ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާއެއްގައި އަމްނާ: އޭނާއަކީ ހއ. އަތޮޅު މަދަރުސާގެ ތާރީހުގައި ވެސް މިހާތަނަށް ދުނިޔޭގެ އެއް ވަނަ އަށް އެރި ފުރަތަމަ ދަރިވަރު. -- ފޮޓޯ | ސްކޫލް
18 ފެބުރުއަރީ 2024 - 12:22
ހއ. ހޯރަފުށީ ގައި ހުންނަ، އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ހުސެއިން ނައީމް އަހްމަދަށް އާދަޔާ ޚިލާފު އުފަލެއް ލިބުނު ނަތީޖާ އަކީ އެ ރަށުގެ ދަރިވަރަކަށް އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއް ވަނަ ލިބުމެވެ. އޯ ލެވެލްގައި އެ ސްކޫލުން ރަނގަޅު ނަތީޖާ ހޯދަމުން އަޔަސް މިހާތަނަށް އެއްވެސް ދަރިވަރަކަށް ދުނިޔެއިން އެއް ވަނަ ލިބިފައި ނުވާތީ އެވެ.
އެކަމަކު މަރިޔަމް އަމްނާ ބަދަލުކޮށްލީ ސްކޫލުގެ ތާރީހެވެ. އެ ކާމިޔާބީއާ މެދު ޕްރިންސިޕަލް ވަރަށް ފަހުރުވެރިވެ އެވެ.
"ވަރަށް ކުރިން މި ރަށުގެ ދަރިވަރަކަށް ލިބުނު އާޓް މާއްދާއިން ދުނިޔެއިން 9 ވަނަ. މިފަހަރު، އަޅުގަނޑުމެން ވެސް މިކަހަލަ ނަތީޖާއެއް ލިބިދާނެ ކަމަށް އުއްމީދު ކޮށްގެން ތިއްބައެއް ނޫން މި ލިބުނީ،" އޭނާ ވިދާޅުވި އެވެ.
ޕްރިންސިޕަލް ވިދާޅުވި ގޮތުގައި މިދިޔަ އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވި އޯ ލެވެލް ގައި ބައިވެރިވި މަރިޔަމް އަމްނާއަކީ ކިޔެވުމަށާއި ރަނގަޅު ނަތީޖާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރި ދަރިވަރެކެވެ.
އަމްނާ، އެކުގައި ކިޔެވި ބައެއް ކުދިންނާއި ސްކޫލުގެ އިސް ވެރިންނާ އެކު.-- ފޮޓޯ: ހޯރަފުށީ ސްކޫލު
އިނގިރޭސި މާއްދާއިން އެ ސްޓާ ހޯދަން މަސައްކަތްކުރި އަމްނާ ދުނިޔޭގެ އެއް ވަނާގައި ހިމެނުމަކީ އޭނާ އަށް ވެސް ލިބުނު އާދަޔާ ޚިލާފު އުފަލެކެވެ.
"އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން މިކަހަލަ ނަތީޖާއެއް ލިބިދާނެ ކަމަކަށް. އެކަމަކު ޕޭޕަރު ހެދިއިރު އުންމީދު ކުރިން އޭ ސްޓާއެއް ލިބޭނެ ކަމަށް. އެއީ ގްރޭޑް9 ގައި ވެސް އަޅުގަނޑު އިންގްލިޝް އޯ ލެވެލްގައި ބައިވެރިވެ، އޭ ސްޓާއެއް ލިބުނީމަ. އެކަމު މިކަހަލަ ވަނައެއް ލިބޭނެ ކަމަކަށް ހިއެއް ނުކުރަން،" އަބަދުވެސް އިނގިރޭސި މާއްދާއަށް ޝައުގުވެރިކަން ހުންނަ އަމްނާ ބުންޏެވެ.
ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރުންގެ އިތުރުން އަމްނާއަށް ވެސް ހައިރާންވި ނަތީޖާއެއް އެ މާއްދާއިން ލިބުނު ނަމަވެސް އަމްނާ ގަބޫލުކުރާ ގޮތުގައި އޯލެވެލްގައި އޭނައަށް ލިބުނު ނަތީޖާ އަކީ އެންމެ ހިތްހަމަ ޖެހޭ ނަތީޖާއެއް ނޫނެވެ.
"ނަތީޖާ އެންމެ ރަނގަޅެއް ނޫން. އަޅުގަނޑު ކިޔަވަން ޖެހޭ ވަރަށް އަސްލު މަސައްކަތް ނުކުރެވުނީ ކަމަށް ވެސް ވެދާނެ،" އޭނާ ކިޔައިދިނެވެ.
އަމްނާ، ކްލާސް ކުދިންނާ އެކު.-- ފޮޓޯ: ހޯރަފުށީ ސްކޫލު
ސްކޫލް ކެޕްޓަންގެ މަގާމުގައި ވެސް ހުރި އަމްނާ ބުނީ އޭނާ އުއްމީދުކުރީ އޯލެވެލް ގަދަ 10 ގައި ހިމެނުމަށެވެ. އެކަމަކު ނަތީޖާ ލިބުނުއިރު، އެވަރަށް ހުރިހާ މާއްދާއަކުން މަސައްކަތް ނުކުރެވުނީ ކަން ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.
އެންމެ ހިތްހަމަ ޖެހޭ ވަރަށް މަސައްކަތް ނުކުރެވުނީ ވަގުތު މެނޭޖްކުރަން އުނދަގޫވުމުން ކަމަށް އަމްނާ ބުންޏެވެ. ނަމަވެސް ލިބުނު ނަތީޖާއާ ދޭތެރޭ އޭނާ ހިތްހަމަޖެހެ އެވެ.
އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާ ކުދިންނަށް އަމްނާގެ ނަސޭހަތަކީ، ޕާސްޕޭޕަރު ހެދުމާއި ވަގުތު މެނޭޖްކޮށްގެން އިތުރަށް ޓެސްޓަށް ދުރާލައި މަސައްކަތް ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތީދިބޭ
18 February 2024
މިތާ އެބައުޅޭ އެވެނި މިވެނި ޕްރައިވެޓް ސްކޫލަކުން ކިޔެވީމަ ނޫނީ މޮޅުނުވާނެ ކަމަށް ގަބޫލުކުރާ ބެލެނި ވެރިން ގިނަ އަދަދަކަށް. 199ރ އަށް އެއްޗެހީގަ އަގު ޖެހީމަ އެވާގޮތް ވެފަ ތިބެނީ
ލޯކަށި
18 February 2024
އާދެ.ތިވިދާޅުވާ ޕްރައިވެޓް ސްކޫލް ހަމަމާމޮޅީ އިގޭތޯ
އައިމިނާ
18 February 2024
މި ގައުމުގެ ތިބޭ ދިވެހިން ފިޔަވައި ތިކަމަކާ ދުނިޔޭގެ ބަޔަކު ނޫޅޭ.ނާބޮޑު ކަމަކަށް ހަދައިގެން.
އިންލެންޑް
18 February 2024
ޕާސްޓް ޕޭޕަރު ހަދަންޖެހެނީ ކުރާޏޭ ސުވާލުތައް ހުސްވެ އާ ސުވާލު އުފައްދަން ނޭނގޭތީބާ؟
ހުޗޭ
18 February 2024
ދުނިޔޭން ތި އިމްތިހާނުގައި މިހާރު ބައިވެރިވަނީ ކިތައް ގައުމުން ކަން ލިޔެލިނަމަ ކަމުގެ މުހިންމުކަން އަދި މާ ފުރިހަމަވީސް
ޛުކާނާ
18 February 2024
ދަރިވަރުންގެ ނަން ލިޔާއިރު އެ ކުއްޖެއްގެ އެޑްރެސް ލިޔެލީމައި ޚަބަރު ކިޔާ މީހުންނަށް އެއީ ކޮން ގެއެއްގެ ކާކުގެ ދަރިއެއްކަން އެނގެން ފަސޭހަވާނެ.
މަބަލްދީބް
18 February 2024
ކޮބާ ބޭނުމަކީ. އެހުރިހާ އެއްޗެއް އެނގޭކަށް ނުޖެހޭ.
ފިއުޗަރ
18 February 2024
ފިންލޭންޑުން ހިންގާ ސްކޫލް ދެކޭގޮތުގައި ޕާސްޓް ޕޭޕަރު އެކަނި ތިޔަކުދިންނަށް އެގެނީ. އެމީހުންނަކަށް ނޭގެ ހުރުހާކުދިންވެސް ޕަރސްޓް ޕޭޕަރުހަދާކަން. މޮޅުފާސް ލިބެނީ ހުރިހާގޮތަކުންވެސް މޮޅުވީމަކަން
މޯޑް
18 February 2024
ސާބަހޭ ކޮންކޯ.
މޮޑަރު
18 February 2024
ހެހެހެ..ކޮންކޯއޭ؟؟ ރަނގަޅު ގޮތަކީ "ކޮއްކޮ"
އެ ސޮރު
19 February 2024
ބަލަ ރޯގާ ޖެހިފަ ހުންނަ އިރު ކިޔޭނީ ކޮންކޮ. ކޮއްކޮ އެއް ނޫން