އިޒްރޭލުގެ ހަމަލާއެއްގައި ސުންނާފަތިކޮށްލާފައިވާ ގެއެއްގެ ކަައިރީ މީހަކު އިށީނދެލައިގެން: ހަމަލާތައް ހުއްޓާލަން ގޮވާލާ ގަރާރު ފެއިލްކޮށްލާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
19 ފެބުރުއަރީ 2024 - 06:14
އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލުމަށް އަލްޖީރިއާ އިން ހުށަހަޅާފައިވާ ގަރާރަށް މި ހަފްތާގައި އދ.ގެ ސަލާމަތީ މަޖިލީހުގައި ވޯޓު ނަގާނެ ކަމަށް ބެލެވޭއިރު އެ ގަރާރު ފެއިލްކޮށްލުމުގެ ވިސްނުމުގައި އެމެރިކާއިން މިފަހަރު ވެސް ވާހަކަ ދައްކައިފި އެވެ.
އަލްޖީރިއާއިން މި ގަރާރު އެކުލަވާލަން ފެށީ ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއްގެ ގޮތުގައި ބެލެވޭ ކަންކަން ހުރި ކަމަށް ފެންނާތީ އެފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށް އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަމުރެއް ނެރުމާ އެކުގަ އެވެ.
މި ގަރާރުގެ ޑްރާފްޓެއް އޭއެފްޕީއަށް ފެނިފައި ވާއިރު އޭގައި ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޭނުމަށް ދެ ފަރާތުން ވެސް ވަގުތުން ހަމަލާތައް ހުއްޓާލަން ގޮވާލައިފަ އެވެ. އަދި ފަލަސްތީނުގެ އާންމުން ގެދޮރު ދޫކޮށްދާން މަޖުބޫރުކުރުވުން ހުއްޓާލުމަށާއި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު އެންމެން ވަގުތުން ދޫކޮށްލުމަށް ވެސް ގޮވާލާފައިވެ އެވެ.
އަލްޖީރިއާއިން އެދިފައި ވަނީ އަންގާރަ ދުވަހު ވޯޓަށް އެހުމަށެވެ. މީގެ ކުރިން ވެސް އިޒްރޭލާ ދެކޮޅު ކޮންމެ ގަރާރެއް ވީޓޯކޮށް ފެއިލްކޮށްލާ އެމެރިކާއިން މިފަހަރު ވެސް އޮތީ އެ ވިސްނުމުގަ އެވެ.
އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލިންޑާ ތޯމަސް-ގްރީންފީލްޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އަދި މިސްރާއި ގަތަރުގެ ވެރިން ގެންދަވަނީ ރަހީނުން މިނިވަންކުރުމާ އެކު ހަ ހަފްތާގެ ދިގު މުއްދަތަކަށް ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މަސައްކަތްކުރަމުން ކަމަށެވެ.
"ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުން މި މަގްސަދުތަކެއް ހާސިލެއް ނުވާނެ. މިއީ އެ ކަންކަމާ ދިމާ އިދިކޮޅަށް ކަން ހިނގަން މެދުވެރިވެދާނެ ގަރާރެއް،" ތޯމަސް-ގްރީންފީލްޑް ވިދާޅުވި އެވެ.
"މި ގަރާރުގައި މި ހުރި ކަންކަމަށް އެމެރިކާގެ ތާއީދެއް ނެތް،" އޭނާ ވިދާޅުވި އެވެ. "މިހާރު ޑްރާފްޓް އޮތް ގޮތަށް ހުށަހަޅައިފި ނަމަ އެ ގަރާރު ފާހެއް ނުވާނެ."
މީގެ ކުރިން މި މައްސަލައިގައި ހުށަހެޅި ބައެއް ގަރާރުތަކުގައި ހަމާސްގެ ހަމަލާ ކުށްވެރި ނުކުރާ ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން އެ ގަރާރުތަކާ ދެކޮޅުހެދި އެވެ. އަލްޖީރިއާގެ ގަރާރުގައި ވެސް ހަމާސް ކުށްވެރިއެއް ނުކުރެ އެވެ.
އޮކްޓޫބަރު 7 ގައި ހަމާސްއިން ހަމަލާދީ އިޒްރޭލުން ހާހަކަށް ވުރެ ގިނަ މީހުން މަރާލުމުގެ ބަދަލު ހިފުމަށް އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 28،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީނީޑް
19 February 2024
ވީނީޑް ޔޫއެން ވިތުއައުޓު އެމެރިކާ
ޖަލީލީ
19 February 2024
އެމެރިކާ އަކީ ގައްޒާ ގަތުލް އާންމުގެ ބައިވެރިޔެއް. އެމެރިކާގެ ގިނަ ވެރިންނަކީ މުސްލިމުންގެ ލެއިން ތަތްތެޅިފައިވާ ބައެއް. ހެއްވާ ކަމަކީ އދގެ ވީޓޯ ބާރާއިމެދު. 50 ގައުމު ފެންނަކަމަށް ވޯޓް ދީފަ، ވީޓޯ ބާރު އޮންނަ އެންމެ ގައުމަކަށްވެސް ވީޓޯ ކޮށް ގަރާރު ފެއިލް ކޮށްލެވޭ. މިއީތޯ އެބޭފުޅުން އެބުނާ ޑިމޮކުރަސީ އަކީ