05 ފެބުރުއަރީ 2024 - 07:23
ހޮންކޮން (ފެބްރުއަރީ 5) - ހޮންކޮންގައި އިންޓަ މަޔާމީން އިއްޔެ ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ނުޅުނު މައްސާލައިގައި މެޗު އިންތިޒާމު ކުރި ފަރާތުން ޖަވާބުދާރީވާން އެ ގައުމުގެ ސަރުކާރުން އަންގައިފި އެވެ.
ހޮންކޮންގެ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމަކާ ދެކޮޅަށް މަޔާމީން މެޗު ކުޅެން އިއުލާން ކުރީ ޑިސެމްބަރު މަހު އެވެ. އެ މެޗުގެ ޓިކެޓް ވިއްކަން ހުޅުވާލިތާ އެއްގަޑިއރު ފަހުން ހުރިހާ ޓިކެޓެއް ހުސްވި އެވެ. މެޗު އިންތިޒާމު ކުރި ފަރާތުން ވަނީ 38،000 ޓިކެޓް ވިއްކައިފަ އެވެ.މެޗުގެ ދެމަސް ކުރިން ސަޕޯޓަރުން ނެގި ޓިކެޓްގައި މެޗު ބަލަން ދަނޑަށް ވަން ނަމަވެސް މެސީ މެޗުން ނުފެނުމުން ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ހާމަކޮށްފަ އެވެ.
"މެސީ މިއަދު [އިއްޔެ] މެޗު ނުކުޅޭތީ، އިންތިޒާމުކުރާ ފަރާތްތަކުގެ އިންތިޒާމާ މެދު ސަރުކާރާއި ހުރިހާ ފުޓްބޯޅަ ސަޕޯޓަރުން ވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. އިންތިޒާމްކުރާ ފަރާތްތަކުން ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންނަށް ވެސް އެކަމުގެ ތަފްސީލެއް ދޭން ޖެހޭ،" ހޮންކޮން ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
މަޔާމީގެ ކޯޗު ޓާޓާ މާޓިނޯ ވަނީ، މެސީ އަށް މެޗު ފުރުސަތު ނުދޭން އޭނާ ނިންމި ނިންމުން ދިފާއުކޮށްފަ އެވެ. އޭނާ ބުނީ އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ މެސީ އަނިުޔާގައި ހުއްޓައި އޭނާ ދަނޑަށް ނެރެ ރިސްކެއް ނުނެގޭނެ ކަމަށެވެ.
މެޗުގެ އެއް ދުވަސް ކުރިން، ހޮންކޮންގެ ދަނޑުގައި ކުރިއަށް ގެންދިޔަ ޓްރޭނިންގައި މަޔާމީގެ އެއް ފައުންޑަރު ޑޭވިޑް ބެކަމްއާ އެކު މެސީ ޓްރޭނިން ކުރިއަށް ގެންދިޔަ މަންޒަރު ސަޕޯޓަރުންނަށް ވަނީ ބަލާފަ އެވެ. ޓްރޭނިން ސެޝަނަށް ވެސް ސަޕޮޓަރުންނަށް ވަނުމުގެ ފުރުސަތު ހުޅުވާލި އެވެ.
އަނިޔާގައި ހުރުމުން، ލުއިސް ސުއަރޭޒް ވެސް މެޗު ކުޅެފައެއް ނުވެ އެވެ،
"ލިއޯ [މެސީ] އާއި ލުއިސް ސުއަރޭޒް ނެތުމުން ސަޕޯޓަރުންގެ މާޔޫސް ވާނެކަން އަހަންނަށް ވިސްނޭ،" މާޓިނޯ ބުންޏެވެ.
"އަހަންނަށް ވިސްނޭ ވަރަށް ގިނަ ސަޕޯޓަރުން ވަރަށް މާޔޫސް ވާނެކަން އެމީހުންގެ ކިބައިން މައާފަށް އެދެން. ލިއޯ އާއި ލުއިސް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދަނޑަށް ނެރެވުނު ނަމައޭ ހިތަށް އެރި. ނަމަވެސް [އަނިޔާގައި ތިއްބާ ކުޅެން ނުކުމެއްޖެނަމަ މާ ބޮޑު ގެއްލުމެއް ވެދާނެތީ ރިސްކް ނަގަން ނުކެރުނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy