ދުނިޔެ / އިމްރާން ޚާން

އިންތިހާބުގައި މަކަރުހެދި ކަމަށް ބުނެ އިމްރާންގެ ސަޕޯޓަރުން މުޒާހަރާއަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރަކު އިއްޔެ ޕިޝާވަރާއި އިސްލާމްއާބާދު ގުޅުވައިދޭ ހައިވޭ ބަންދުކޮށްގެން ކުރި މުޒާހަރާއެއްގައި ބައިވެރިވަނީ. -- ފޮޓޯ: ޢޭއެފްޕީ

12 ފެބުރުއަރީ 2024 - 06:14

މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިހާބުގައި މަކަރުހެދި ކަމަށް ބުނެ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުން މުޒާހަރާއަށް ނުކުމެއްޖެ އެވެ.

އިމްރާން ވެރިކަމުން ދުރުކޮށް ޖަލަށް ލައި އަދި އޭނާގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ނަމުގައި އިންތިހާބުގައި ވާދަކުރުން މަނާކުރުމުން އެ ޕާޓީގެ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުކުމެ އިންތިހާބުގައި ވަނީ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެކަމަކު އަމިއްލަ ކެންޑިޑޭޓުންނަށް ސަރުކާރު އެކުލަވާލުމުގެ ގާނޫނީ ބާރެއް ނޯންނާނާތީ އެ މެންބަރުންނަށް ޖެހިފައިވަނީ އަސްކަރިއްޔާއިން ތާއީދުކުރާ ކަމުގެ ތުހުމަތު އޮތް ދެ ޕާޓީއާ އެކު މަސައްކަތްކުރާށެވެ.

އިންތިހާބުގެ ކުރިން ހިނގި އެކި ކަންކަމާއި ވޯޓަށް ފަހު ނަތީޖާ ލަސްވުން ފަދަ ކަންކަމާ ހެދި އިންތިހާބުގެ އިންސާފުވެރިކަމާ އެކު އެކި ފަރާތްތަކުން ޝައްކު އުފައްދަމުން ދާއިރު ޕީޓީއައި އިން މި ޝަކުވާއާ އެކު މުޒާހަރާއަށް އެއްވީ އިލެކްޝަންސް ކޮމިޝަންގެ ކައިރިއަށެވެ. ވެރިރަށް ލާހޯރާއި ރާވަލްޕިންޑީ އާއި އެކި ހިސާބުތަކުގައި އިއްޔެ މުޒާހަރާ ފަށާފައި ވާއިރު ފުލުހުންނާ ކުރިމަތިލުންތައް ވެސް ހިނގި އެވެ.

މުޒާހަރާއަށް ގޮވާލުމާ އެކު ފުލުހުން ބުނެފައިވަނީ މިއީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށާއި އެހެންވެ މުޒާހަރާ ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ.

އަސްކަރިއްޔާގެ ތާއީދު އޮތް ކަމަށް ބުނާ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) އަކީ އިމްރާނަށް ތާއީދުކުރާ ކެންޑިޑޭޓުން ފިޔަވައި ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީ ކަމަށް ވާތީ މިހާރު ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އެ ޕާޓީއަށް ވަނީ ފަހިވެފަ އެވެ. މިއީ ކުރިން ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ޕާޓީ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުން އިއްޔެ ކަރާޗީގައި މުޒާހަރާކުރާއިރު ފުލުހުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި. -- ފޮޓޯ: ޢޭއެފްޕީ

އިމްރާނަށް ތާއީދުކުރާ ކެންޑިޑޭޓުން ބުނަމުންދަނީ އިންތިހާބުގައި މަކަރު ނުހެދި ނަމަ އަދިވެސް އިތުރު ގޮނޑި ލިބުނީސް ކަމަށެވެ.

އިންތިހާބުގެ ކުރިން އިމްރާނާއި އޭނާގެ ޕާޓީއަށް ހުރިހާ މަގުތަކެއް ބަންދުކުރުމަށް ފަހު އިންތިހާބު އޮތް ދުވަހު ވެސް މޯބައިލް ފޯން ނެޓްވޯކް ވެސް މުޅި ގައުމުން ވަނީ ކަނޑާލައިފަ އެވެ. އަދި ވޯޓުލާ ނިމި ނަތީޖާ ސާފުކުރުން ވެސް އެހާ ބޮޑަށް ލަސްވި އެވެ. ޕީޓީއައި އިން ބުނަނީ މި ހުރިހާ ކަމެއް ހިންގީ ނަވާޒް ޝަރީފަށް ފުރުސަތު ހޯދައިދޭން ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ކަމަށެވެ.

"ޕާކިސްތާނުގެ އިންތިހާބު އޮޅުވާލާފައި ވަނީ ވަރަށް ހީލަތްތެރި ގޮތަކަށް،" ޕީޓީއައިގެ ޗެއާމަން ގޯހަރް އަލީ ޚާން ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.

އޭނާ ވަނީ މި މައްސަލައިގައި ޕާޓީގެ ސަޕޯޓަރުން ސުލްހަވެރިކަމާ އެކު މުޒާހަރާކުރުމަށް ގޮވާލައްވައިފަ އެވެ.

ސަރުކާރުން ވަނީ ޕާކިސްތާނުގައި އިހު ޒަމާނުން ފެށިގެން ބޭނުންކުރަމުން އަންނަ، އާންމު ތަންތަނަށް އެއްވެ އުޅުން މަނާކުރާ ގާނޫނީ މާއްދާއެއްގެ ބިރު ދައްކައި އެ ބާރުގެ ދަށުން އެއްވުންތައް ރޫޅާލައި އެކަން ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އިއްޔެ މުޒާހާތައް ފެށި ނަމަވެސް ކަރުނަގޭސް ޖަހައި މުޒާހަރާ ރޫޅާލައި ކުރިމަތިލުންތައް ހިނގިއިރު މީހަކަށް ބޮޑު އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ނެތެވެ. -- އޭއެފްޕީ

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454