ކުޅިވަރު / ޑެނިއަލް އަލްވެސް

ރޭޕްގެ ކުށް ސާބިތުވެ ޑެނީ އަލްވޭސް ޖަލަށް ލައިފި

އަލްވޭސް ކޯޓުގައި، އޭނާ އަށް ވަނީ ހަތަރު އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އިއްވާފަ.-- ފޮޓޯ: އޭއެފްޕީ

23 ފެބުރުއަރީ 2024 - 21:12

1 comments

ބާސެލޯނާ (ފެބްރުއަރީ 23) - ކުރިން ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ތަރި ޑެނީ އަލްވޭސްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް ހަތަރު އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ސްޕެއިންގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

އަލްވޭސްގެ މައްޗަށް ސާބިތުވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާސެލޯނާގެ ނައިޓް ކްލަބެއްގައި މަސްތުގެ ޖހާލަތުގައި ހުރެ 23 އަހަރުގެ އަންހެނަކު ރޭޕް ކުރި ކަމުގެ ކުށެވެ. ޖަލު ހުކުމްގެ މުއްދަތަށް ފަހު ކޯޓުން ވަނީ އިތުރު ފަސް އަހަރު ދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ކަނޑައަޅައި، ރޭޕްގެ ޝިކާރައަކަށް ވީކަމަށް ބުނާ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 150،000 ޔޫރޯ ދޭން ހުކުމް ކޮށްފަ އެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކެޓަލޫނިއާގެ ޕޮލިހުން ވަނީ ކަފާލާތުގެ ދަށުން މިނިވަން ނުވާނޭހެން، އަލްވޭސް ވަގުތީގޮތުން ހައްޔަރަށް ގެންގޮސްފަ އެވެ. އަދި ޕްރޮސެކިއުޓަރުން ވަނީ އޭނާ އަށް ނުވަ އަހަރުގެ ޖަލު ހުކުމެއް ކުރެވޭތޯ މަސައްކަތް ކުރި އިރު، އިދިކޮޅު ވަކީލުން ވަނީ އަލްވޭސް 12 އަހަރަށް ޖަލަށް ލައިދޭން ވެސް އެދިފަ އެވެ.

އުމުރުން 40 އަހަރުގެ އަލްވޭސް ވަނީ އޭނާއަށް ކުރެވުނު ރޭޕްގެ ތުހުމަތަށް ޝަރީއަތުގައި އިންކާރު ކޮށްފަ އެވެ. އެންމެ ފުރަތަމަ އަލްވޭސް ވަނީ އޭނާ އަށް ތުހުމަތު ކުރާ ފަރާތް ވެސް ނޭނގޭކަމަށް ބުނެފަ އެވެ. އެކަމަކު ފަހުން ވަނީ އޭނާގެ ބަޔާން އެތައް ފަހަރެއް މަތިން ބަދަލު ވެސް ކޮށްފަ އެވެ. އަދި ފަހުން އެ ދެމީހުން ރުހުމުގައި ކުރި ކަމެއް ކަމަށް ވެސް އޭނާ އެއްބަސް ވެފައި ވާކަން މީޑީއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

އަލްވޭސް އަށް ރޭޕްގެ ތުހުމަތު ކުރާ ފަރާތް ކޯޓުގައި ބަޔާން ދީފައި ވަނީ ކާކުކަން ނޭނގޭހެން ފަރުދާއެއްގެ ފުރަގަހުގައި ހުރެގެންނެވެ.

އަލްވޭސްގެ ވަކީލު، އީނޭސް ގާޑިއޯލާ ވަނީ ކޯޓުގެ މި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ބުނެފަ އެވެ.

އަލްވޭސް 2022 ވަނަ އަހަރު ބާސާ އަށް ކުޅުނު މެޗެއްގައި.-- ފޮޓޯ: އޭއެފްޕީ

ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުން ބޮޑެތި ކްލަބްތަކުގެ ސަމާލުކަން ހޯދައި، 2008 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވެ، އޭނާ ވަނީ އެ ކްލަބުގައި ހޭދަކުރި އަށް ސީޒަންގައި 23 ތަށި އުފުލާލައިފަ އެވެ. ހަ ފަތަރު ސްޕެނިޝް ލީގު ކާމިޔާބުކޮށް، ތިން ފަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު އޭނާ ބާސާ ދޫކޮށްލީ 2016 ވަނަ އަހަރެވެ.

އެއަށް ފަހު އިޓަލީގެ ޔުވެންޓަސް އާއި ފްރާންސްގެ ޕީއެސްޖީއާ އެކު ލީގު ތަށި އުފުލާލުމަށް ފަހު، ބްރެޒިލްގެ ސައޯ ޕައޮލޯގައި ތިން އަހަރު ހޭދަ ކުރުމަށް ފަހު އޭނާ ވަނީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް އެހީތެރިވުމުގެ ގޮތުން 2021/2022 ސީޒަންގައި ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ބާސާ އަށް ކުޅެދީފަ އެވެ.

އެއަށް ފަހު 2022 ވަނަ އަހަރުގެ ޖޫން މަހު، އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް މެކްސިކޯގެ ކްލަބް އުނާމް އާއެކު ހެދި ނަމަވެސް، މިދިޔަ އަހަރުގެ ޖެނުއަރީގައި އަލްވޭސް ހައްޔަރު ކުރުމާ ގުޅިގެން ކްލަބުން ވަނީ އަލްވޭސްގެ ކޮންޓްރެކްޓް އުވާލައިފަ އެވެ.

ބްރެޒިލްގެ އޮލިމްޕިކް ޓީމާ އެކު 2020 ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ހޯދި އަލްވޭސް ވަނީ 2006 އިން 2022 ގެ ނިޔަލަށް ސީނިއާ ގައުމީ ޓީމަށް 126 މެޗު ކުޅެދީ އަށް ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމާ އެކު އޭނާ ވަނީ ދެފަހަރު ކޮންފެޑެރޭޝަންސް ކަޕާއި ކޮޕާ އެމެރިކާ ތަށި އުފުލާލައިފަ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 40%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަގުޑި

24 February 2024

ތީރާއްޖޭގަ ކުރި ޝަރިއްޔަތެއް ނަމަ، ތިފެންވަރުގެ މީހަކު ބަންދުވާކައް ލާހިކެއް ނޫން. މިސާލަކައް: އިބޫ ސާލިހު ސަރުކާރުގަ ހިނގި ރޯޔަން ރޭޕް ކޭސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454