މީހަކު އިންޓަނެޓް ބޭނުންކުރަނީ: ސްރީ ލަންކާ ސަރުކާރުން އަންނަނީ ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމަށް ގާނޫނެއް ހެދުމުގެ މަސައްކަތްކުރަމުން.
24 ޖެނުއަރީ 2024 - 06:05
ސްރީ ލަންކާގައި ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުން ހުށަހެޅި ބިލެއްގެ މަޝްވަރާ އިއްޔެ ފަށައިފި އެވެ.
"ޑްރެކޮނިއަން" ގެ ނަމުން ނިސްބަތްކުރާ މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ ސަރުކާރުން ނުރުހޭ ކޮންމެ ކޮންޓެންޓެއް މައްސަލައަކަށް ހަދައި ކުންފުނިތައް ކުށްވެރިކުރެވިދާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.
އޮންލައިން ސޭފްޓީ ބިލެއްގެ ގޮތުގައި ހުށަހެޅި މި ބިލްގެ ސަބަބުން އެނޮނިމަސް އަދި ޕެރޮޑީ އެކައުންޓުތައް ވެސް މަނާވާނެ އެވެ.
ރައީސް ރަނިލް ވިކްރެމެސިންހާ އަށް ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ލިބިފައި ވާއިރު މި ހަފްތާގައި ވެސް ބިލް ފާސްކޮށްފާނެ ކަމަށް ބެލެވެ އެވެ.
މި ބިލްގައި ބުނާ ގޮތުން ފޭސްބުކް، ގޫގުލް އަދި އެކްސް ފަދަ ޕްލެޓްފޯމްތަކުން އޭގައި ހުންނަ، މި ބިލާ ހިލާފް ކޮންޓެންޓަށް ޒިންމާވާން ޖެހޭނެ އެވެ. ގައުމީ ސަލާމަތަށް ގެއްލުން ހުރި އަދި ނުރައްކާވެދާނެ ކަމަށް ސަރުކާރަށް ގަބޫލުކުރެވޭ ކޮންމެ ކޮންޓެންޓަކަށް ސޯޝަލް މީޑިއާ ކުންފުނިތަކުން ޒިންމާވާން ޖެހޭނެ އެވެ.
މި ބިލާ ދެކޮޅަށް ލަންކާގެ އިދިކޮޅު ޕާޓީތަކުން ވާހަކަ ދައްކަމުން އަންނައިރު ބޭރުގެ އެކި ގައުމުތައް ބައިވެރިވާ އިންޓަނެޓް އަދި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިއްތިހާދުން ވެސް ބުނެފައިވަނީ މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަހަކަށް ވާނެ ކަމަށެވެ. އެޕަލް، ގޫގުލް، ޔަހޫ، މެޓަ އަދި އެކްސް ވެސް ހިމެނޭ އޭޝިއާ އިންޓަނެޓް ކޯލިޝަނުން މި މަހު ކުރީކޮޅު، މި ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ގޮވާލައިފަ އެވެ.
"މި ބިލް ވަރަށް ބޮޑަށް ބަދަލުކޮށްގެން ނޫނީ މިއީ އަމަލުކުރެވޭ ވަރުގެ ބިލަކަށް ނުވާނެ،" ކޯލިޝަނުން ސަރުކާރަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.
ސްރީ ލަންކާގެ އިގްތިސާދީ މައްސަލަތައް އެންމެ ބޮޑުވެގެން ދިޔައިރު 2022 ވަނަ އަހަރު އޭރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާދޭން ޖެހޭ ހިސާބަށް ގައުމުގެ ކަންކަން ގެންދިއުމުގައި ސޯޝަލް މީޑިއާގައި ބޮޑު ދައުރެއް އަދާކުރި އެވެ. --އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
24 January 2024
ސޯސަލް މީޑިއާވެސް މަނާކުރޭ! އިންޓަނެޓް ކަ ފިލްޓަރެއް އަޅުވާ!