23 ފެބުރުއަރީ 2024 - 07:43
އެޗްޑީސީ އިން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައި، ބައިވެރިންނަށް އިއްޔެ ސެޓްފިކެޓް ދީފި އެވެ.
އެ ކުންފުނިން ބުނީ، އެ ޕްރޮގްރާމް ފުރިހަމަކުރި އެންމެ ރަނގަޅު މީހުންނަށް އެޗްޑީސީ އިން މިހާރު ވަޒީފާ ދީފަައިވާ ކަމަށެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރި 75 ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސެޓްފިކެޓު ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގައިޑްލައިންސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ބައިވެރިންނަށް ދިނީ އެމްކިއުއޭގެ ލެވެލް 3 ގެ ސެޓްފިކެޓެކެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތަމްރީނުތައް ބޭއްވީ 10 ދާއިރާއަކުން ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އެއީ އިކޮނޮމިކް މިނިސްޓްރީގެ އެހީއާ އެކު، ކޮންމެ މަހަކު ވެސް ބައިވެރިންނަށް އެލަވަންސެއް ދީގެން ބޭއްވި ޕްރޮގްރާމެކެވެ.
ތަމްރީނުތައް ދިން ދާއިރާތަކުގެ ތެރޭގައި ހެވީ ވެހިކަލް ދުއްވުމާއި ގާޑަނިން އާއި ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކާއި އިންވެންޓްރީ މެނޭޖްމަންޓާއި ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން އާއި ހައުސްކީޕިން އާއި ފްރަންޓް އޮފީސް ސާވިސަސް އާއި ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަނާއި ޕެއިންޓިން އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން ހިމެނެ އެވެ.
އެޗްޑީސީން ބުނިގޮތުގައި، އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބޭނުމަކީ ކުރިއަށް ދާނެ ވަކި ދާއިރާއެއް ކަނޑަނާޅައި ތިބި ޒުވާނުންނަށް ގައުމީ ފެންވަރުގެ ލެވެލްގެ ސެޓްފިކެޓެއް ހޯދައި ދީ، ވަޒީފާގެ މައިދާނަށް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ. މިއީ ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ކުރެވެން ހުރި މަސައްކަތްތަކުގައި ބިދޭސީންގެ ޝާމިލުވުން މަދުކޮށް، އެ ފަދަ މަސައްކަތްތައް ކުރެވޭނެ ގާބިލު ދިވެހިންތަކެއް ތަމްރީނު ކުރުމުގެ ގޮތުން ހިންގަމުން އަންނަ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުގެ ހިފާފައިވާ އަމާޒަށް އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. ގައުމުގެ ތަރައްގީ އަށް ޒުވާނުން ބިނާކުރުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށާއި އެކި ދާއިރާތަކުން ގާބިލު ޒުވާނުން ބިނާކޮށް، ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމަށް އެޗްޑީސީން މަސައްކަޔްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy