ނެޓްބޯޅަ އެސޯސިއޭޝަނާއި މަހިބަދޫއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު.--
15 ފެބުރުއަރީ 2017 - 09:14
އދ. މަހިބަދޫގައި ނެޓްބޯޅަ އިތުރަށް ފުޅާކުރުމަށް މަހިބަދޫ ސްޕޯޓްސް ކްލަބާއި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގުޅިގެން ވައިޑީޕީ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
މިއީ ކްލަބަކާ ގުޅިގެން ނެޓްބޯޅަ ފުޅާކުރުމަށް އަތޮޅު ތެރޭގައި ފަށާ ފުރަތަމަ ހަރަކާތެވެ. ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ މަހިބަދޫ އިން ވަނީ ނެޓްބޯޅައިން ވެސް އެންމެ މަތީ ފަންތީގައި ހަރަކާތްތެރިވުމުގެ ޕްލޭނަކާ އެކު އެކެޑަމީ އެއް ފަށަން ވެސް ވަނީ ނިންމައިފަ އެވެ.
މަހިބަދޫ ސްޕޯޓްސް ކްލަބްގެ ރައީސް އިސްމާއިލް ފާއިޒް ވިދާޅުވީ އެ ކްލަބުގެ އަމާޒަކީ ގައުމީ ފެންވަރުގެ ނެޓްބޯޅަ ކުޅުންތެރިން މަހިބަދޫ އިން އުފެއްދުން ކަމަށެވެ.
"އަމާޒަކީ އެކެޑަމީ އިން ފެންވަރު ރަނގަޅު ކުޅުންތެރިން އުފެދި ގައުމީ ފެންވަރުގައި އެ ކުޅުންތެރިންނަށް ކުޅެވޭނެ މަގެއް ތަނަވަސްކޮށްދިނުން. އެކެޑަމީ ފަށާނީ ވެސް 103 ކުދިންނާ އެކު،" ފާއިޒު ވިދާޅުވި އެވެ.
ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން ވިދާޅުވީ ނެޓްބޯޅަ މުޅި ރާއްޖެ އަށް ފުޅާކުރުމަށް އެ އެސޯސިއޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އުއްމީދުކުރަނީ އިތުރު ރަށްތަކުން ވެސް ވައިޑީޕީ ހަރަކާތްްތައް ހިންގުމަށް އިސްނަގާނެ ކަމަށެވެ.
"މަހިބަދޫގައި އެކަޑަމީ އެއް ހުޅުވިގެން ދިއުމުން ނެޓްބޯޅަ އަށް ފައިދާ ކުރާނެ. އަޅުގަނޑުގެ އުއްމީދަކީ މުސްތަގުބަލުގައި އިތުރު ރަށްތަކުން ވެސް ނެޓްބޯޅަ ކުރިއަށް ގެންދަން ވައިޑީޕީ ހަރަކާތްތަކެއް ފެށުން،" ޝާޒްލީން ވިދާޅުވި އެވެ.
ރާޢްޖޭގެ ފުޓްބޯޅައާ ހާއްސަ ގުޅުމެއް އޮންނަ މަހިބަދޫ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ. މިހާރު ވެސް ގައުމީ ފުޓްބޯޅަ ޓީމުގައި މަހިބަދޫ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އެބަތިއްބެވެ. އަދި ފުރަތަމަ ޑިވިޝަނުގެ އެކި ކްލަބްތަކުގައި ވެސް މަހިބަދޫ އަށް ނިސްބަތްވާ ކުޅުންތެރިން ގިނަ އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގު (ޓޮމް) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު އުފެއްދި މި ކްލަބުން ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވެސް ދެ އަހަރު ވާދަކޮށްފަ އެވެ.
މަހިބަދޫ އަށް ނިސްބަތްވާ ކުޅުންތެރިންނަށް ޓޮމް އާއި އިމްރާންގެ އެހީތެރިކަން އަބަދު ވެސް ފޯރުކޮށްދެ އެވެ. ފުޓްބޯޅައިން ކުޅުންތެރިންނަށް އެހީތެރިވުމަށް ފަހު ޓޮމްގެ އިސްނެންގެވުމާ އެކު އުފެއްދި ކްލަބުން މިހާރު މަހިބަދޫގައި ފުޓްބޯޅަ އެކެޑެމީއެއް ހިންގާތާ މިވީ ދެ އަހަރެވެ.
ނެޓްބޯޅައިން ވެސް ކުރިއަށްދާން މަހިބަދޫ މަސައްކަތް ފަށާފައިވާއިރު، މަހިބަދޫ ސްޕޯޓްސް ކްލަބަކީ މިދިޔަ އަހަރުގެ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާ
15 February 2017
އައްޑޫގެ ބޮޑެތި ވިޔަފާރިވެރިންނާއި ސަަރުކާރުތަކުގައި ތިއްބެވި ބަސްވިކޭ ބޭފުޅުންގެ ފަރާތުން މިފަދަ އިޖްތިމާއީ ދުޅަހެޔޮކަމަށް ކަމެއް ނުކޮއްދެނީ ކީއްވެ؟ ހުރިހާކަމަކީ ފައިސާއާއި ބާރުވެރިކަމެއްނޫން. އެދަރިއެއްގެ ލޯބި އެފަސްގަނޑަކަށް އޮންނަންވާނީ ހިތާހިތުން. އެމަންޒަރު މިފެންނަނީ މަހިބަދޫއިން. ވަރަށް ޒުވާން ޓޮމްއަކާއި އިމްރާނެއް ރަށަށް އެވާ ޤްރުބާނީ އައްޑޫގެ ބޭފުޅުން ކޮޕީކޮށް ފޮލޯރ ކުރަންވެއްޖެ. އާބާދީ 2000 އެއްހާ މީހުންގެ ތެރެއިން ދިވެހިފުޓްބޯޅައިގެ ކޮންޓްރޯލް އޮންނަތާ ދުވަސްތަކެއްވެއްޖެ. ނަމެއް ވިދާލާއިރު މަހިބަދޫ ނުވަތަ އޭދަފުށި. މިހާރު އެފެށީ އަނެއްކުޅިވަރުން ޤައުމު ގުޑުވާލަން. ހެޔޮގޮތުގައި މަހިބަދޫ ޓީމުން ތިކުރާ މަސައްކަތް ކާމިޔާބު ވާށި. އާމީން -އައްޑު ބެއްޔާ-
އައިސާ މަނިކެ
16 February 2017
ބެއްޔާ، ހަރަދު ކުރެވިއްޖެ. ހަމަ ގައިމު ރާއްޖޭގެ ފުޓްބޯޅަ ޓާރފް ދަނޑަކާއި ވިނަ އެންމެ ފުރިހަމަ ދަނޑެއް އޮންނަނީ އައްޑޫގައި އަދި މުސާރަ ދީގެން ފުޓްބޯޅަ ކޯޗހުނަތަކެއް ތިބޭތާ އެތައްދުވަހެއް ވެއްޖެ، އަދި މިވީތަނަ އައި ކުޅުންތެރިޔަކު ނެތް. ދެން މިދިޔަ އަހަރު 2 މިލިއަން ހަރަދުކޮއްގެން 3 ފަތާ ޕްލެޓްފޯމް ތަކެއް ގެންދެވުނު އަދި އޭގެއިން ދޭތި އިންސްޓޯލް ކުރި ބާކީ އޮތް އެތި ފޮޓޯއަކުން ފެނުނީ ހުޅުދޫގައި ގަރާޖެއްގެ ސިފަޔަށް ބަހަޓާފަހުއްޓާ. އަދި އެޅުނު ޕްލެޓްފޯމް ތަކުގައި ދުވާލަކު 8 ކުދިން ސްވިމިން ފަރިތަކުރާތަން ނުފެނޭ. ދެން ތިތާކުނެތް މިކަމާ އުޅޭނެ ބަޔަކު ހުސް މިތާ ކޮމެންޓް ކުރާ މީހުންނާއި ފޭސްބުކްގައި ގޮތްކިޔާ މީހުން. ވަރަށް ވެދުން
ދިވެހިދަރިން
15 February 2017
ސާބަހޭ މަހިބަދޫގެ ރައްޔިތުން. ޓޮމް އަދި އިމްރާނަށް ޝުކުރިއްޔާ. މަހިބަދޫގެ ނަން ދިރުވަން ތިކުރަނީ ހިތްވަރުގަދަ މަސައްކަތެއް.