެކި ރަށްރަށުގެ މަންޒަރުތައް ސިފަކޮށްދޭން ނާޒިމްބެ ކުރަހާފައިވާ ކުރެހުންތަކެއް: މަތިން މެދުގައި އެއީ "އައްޕަ ލަފަތް ބޯ"، ތިރިން (ކ) ކަނުގައި ފުވައްމުލަކު "ފީސި" -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުވައްމުލަކު މީހުން އޮޅުއަލަ ދަނޑުތަކުގެ ތެރޭގައި ވަކިން ދިރިއުޅޭނެ ގެކޮޅެއް އަޅައިގެން އުޅުނު ގޮތެވެ. އެ ރަށު މީހުން އެފަދަ ތަންތަނަށް ކިޔަނީ ފީސި އެވެ. އެ ކުރެހުމުގެ ނަމަކީ ވެސް ފީސި އެވެ. އިތުރު ކުރެހުމަކުން ފެންނަނީ ބޮއްކުރައެއްގައި މަހުން ލަފާ ތަނެވެ. އަތިރިމައްޗަށް އަންހެނަކު ދަރިންކޮޅު ގޮވައިގެން ބޮއްކުރާ ދޮށަށް ދާ ތަނެވެ.

"އުތުރުގެ ރަށްރަށުގައި ބޭނުންކުރާ ބަހުރުވައެއް، އައްޕަ ލަފަތް ބޯ، މާނައަކީ ބައްޕަ އޮޑި ލަފައިފިއޭ، އެ މަންޒަރު މިއީ، މި ކުރެހުމުގެ ނަމަކީ ވެސް އެއީ،" ރާއްޖޭގެ ރަށްރަށުގެ ސެގްމެންޓުގައި އިން ކުރެހުމެއް ދައްކަމުން ނާޒިމްބެ ބުންޏެވެ.

"މި ކުރެހުންތަކުން މި ދެވެނީ މާ ކުރީގެ ރާއްޖެއަކަށް. މާ ހިތްފަސޭހަ ރާއްޖެއަކަށް، މައިގަނޑު ގިނަ ކުރެހުންތަކުން ހަމަ ދެވޭނީ އެގޮތަށް،"

އަމިއްލައަށް ދަސްކުރި މަސައްކަތެއް!

އުމުރު ދުވަހު ކަނޑުމަތީގައި ހޭދަކުރި ނާޒިމްބެ އާޓަށް ޝައުގުވެރިކަން އުފެދުނީ ސުކޫލު ދުވަސްވަރު އެވެ. އެ ދުވަސްވަރު ނާޒިމްބެ ސިފަކުރަނީ ސުކޫލުތަކުގައި އާޓް ކިޔަވައިދިނުމަށް އިސްކަން ދިން ދުވަސްވަރެއްގެ ގޮތުގަ އެވެ. އޭނާގެ މި ހުނަރުގެ ބިންގާ އަޅައިދިނީ މަޖީދިއްޔާގައި އާޓް ކިޔަވައިދިން މިސްޓަ ސްވާމްޕީ އެވެ.

"އޭގެ މައްޗަށް ބިނާކޮށް އަމިއްލައަށް ދަސްކުރަން ފެށީ. އެކި އެއްޗެހި ބަލައިގެން. ނެޓުން މީހުން ކުރަހާ ގޮތާއި ކުލަތަކާއި ސްކީމްތައް ސްޓަޑީކޮށް، މިކްސް ކުރާނެ ގޮތާ، ފަހުން ހަމަ އަމިއްލައަށް ދަސްކޮށްގެން މި ލެވެލްއަށް އައީ،" ކުރެހުމުގެ ދުނިޔެއަށް ވަދެވުނު ގޮތް ކިޔައިދިނެވެ.

މީހަކު ނާޒިމްބެގެ ކުރެހުންތައް ބަލާލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރު ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ އެގްޒިބިޝަނަކީ ނާޒިިމްބެގެ މިފަދަ ދެ ވަނަ މައުރަޒެވެ. އެންމެ ފުރަތަމަ ނާޒިމްބެގެ ކުރެހުންތައް މިފަދަ ގޮތަކަށް ދައްކާލާފައިވަނީ 2000 ވަނަ އަހަރު، އެސްޖެހިގޭގަ އެވެ. އޭގެ ފަހުން މަސައްކަތުގައި އަވަދިނެތި އުޅުމަށް ފަހު ދެ ވަނަ އެގްޒިބިޝަނެއް ބާއްވަން ނާޒިމްބެ ކުރަހަން ފެށީ 2010 ހިސާބުގަ އެވެ.

"އެ ފަހުން ވެސް ވަރަށް ބޮޑު މެދުކެނޑުމެއް އައީ، އެއީ ކާފަދަރިއެއް ލިބިގެން އޭނާ އެންމެ އެކްޓިވް ވެގެން އައި ދުވަސްވަރު އަޅުގަނޑަކަށް ކުރަހާކަށް ފުރުސަތެއް ނުލިބޭ. ސްޓަޑީކުރީ، އެކި ތަންތަނުން، އެކި މީހުންގެ ޕެއިންޓިންތަކާއި، އެ ދުވަސްވަރު ދެން އެ ހިސާބުން ފަށައިގަތީ އަނެއްކާވެސް،" އޭނާ ކިޔައިދިނެވެ.

މި ކުރެހުންތައް އަސްލަކަށް ހަދަން ނާޒިމްބެ ކުރީ ދިގު ދަތުރެކެވެ. މާލެއާ ބެހޭ މައުލޫމާތު ހޯދާ ދިރާސާކުރި އެވެ. ހިސްޓްރީ އޮފް ދަ މޯލްޑިވްސްއާއި ވޮނަދޮނަ ފަދަ އޮންލައިން ސައިޓުތަކުން އިހުގެ ކުރީގެ ހުދާއި ކަޅުގެ ފޮޓޯތައް ސޭވްކޮށްގެން ބެލި އެވެ. ކަޅު ކުލަ އަރައި، އަސްލު ނޭނގޭ ވަރުވެފައިވާ ފޮޓޯތަކުގައި ނާޒިމްބެ ކުލަޖައްސައިދިނީ އޭނާގެ ކުރެހުންތަކުގަ އެވެ.

މާލެއަށް 1900 ގެ އަހަރުތަކުގައި އުދަ އަރާފައިވާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ނާޒިމްބެމެން ކުޑައިރު އިރު ވެސް ފެނިފައި ހުރި ތަންތަނަށް ބަލާއިރު އެ ތަންތަނުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ގޮތް ނުވަތަ ކުލަ ކަމަށް ބަލައިގެން ހުންނާނީ ކުރަހާފައި. ކުދިކުދި އެޑްޖަސްޓްމެންޓްސް އެއީ، މައިގަނޑު ނުގެއްލޭ ގޮތަށް،" އޭނާ ބުންޏެވެ.

ތޭވީސް އަހަރު ފަހުން ދެ ވަނަ މައުރަޒެއް ބޭއްވިގެން ދާއިރު ނާޒިމްބެއަށް އޮތް ހިތްހަމަޖެހުމަކީ އަމިއްލައަށް ކުރިއަރާފައިވާ ކަމުގެ އިހުސާސެވެ. ފެން ކުލައަށް އިތުރަށް ލޯ ހުޅުވި، ކުރެހުން "މެޗުއާ" ވެފައިވުމެވެ.

ނާޒިމްބެގެ ކުރީގެ މާލެ ދައްކުވައިދޭ "ވަންސް އަޕޮން އަ ޓައިމް އިން މާލެ" ކުރެހުންތައް ބަޔަކު ބަލާލަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފެންކުލައަށް ހުސްވެފައިވާ ނާޒިމްބެގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭނުންވާ ކުލަތައް މާލެއިން ގަންނަން ނުލިބުމެވެ. ގިނަ އާޓިސްޓުން އެކްރެލިކްސް ކުލައިން ކުރަހާތީ ފިހާރަތަކުން ވެސް އިސްކަން ދެނީ އެފަދަ ކުލަތަކަށެވެ. ފެންކުލައިގެ ވަކި ކުލަ ގަންނަން ނުލިބެ އެވެ.

"ކުލައެއް ހުސްވެއްޖެއްޔާ ގޮސް ގަންނަން މި ޖެހެނީ ފޮށި އެއްކޮށް. ވޯޓާކަލާ ސެކްޓާ ތަންކޮޅެއް އަޅާ ނުލެވި، ޕޭޕާ އެބައޮވޭ ލިބެން، އެކަމަކު ކުލަ ނުލިބޭތީ ބޭރަށް ދެވޭ ފަހަރަކު މި ގެންނަން ޖެހެނީ،" އޭނާ ބުންޏެވެ.

ނާޒިމްބެ އެދުމަކީ ވީހާވެސް ގިނަ ކުދިން ފެންކުލައިގެ ދުނިޔެއަށް ވަނުމެވެ. އުނދަގޫނަމަވެސް، އޭގެތެރެއަށް ވަނުމުން ޝައުގުވެރިކަން އުފެދި، ރަނގަޅު އާޓިސްޓަކަށް ވެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އިއްޔެ ފެށި ނާޒިމްބެ އެގްޒިބިޝަން ކުރިއަށް ދާނީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ނެޝަނަލް އާޓް ގެލެރީގަ އެވެ.

17 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމަރޭ

12 February 2024

ވަރަށް ހިތްގައިމު ނާޒިމްބެގެ ސިކުނޑީގައި ސިފަކުރުންތައް އަތުރާލާ ރައްކާކޮށްފަ ހުރި ގޮތް.. އޭތި އަސްލު މަންޒަރުން ކުރަހާ ސިފަކޮށް ގެނެސްދެވޭނީ ވަރަށް ކްރިއޭޓިވް މީހަކަށް. އަދި އެކަމަށް ހޭދަވާ ވަގުތާ ހާލަތުވެސް ކެތްތެރިކަމާއެކު ގަބޫލުކޮށް އެކަމަށް ވަރަށް މަސައްކަތް ކުރެވިގެން.. ވަރަށް ސަޅި ހުރިހާ ކުރެހުމެއްވެސް.. ރާއްޖޭގަ އެބަ ޖެހޭ އެކި ފަންނުތަކުން ޖީލެއް ބިނާކުރަން ތައުލީމީ ނިޒާމުގެ ތެރެއިން މާއްދާ އެއް ހަދާފަ ނަމަވެސް. ޢޭރުން ތިބޭނެ ހުރިހާ ކަމެއް ދަންނަ މަސައްކަތްތެރި ފަންނުވެރި އަމިއްލަ މަސައްކަތުން ނަފާ ހޯދޭނެ ބައިވަރު މީހުން...

The name is already taken The name is available. Register?

ޅލޖޖހފފ

23 January 2024

ގޯ ނާޒިމްބެ

The name is already taken The name is available. Register?

ޓެރޭސްސތ2

21 January 2024

ފާލަމެއް އަޅާފައި އެއިން ގެއަކީ މ. ޘާނިޔާ. ތައިބާ މިސްކިތް ކައިރި

The name is already taken The name is available. Register?

ޖުހާނާ

21 January 2024

ތިޔަ ބުނާ ގެއަށް ކިޔަނީ މ."ޘާނިޔާ" އެއް ނޫން. އެގޭގެ ނަމަކީ، މ."ސާނިޔާ". އެއީ ދައުލަތަށް ވަރަށް ގިނަ ދުވަހު (ޚާއްޞަކޮށް އޮޑިޓް އޮފީހުގައާއި ފިނޭންސް މިނިސްޓްރީގައި ދިގު މުއްދަތެއްގައި) ޚިދުމަތްކުރެއްވި ވައިކަރަދޫ އިބްރާހީމް ރަޝީދުގެ ގެ.

The name is already taken The name is available. Register?

ނާޒިމްބެއަށްޝުކުރު

21 January 2024

ނާޒިމްބެ ތި ކޮށްދިނީ ވަރަށް އަގުހުރި މަސައްކަތެއް. އޭރުގަ ކުލަ ފޮޓޯ ނެގޭ ކެމެރާ ނޭނގެ ހުންނަ ކަމެއް. އެހެންވީމަ ތިކަހަލަ މަންޒަރުތަކުގެ ކުލަ ފޮޓޯތައް ބަލާލާކަށް ނުލިބޭނެ. މިހާރު އޭއައި އިން ފޮޓޯ ކުލަކޮށްދިނަސް ތިޔަ ކަހަލަ އަމިއްލަވަންތަ ބުރަ މަސައްކަތަކާ އެއްގޮތެއްނުވާނެ. ހިތުގެ ފުންމިނުން ނެރޭ މަސައްކަތަކާ އެއްވަރެއްނުވާނެ.

The name is already taken The name is available. Register?

އަހުމަދު ސައިފުލް

21 January 2024

ނާޒިމްބެގެ ކުރެހުން ބަލަން ހުރި އެކަކީ އޭނާގެ ކޮއްކޮ، ކުރިން މާލޭގެ މޭޔަރު ކަން ކުރެއްވި ސިފާ!

The name is already taken The name is available. Register?

ބަހާރު

27 January 2024

މައްސަލައަކީ އެވަރު ނޫސްވެރިްނަށް ނޭދުން

The name is already taken The name is available. Register?

ދިވެހި ދަރިން

21 January 2024

ތިޔަ ފޮޓޯތަށް ރީތިކޮށް ބަލާލެވެޭނެ އިންސްޓަރގްރާމް އައިޑީ އެއް ލިބިދާނެތޯ،

The name is already taken The name is available. Register?

ماشاءالله ހީވަނީ އެދުވަސްވަރު ރިވައިންޑްވިހެން!

21 January 2024

އޭރު ފާޚާނާ ކުރަން، މޫދަށް ވާގޮތަށް ހަދާފަ ހުންނަ ކުޑަ ގެގަނޑު ވެސް "ދޮރު ހުޅުވާފަ އެތެރެ ފެންނަ ގޮތަށް" ކުރާހާލިނަމަ ތި މަޢުރަޒަށް އިތުރު ފުރިހަމަކަމެއް ގެނުވީސްކަން ޔަޤީނެވެ.

The name is already taken The name is available. Register?

ހެްމް

21 January 2024

ތިތަނަށް ވަދެވޭ ގަޑިއާއެކީ ލިޔާނަމަ އަޅެ.

The name is already taken The name is available. Register?

ބީފާނުގެ ގޮމަ

21 January 2024

ވަރަށް ނަލަ.

The name is already taken The name is available. Register?

އެލެކްސް އެހުމަދު

21 January 2024

މާލެ މާލެއަކަށް ހެދީ މާލޭމީހުންގެ ބުރަ މަސައްކަތުން. އަފީފުމެނަށް ކަމެއްނުވީ މަސައްކަތެއްނުކޮށް ހަސަދައިގެ ކޮމެންޓުތައްކުރުމުގާ މުޅިދުވަސް ނަގާލާތީ.

The name is already taken The name is available. Register?

ޢޭނާ

21 January 2024

މާލެ މާލެއަކަށް ހެދީ މާލޭމީހުނެއްނޫން ، ރާއްޖެތެރޭ މީހުންގެ ބުރަ މަސައްކަތުން. ގެ ކުއްޔަށް ދީފަ ޔޫކޭގަ ތިބުން އެއީ ބުރަ މަސައްކަތެއް ނޫން

The name is already taken The name is available. Register?

އަލީމު

21 January 2024

އަފީފު އެކަނި ދައްކާ ވާހަކަ ތަކެއްނޫން. އޭނަ އެދައްކަނީ ހަމަ މުޅިރާއްޖެތެރޭގެ އެންމެންވެސް ދައްކާ ވާހަކަ. މާލޭގެ "ބިންވެރިން" ނަކައް ހަޖަމެއްނުވާނެތާ!

The name is already taken The name is available. Register?

މަރަތެލި.

21 January 2024

މާލޭ މީހުން އައްޑޫ ގަން ލޫޓުވާލައިގެން މާލެ ގެނައިވާހަކަ އަޑުއެހިން. އެއީ ތެދެއްތަ ؟ އެލެކްސް އަށް އިގޭ ނަމަ އެވާހަކަ ކިޔާދީބަލަ.

The name is already taken The name is available. Register?

މީނާ

21 January 2024

ޢޭނާ ތި ދައްކަނީ މަދު ބައެއްގެ ވާހަކަ. ރާއްޖެތެރޭ މީހުން ކުލި ދެއްކުން އެއީކީ މާލެ ބިނާކުރަން ތި މީހުން ކުރި މަސައްކަތެއް ނޫން. އެއީ ތި މީހުންގެ އަމިއްލަ ދިރިއުޅުން ރަގަޅު ފެންވަރަކަށް ގެންދަންވެގެން އަމިއްލަ އެދުމެއްގައި މާލެއަރާ ތިބުން. ކޮންމެ ކަމަކަށް މާލެ އެރިއަސް ދެން އެނބުރި ފައިބައިގެން ނުދާ މީހުން ގިނައީ. އެއީ މާލެ ހަދައިދޭންވެގެން މާލެ އެރި ބައެއް ނޫން.

The name is already taken The name is available. Register?

މީނާގެ މިނާބޮލި

21 January 2024

"މީނާ" މި ދައްކަނީ ކޮންކަހަލަ ކަނޑުކޮސް ވާހަކައެއްބާ! ދަތެއްގައި ރިހުނަސް، ފަޔަށް ނާރެއް އެރިއަސް ރަށުން ލިބޭ ހިދުމަތެއް ނުހުރޭ. ކުރެވޭ ފަރުވާލެއް ނެތް. ހުރިހައި ހިދުމަތެއް ލިބެން ހުރީ ތިޔަބުނާ މާލޭގަ. ތެދެއް. "އެއީ މާލެ ހަދައިދޭންވެގެން މާލެ އެރި ބައެއް ނޫން." އެއީ އެނޫން ގޮތެއް ނެތިގެން ދަތެއްގެ ރިހުމަށް ފަރުވާ ހޯދަން މާލެ އަރަން މަޖުބޫރުކުރުވިބައެއް. "މީނާ" އަށް ވަރަށް ވެދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454