ކުޅިވަރު / ކްލަބް ވެލެންސިއާ

އަހަރުތަކަށް ފަހު ބައްސާމަށް ވެލެންސިއާގެ ކޮންޓްރޯލް ގެއްލިއްޖެ!

އެފްއޭއެމްގެ ރައީސް ބައްސާމް: ގާތްގަނޑަކަށް 10 އަހަރުވަންދެން އޭނާ ވަނީ ސީދާކޮށް އަދި ނުސީދާކޮށް ވެލެންސިއާ ކޮންޓްރޯލްކޮށްފަ. އެކަމަކު މިހާރު އޭނާގެ ކޮންޓްރޯލް ވަނީ ގެއްލިފަ --- ފޮޓޯ: އެފްއޭއެމް

30 ޖެނުއަރީ 2024 - 11:20

3 comments

ސީދާ އަދި ނުސީދާކޮށް، ގާތްގަނޑަކަށް 10 އަހަރު ވަންދެން ވެލެންސިއާގެ ކޮންޓްރޯލް ކުރި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް، އެ ކްލަބްގެ ކޮންޓްރޯލް މުޅިން ގެއްލިއްޖެ އެވެ.

ވެލެންސިއާގެ ނައިބުރައީސް ކަން ވެސް ކުރި، ބައްސާމް އަށް އެ ކްލަބްގެ ކޮންޓްރޯލް ގެއްލުނީ އޭނާއާ ގާތް ގުޅުން އޮންނަ މީހުން ބޯޑުން ވަކި ކުރުމަށް ފަހު ބަދަލުގައި އެހެން މީހުން ބޯޑަށް އައްޔަން ކުރުމުންނެވެ.

ވެލެންސިއާގެ ޗެއާމަންކަމަށް އަބްދުﷲ އަޒުމީނު އައްޔަން ކުރި ފަހުން، އެ ކްލަބްގެ ބޯޑުގައި ތިބި، ތިން މެންބަރަކު ވަކި ކުރުމަށް ފަހު، އިތުރު ދެ މެންބަރަކު ބޯޑަށް އައްޔަންކޮށްފަ އެވެ. އަޒުމީނު ޗެއާމަނަކަށް އައްޔަން ކުރީ، ޗެއާމަންގެ މަގާމުގައި ކުރިން ހުރި ބައްސާމްގެ ކޮއްކޮ ރަސްލާން އަދީލް ޖަލީލް މަގާމުން ވަކިވުމުންނެވެ.

ބޯޑުން ވަކި ކުރި މެންބަރުންނަކީ އެ ކްލަބްގް ފައިނޭންސް ޑައިރެކްޓާގެ މަގާމުގައި ހުރި ހުސައިން ވަހީދު (ދޮނާ) އާއި ބޯޑްގެ އެންމު މެންބަރުންގެ ގޮތުގައި ތިއްބެވި އަލީ މަމްދޫހް މުހައްމަދު އަދި މިސްބާހް މުހައްމަދެވެ. އެ ދެ ބޭފުޅުންނަކީ ބައްސާމްއާ އާއިލީ ގާތް ކަމެއް އޮތް ދެ ބޭފުޅުންނެވެ.

ބަދަލުގައި ބޯޑަށް އިތުރު ކުރި ދެ މެންބަރުންނަކީ ވެލެންސިއާގެ އެކަޑަމީގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި ވެލެންސިއާގެ ކުރީގެ މެނޭޖަރު އަދި ކުރިން އެ ޓީމަށް ކުޅުނު އަހްމަދު ޝަރީފް (މާޑޭ) އެވެ.

ވެލެންސިއާގެ މިހާރުގެ ބޯޑް

- ރައީސް: އަބްދުﷲ އަޒުމީން

- ނައިބު ރައީސް: އިލްމާއު ހުސައިން (މައު)

- ސްޕޯޓްސް ޑައިރެކްޓާ: އިސްމާއީލް އާސިފް (ކުޑަ ހީނާ)

- - ބޯޑް މެންބަރު: ޔޫސުފް ރަމީޒު (ރަމީ)

- ބޯޑް މެންބަރު: މުހައްމަދު ރާފިއު

- ބޯޑް މެންބަރު: ޔޫސުފް އަޒީމް (ޔޫއްޓޭ)

- ބޯޑް މެންބަރު: އަހްމަދު ޝަރީފް (މާޑޭ)

ބޯޑަށް މިފަހުން އިތުރު ކުރި ދެ މެންބަރުންނާ އެކު ވެލެންސިއާގެ ބޯޑް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި މިހާރު ވަނީ ރަޖިސްޓަރީ ވެސް ކޮށްފަ އެވެ.

ވެލެންސިއާގެ މެންބަރުނަނަށް ނޭނގި ބޯޑް ބޯޑަށް ބަދަލު ގެނެސް އެ ބޯޑް ރަޖިސްޓަރީކޮށްފައިވަނީ އޮޅުވާލައިގެން ކަމަށް ބުނެ، ހުސައިން ވަހީދު ކޮންޓްރޯލް ކުރާ ގުރޫޕަކުން ރޭ ވަނީ، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ދިރިއުޅޭ ގެ ކައިރިއަށް އެއްވެ އޭނާގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ.

ވެލެންސިއާގެ މެންބަރުންކަމަށް ބުނާ ބަޔަކު، ސްޕޯޓްސް ކޮމިޝަނަރު ތޮލާލްގެ ގކައިރއަށް އެއްވެ އަޑުގަދަ ކުރަނީ

އެފްއޭއެމްގެ މެއިންޓެނެންސް ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތް ކުރާ ހުސައިން ވަހީދަކީ ބައްސާމްގެ ވަރަށް ގާތް މީހެކެވެ. ރޭ އޭނާ ބުނީ ވެލެންސިއާގެ ބޯޑް ބަދަލު ކުރީ ބޯޑު މެންބަރެއްގެ ގޮތުގައި އޭނާ ވެސް ހުރި އިރު އޭނާ އަށް ވެސް އަދި ބޯޑްގެ އެހެން މެންބަރުންނަށް ވެސް ނޭނގި ކަމަށެވެ. ތޮލާލްގެ ގެ ކައިރިއަށް އެއްވީ، ގަވާއިދާ ހިލަފަށް އެ ބޯޑް ރަޖިސްޓަރީކޮށްދީފައި ވުމުން ކަމަށާއި އެތަނަށް އެއްވީ ވެލެންސިއާގެ މެންބަރުންތަކެއް ކަމަށް އޭނާ ބުންޏެވެ.

ހުސައިން ވަހީދު އާއި އޭނާއާ އެކު އެއްވި މީހުން ވަނީ އަޒުމީނު އާއި ބޯޑަށް އަލުން އައްޔަން ކުރި މެންބަރު އަހްމަދު ޝަރީފް (މާޑޭ) ގެ ފޮޓޯ ހިފައިގެން ތިބެ އަޑުގަދަކޮށްފަ އެވެ. ފަހުން ފުލުހުން އެ ސަރަހައްދަށް އައުމުން އެ މީހުން އެ ތަން ދޫކޮށް ދިޔަ އެވެ. މި މަހު ބާއްވަން އިއުލާން ކުރި އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ބައްސާމްގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމް އާއި އަހްމަދު ތޯރިގް (ޓޮމް) ގެ ތާއީދު ލިސްޓްގައި ވެސް ވެލެންސިއާގެ ސިޓީ ހިމަނާފައިވުމުން، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވެލެންސިއާގެ ތާއީދުގެ ސިޓީތައް ބާތީލު ކުރި އެވެ. އެއާ އެކު ތޯރިގް އަށް ފުރަތަމަ ޑިވިޝަނުން ތާއީދު ކުރާ ކްލަބްތައް ހަމަނުވާތީ އޭނާ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ނިންމި އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން އޭނާ ހުށަހެޅި އިރު އެފްއޭއެމްގައި އިސްތިއުނާފް ކޮމިޓީއެއް ވެސް ނެތެވެ. މިހާރު ފީފާއިން އަންގައިގެން އިންތިހާބުގެ މަސައްކަތް އެފްއޭއެމުން ވަނީ ހުއްޓާލައިފަ އެވެ.

ތޯރިގަށް ތާއީދު ކުރުމަށް ސޮއިކޮށްފައި ވަނީ އަޒުމީނުގެ އިތުރުން ވެލެންސިއާގެ ނައިބު ރައީސް އިލްމާއު އާއި ސްޕޯޓްސް ޑައިރެކްޓާ އަދި ކޯޗު ކުޑަ ހީނާ ޔޫސުފް ރަމީޒު (ރަމީ) ގެ އިތުރުން މުހައްމަދު ރާފިއު އެވެ.

މުފާ ހުށަހެޅި ވެލެންސިއާގެ ސިޓީގައި ވެސް އިލްމާއު އާއި ރަމީ ވެސް ސޮއި ކޮށްފައި ވެއެވެ. ދެން އެ ސިޓީގައި މިސްބާހްގެ އިތުރުން އިލްމާއު އާއި ރަމީ ވެސް ސޮއިކޮށްފައި ވަނީ ހުސައިން ވަހީދާއި މަމްދޫހްގެ އިތުރުން މިސްބާހް އެވެ.

އަޒުމީނާ ދެކޮޅަށް މި މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެވި ހުސައިން ވަހީދާ އެކު އިލްމާއު ވެސް ބައިވެރިވި އެވެ. އެކަމަކު ރޭގެ އެއްވުމުން އިލްމާއު ފެނިފައެއް ނުވެ އެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަދާސް

30 January 2024

ކޮން ކަމެއްވީ މީހެއް މިއީ. ބައްޕަގެ ކުލަބު ލިބުނީމަ ވެސް ފުނޑާލީ. ޝަވީދު އެފްއޭއެމް ދިނީމަ އެތަން ވެސް ފުނޑާލީ. އެއްވެސް ކަމެއް ނުވެ، ޕެންޓް ހައުސް ގަތް ސޮރެއްމިއީ. އެންމެ އަރިސް މީހަކީ ތަނެއް ދޮރެއް ނުދަންނަ ދޮނާވީމާ ވާނީ މިހެން.

The name is already taken The name is available. Register?

ވިށަން އިއްބެ

30 January 2024

މި ދޮނާ މީދެން ކާކު ތަ ވެލެންސިއާ ނަމުގަ ނިއުސް ކޮންފަރެންސް ބާއްވަން. އަދި ނުވިތާކައް ބޯޅައެއް ގަ ފައިން ޖެހިމީހެއްވެސް ނޫން. ބައްސާމް ބޮޑީގާޑަކައް ގެން ގުޅެފަ ބޯޑައްލީ ބޯ ހަމަކުރަން.

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

30 January 2024

ޕާޓޭއިން ކުޅިވަރު ކޮންޓްރޯލުކުރާންފެށީމާ އެއްވާކަށް ދަންވަރެއް މެންދުރެއް ނުބަލާނެ. ދެން ބައްސާމަށް ބާއި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454