ހޫތީން ހަމަލާދިން ބޯޓު: މި ބޯޓަށް ލިބުނު ގެއްލުންތަކުގައި ފެތިދާނެ ކަމުގެ ބިރު ވަނީ ހީވެފައި.
20 ފެބުރުއަރީ 2024 - 07:22
ބެލީޒްގެ ދިދައިގައި ދަތުރުކުރި، އިނގިރޭސި ވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކާގޯ ބޯޓަކަށް ޔަމަން ކައިރިން ހޫތީ ހަނގުރާމަވެރިން ހަމަލާ ދިނުމުން ލިބުނު ގެއްލުންތަކުގައި ބޯޓު އަޑިއަށްދާން ފެށުމުން ފަޅުވެރިން ބޯޓު ދޫކޮށް އެއިން ފައިބައިފި އެވެ.
ދިގުމިނުގައި 172 މީޓަރު ހުރި "ރޫބީމާރް" ބޯޓަށް ހަމަލާ ދިނީ ގަލްފް އޮފް އަދަންގެ ތެރެއިން، ބާބް އަލް މަންދަބް އާ ދިމާލަށް ދަނިކޮށެވެ.
މިއީ ހޫތީން މިދިޔަ އަހަރު ފަހުކޮޅު އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އަދި މިއީ އުޅަނދުތައް ހޫތީންގެ ކިބައިން ސަލާމަތްކުރުމަށް ޔޫރަޕާއި އެމެރިކާއިން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއް އަދި ނުފެންނަކަން ވެސް ހާމަވި ހާދިސާއެކެވެ.
އިނގިރޭސި ވިލާތުން ބުނީ ބޯޓު ކައިރީގައި މިހާރު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ގެއްލުންވި ރޫބީމާރްގެ ސެކިއުރިޓީ ފާމް އެލްއެސްއެސް-ސަޕޫ އިން ބުނީ ބޯޓަށް މިސައިލް ދެ ހަމަލާ އަމާޒުވި ކަމަށެވެ.
"ބޯޓު އަޑިއަށް ނުގޮސް އޮތީ ކިރިޔާ،" އެލްއެސްއެސް-ސަޕޫގެ ތަރުޖަމާނަކު ރޮއިޓާސް އަށް ބުންޏެވެ.
އޭނާ ބުނީ ބޯޓު ޓޯކުރެވޭނެ ގޮތްތަކާއި ދެން އެއާ މެދު އަމަލުކުރާނެ ގޮތަކާ މެދު ބޯޓުގެ ވެރިފަރާތާއި މެނޭޖްމަންޓުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ބޯޓަށް ހަމަލާ ދިނުމުން އޭގައި ތިބިއެންމެން ބޯޓުން ފައިބައިފައިވާކަން އޭނާ ޔަގީންކޮށްދިނެވެ.
ހޫތީން ނެރުނު ބަޔާނެއްގައި ވެސް މި ބޯޓަށް "އެތައް ހަމަލާއެއް" ދިން ކަމަށާއި ބޮޑެތި ގެއްލުންތަކެއް ދީފައި ވާނެ ކަމަށް ބުނެފައިވެ އެވެ. އެ ބަޔާނުގައި ބުނީ ބޯޓުގައި ތިބި ފަޅުވެރިންނަށް ގެއްލުމެއް ނުވެ ބޯޓުން ފޭބުނުކަން ކަށަވަރުކޮށްފައި ވާނެ ކަމަށެވެ. ބޯޓަށް ލިބުނު ގެއްލުންތަކުގައި ބޯޓު ފެތުމުގެ ބިރު އެބަ އޮތް ކަމަށް ވެސް ހޫތީން ބުންޏެވެ.
މި ބޯޓު އޮޕަރޭޓްކުރަނީ ލުބްނާން ބަޔަކު އިނގިރޭސި ވިލާތުގެ ސަދަމްޓަމްޓަންގައި ރަޖިސްޓްރީކޮށްފައިވާ ގޯލްޑަން އެޑްވެންޗާ ޝިޕިން ކުންފުނިންނެވެ.
ހޫތީން ބުނަމުން ދަނީ ހަމަލާތައް އަމާޒުކުރަނީ އިޒްރޭލަށް އެހީވާ އަދި ތާއީދުކުރާ ގައުމުތަކާއި ވިޔަފާރިތަކާ ގުޅުން ހުރި އުޅަނދުތަކަށް ކަމަށެވެ. ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން މި ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޅާގޯނި
21 February 2024
ފަލަސްތީނުގެ ރައްޔިތުންނާ މަސްޖިދުލް އަގްސާ މިސްކިތުގެ ހިމާޔަތުގަ ހޫތިން ތިކުރާ ހަގުރަމައަށް ހިތުގެ އެމްމެ އަޑިން ހިތް ވަރުދެން އެމްމެ ތަން ކޮޅެއް ވެސް ދޫނުދޭތި އަމިލްލަ ވަޒަނުން ފަލަސްތީނުގެ ރައްޔިތުން ބޭރުކުރާތަން ބަލާކައް މުސްލިމަކަށް ކެތެއްނުވާނެ ހޫތިން ތިގޮތުގަ ކުރިޔަށް ދިއުމައް ގޮވާލަން މަ ތާއީދު
ސަލީމު އިދުރީސް
20 February 2024
ވަރައް ބައިވަރު ދަނގަޑު ތިއަޑިއައް ދަނީ!ތިކަމުން އިޒުރޭލައް ދަތިވާނަމަ މަގުސަދު ހާސިލުވެދާނެ!އެކަމަކު އެމިހުންގެ ވިސްނުން ތޫނުކަމުން އެފަދަ ތާކު ދަނޑު ވެރިކަން ކުރެވޭނެ ގޮތްވެސް ވަނީހޯދާފަ!އެކަމަކު މިގައުމު ހިންގަންތިމީހުގެ ފުލޭނަކީ ދަނޑުވެރިކަން ކުރެވޭނެ ރައްތައް ފަޅުވާފަދަ ފުލޭނެއް!ކާގޯބޯޓުތައް ފެއްތުމުގެ ރޫހެއްދުނިއޭގަ އުފެއްދިއްޖެނަމަ މާލެ ސަރައްދުއް ފަޅުވާނެކަމީ ސައްކެއް ހުރި ކަމެއްނޫން! ދެވަނަ ބޮޑުހަނގުރާމައިން ދިވެހިން އިބުރަތް ހޯދަންޖެހޭ
ސަދޫމު ސިޓީ
20 February 2024
މުސްލިމުން މުސްލިކުން ކަތިލާއިރު އެމީހުން ދިފާއު ކުރެވެންއޮތް ހުރިހާ ކަމެތްކުރަންޖެހޭނެ ހޫތީންނަށް ހަމަ ސެލިއުޓް ކުރަން
ދެރަވަރު
20 February 2024
މިއީ އެމެރިކާއާއި ޔަހޫދީންގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މުސީބާތެއް.
ރަދީފްއޮފިޝަލް
20 February 2024
ހެހެހެހެހެހެ. ސާބަހޭ ބްރަދާސް. ރަނގަޅަށް ވާންކޮށްފަ ބަހައްޓާތި.
ރަތްކަނޑު
20 February 2024
ތިކަމުން ރާއްޖެއަށްވެސް ނުސީދާކޮށް ގެއްލުންވޭ.
ސަނައްޓޭ
20 February 2024
ހޫތީން ތި ކުރާ މަސައްކަތުގައި ކާމިޔާބު ލައްވާށި
ދޫނީ
20 February 2024
ތި ހުރިހާ ކަމެއްގެ ފެށުމަކީ އިޒްރޭލުގެ ދުއްޕާންކަން މުޅި ދުނިޔެއަށް އެނގޭނީ ކޮންދުވަހަކުންބާ؟