އިންޑިއާގެ ކަނޑުގެ ސިފައިން މިއަދު ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ އަތްދަށުން އީރާންގެ މަސްބޯޓެއް އަތުލައިގަނެ މީހުން ހައްޔަރުކޮށްފައި. -- ފޮޓޯ: އިންޑިއާ ނޭވީ
30 ޖެނުއަރީ 2024 - 10:23
އިންޑިއާގެ ކަނޑުގެ ސިފައިން 24 ގަޑިއިރު ތެރޭ ދެ ވަނަ ބޯޓު ސޯމާލިއާގެ ފޭރޭ މީހުންގެ އަތްދަށުން ސަލާމަތްކޮށްފި އެވެ.
އިންޑިއާގެ ކަނޑުގެ ސިފައިން ބުނީ އައިއެންއެސް ސުމިތުރާ އިން އިއްޔެ އީރާންގެ މަސްބޯޓު "އީމާން" ސަލާމަތްކުރުމަށް ފަހު ރޭ ފަތިހު ހިންގި އޮޕަރޭޝަނެއްގައި އީރާންގެ އެހެން މަސްބޯޓެއް ވެސް ފޭރޭ މީހުންގެ އަތްދަށުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
ސޯމާލިއާގެ އިރުމަތީ ފަރާތުން މަސްބޯޓު "އަލް ނައީމީ" ސަލާމަތްކޮށް އޭގައި ތިބި ޕާކިސްތާނުގެ 19 ފަޅުވެރިން ވެސް ސަލާމަތްކޮށް ސޯމާލިއާގެ ފޭރޭ 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާ ސިފައިން ބުންޏެވެ.
އީރާންގެ މި ބޯޓަށް ފޭރޭ މީހުން އަރައި ފަޅުވެރިން ރަހީނުކޮށްފައިވާކަން އިއްޔެ އެނގުނީ އީރާންގެ ބޯޓު "އީމާން" ސަލާމަތްކުރި ފަހުން ކަމަށާއި އެ ބޯޓު ސަލާމަތްކުރަން ދިޔަ އައިއެންއެސް ސުމިތުރާ އަނެއްކާ ވެސް އިތުރު އޮޕަރޭޝަނެއް ފަށަން ޖެހުނީ ކަމަށް ސިފައިން ބުންޏެވެ.
އިންޑިއާގެ ކަނޑުގެ ސިފައިން މިއަދު ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ އަތްދަށުން އީރާންގެ މަސްބޯޓެއް އަތުލައިގަންނަނީ. -- ފޮޓޯ: އިންޑިއާ ނޭވީ
"މި ކުރި މަސައްކަތުން މަސްބޯޓުގެ ފަޅުވެރިން ރައްކާތެރިކަމާ އެކު ދޫކޮށްލަން ފޭރޭ މީހުންނަށް މަޖުބޫރުކޮށް، އެ މީހުން އަމިއްލައަށް ސިފައިންނަށް ހަވާލުވި،" އިންޑިއާގެ ކަނޑުގެ ސިފައިންގެ ސޯޝަލް މީޑިއާގައި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އެ ޕޯސްޓްގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ކޮޗީގެ ހުޅަނގުން 850 ނޯޓިކަލް މޭލު ދުރުން އަރަބި ކަނޑުގައި އިންޑިއާގެ ކަނޑުގެ ސިފައިން ވަނީ ފޭރޭ މީހުންގެ މައި އުޅަނދުތަކުން ކާގޯ ބޯޓުތަކަށް ކުރާ ގޯނާތަކާ ދެކޮޅަށް ވެސް ފިޔަވަޅުތައް އަޅައިފަ އެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އެންމެ ބޮޑަށް އިތުރުވީ 2011 ވަނަ އަހަރު އެވެ. ސޯމާލިއާގެ އައްސޭރިއާ 2،270 މޭލު ދުރުން އިންޑިއާ ކަނޑުގެ ތެރޭގައި ވެސް ފޭރުމުގެ އަމަލުތައް ހިންގަމުން ދިއުމަށް ފަހު މިދިޔަ އަހަރުތަކުގައި ވަނީ މިކަން ވަރަށް ބޮޑަށް މަދުވެފަ އެވެ. މިދިޔަ މަހު ސޯމާލިއާ މީހުން ވަނީ މޯލްޓާގެ ދިދާގައި ދަތުރުކުރި ބަލްގޭރިއާގެ ބަލްކް ކެރިއަރު އެމްވީ ރުއެން ފޭރިގެންފަ އެވެ. މި ބޯޓުން ޒަހަމްވި ފަޅުވެރިއަކު އިންޑިއާ ސިފައިންނާ ހަވާލުކުރުމަށް ފަހު ދެން ތިބި 17 މީހުން ވަނީ ސޯމާލިއާއަށް ގެންގޮސްފަ އެވެ.
ޔަމަންގެ ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭން ފަށާފައި ވަނިކޮށް ސޯމާލިއާގެ ފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވެފައި މި ވަނީ ރަތްކަނޑުގެ ސަރަހައްދަށް ކަނޑުގެ ސިފައިންގެ މިސްރާބު ބަދަލުކޮށް ސޯމާލިއާގެ ފޭރޭ މީހުންނަށް ދޭ ސަމާލުކަން ކުޑަވެފައި ވަނިކޮށެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހުޔާ.
30 January 2024
ހަޖަމުނުވިއަސް އިންޑިއާގެ އަސްކަރީބާރު ފުރާންސް ޔޫކޭ ޖަރުމަންފަދަ ގައުމުތަކަށްވުރެ އެތައްގުނައެއް ވަރުގަދަ. ދުނިޔޭގެ ސުޕަރޕަވަރެއް. ހަސަދަވެރިވިއަސް މިއީ ހަގީގަތް.
އަޑަފި
30 January 2024
އިންޑިއާ އައުޓް ކުރުމުގަ މުއީޒް ސަރުކާރުގެ މަތިފަޑި “ހޭބޯނާރާ ޖަހަނީމަރުފަލި ތާބޮޑިބޯން”ޅެމެއްގެ ތަންކޮޅެއްހިމެނުން ކިޔާމީހާއައް ފަރުވާޔަކައް
ހޮޅިބެ
30 January 2024
ސާބަހޭ އިންޑިއާ. އަހަރެމެން މި ތިބީ ސާބިތުވެ އިންޑިއާ އާއި އެކު
ހޯހޯހޯ
30 January 2024
އެހެން ނަމަވެސް ރާއްޖޭގައި ގާއިމްވެގެން ތިބި އިންޑިއާ ސިފައިން ޖެހޭނީ ފައިބައިގެންދާ.