ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
25 ފެބުރުއަރީ 2024 - 00:12
ރާއްޖޭގެ ގާނޫނީ ނިޒާމު ރޭވިފައިވާ ގޮތުން މަޖިލިސް އިންތިހާބަކީ ސަރުކާރަށް ވަރަށް މުހިއްމު އިންތިހާބެއް ކަމަށާއި ސަރުކާރު ކުރިއަށް ދާނެ ގޮތުގެ މަގު ކަނޑައެޅޭނީ އެ އިންތިހާބުގެ ނަތީޖާ އިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގަތް ވައުދުފުޅުތައް ފުއްދެވުމަށް މަޖިލިސް އިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެއް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ މަޖިލީހުގައި ސަރުކާރުގެ ކިބައިން ރައްޔިތުން ބޭނުންވާ ފަދަ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ އިންތިހާބުގައި ރައްޔިތުންނަށް އޮތީ ދެ ޗޮއިސް އެކެވެ.
"ކޮންމެ ހާލެއްގައި ވެސް ކޮންމެވެސް ކަމެއް ކުރެވިގެން ދިއުންތޯ ނޫނީ ވަަރަށް އެފިޝެންޓުކޮށް ވަރަށް ބާރު ސްޕީޑުގައި ރައްޔިތުން ބޭނުންވާ ގޮތަށް އަޅުގަނޑު ވައުދުވެފައިވާ ކަންތައް ފުރިހަމަ ގޮތުގައި ނިންމުންތޯ. ކޮންމެވެސް ދެ މަގެއް މިއޮތީ،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުން އެތަނުން [މަޖިލިސް އިންތިހާބުން] ނިންމަވާ ގޮތަކުން ސަރުކާރު ކުރިއަށް ދާނެ ގޮތުގެ މަގު ކަނޑައެޅިގެންދާނެ،"
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން-- ފޮޓޯ؛ ރައީސް އޮފީސް
އެހެންވެ، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަތް ވައުދުފުޅުތައް ފުއްދެވުމަށް ދެވެން އޮތް ގޮތަކުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތް ރައީސް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ އެމަނިކުފާނަށް އެންމެ ބޮޑަށް އެއްބާރުލުން ބޭނުންވާ އިންތިހާބު ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އެގޮތަށް ވިދާޅުވިއިރު އެމަނިކުފާނު ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުން ދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކިތައްމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވިޔަސް، ގާނޫނެއް ހަދައިގެން ވެސް، ގާނޫނަކަށް ބަދަލެއް ގެނެސްގެން ވިޔަސް، އަދި އެ ނޫން ގޮތަކުން ވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުއްޓުވެ އެވެ. އަދި އެކިއެކި ބަދަލުތައް ގެނައުމާއި ހުރަސްތައް ވެސް ކުރިމަތިކުރުވެ އެވެ.
- ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކުރަން މިއަހަރު ފެށުން.
- ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ މަސް ފެކްޓްރީއެއް ގާއިމުކުރުން.
- އައިސް ޕްލާންޓު އެޅުން.
- ކުނި މެނޭޖްކުރާނެ ފެސިލިޓީއެއް ގާއިމުކުރުން.
- ޑައިލަސިސް ހިދުމަތް ވަރަށް އަވަހަށް ފެށުން.
- މަލްޓި ސްޕޯޓްސް ކޮމްޕްލެކްސެއް ހެދުން.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެމަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާނެ އެވެ. ރައީސްގެ މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ކައުންސިލްތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިމިގްރާތު
26 February 2024
ޑިމޮކްރަސީގައި ސަރުކާރު ޖަވާބުދާރީ ކުރުވުން މުހިންމު. ސަރުކާރަށް މަޖްލިސް މެޖޯރިޓީ ދިނުމަކީ ބިރުވެރިކަމެއް.
ޖޫންޖުލައި
26 February 2024
ޑރ. މުޢިއްޒު ކެމްޕޭނެއް ވެސް ނުކުރައްވާނެ. ވެރިކަމަށް 2 މަސްވީއިރު 13 މެމްބަރުން ގަނެފި. ސަރުކާރުން ފައިސާ ތަޅާ ބުރުއްސަނީ. މަޖުލިސް ވޯޓުގައި ބަލިވީމާ ދެން ކުރާނެކަމަކީ އެތަނުން 30 މެންބަރުން ގަންނާނީ.
ސިލްމާ ޒާހިރު
26 February 2024
ރައްޔިތުން އިންތިޚާބުކުރީ މަޖުލިސް ދިނަސް ނުދިނަސް ކަންކުރަން. މަޖުލިސް ދޭންޖެހޭނީ އިދިކޮޅަށް. އެހެންނޫނީނ ޖަވާބުދާރީއެއް ނުކުރެވޭނެ. އަދި ހަމަމިއާއެކު، އެއްވެސް ބަޔަކަށް ސުޕަރ-މެޖޯރިޓީ ދީގެން ނުވާނެ. އެއީ ވެސް ޤައުމު ހަލާކުވެގެން ދާނެކަމެއް.
އަބްޑޫޅް +
25 February 2024
ކޮބާތޯ ތި ވިދާޅުވާ ސަރުކާރުގެ ކުރިމަގަކީ. މިހާރުވެސް ގައުމު ވިއްކާލާފި މިއުޅެނީ 3 މަސް ހަމަނުވެގެން ތިހުރީ އިއްދާގަ އެކަމު މިހާރު ރަސްމާލެ ހިއްކާ މީހުންނައް 70 ހެކުޓަރު ބިން ، ވިލިދިލި އެއާޕޯޓް އަޅާ މީހުންނައް 12 ފަޅުރަށް އަދި ވިލިގިލި އެއާޕޯޓް އަޅާ މީހުންނައް 17 ފަޅުރަށް މިވަރުން ދަންޏާ މަޖިލީހުގެ މެޖީރިޓީ ދީފިނަމަ މިގައުމުން ދިވެހިން ބޭރުކުރާނެ އިސްތިއުމާރިންގެ ބާރުގަދަވާނެ.
އުދުހޭ
25 February 2024
ކުރިމަގު ކަނޑައަޅާކަށް ނޭގުނޭ ކިޔާފަ އިސްތިއުފާ ދެއްވަންވީ ނޫންތޯ.
ސިކުނޑި
25 February 2024
އިންތިޚާބުގެ ނަތީޖާ ރަނގަޅުވާނީ ހުސްގޮނޑި ފުރައިގެން! ދިވެހީންނަކީ މޮޔައިންނެއް ނޫން! އިއްޔެ ކިޔާއުޅުނު ލަވައިގެ މަތިން އަދި ހަނދާން ނުނެތޭ! އެއަށްވުރެ ވަކި ރީތިލަވައެއްވެސް ނުއެއްކިޔޭނެ!
ބޮގޭ
25 February 2024
މަނިކުފާނު ވެރިކަމަށް އަންނަން ވިއްކި ހުސް ގޮނޑިޔަށް ހެއްދެވި ގޮތުން މަނިކުފާނަށް މަޖިލިސް ދީފިނަމަ ވާނެ ގޮތް ވަރަށް ސާފުކޮށް އެނގި ހާމަވެއްޖެ.
ޙުވަޔާހިލާފު ނުވޭ..
25 February 2024
ޜައްޔިތުންގެ ތެކްސް ފައިސާއިން ސަރުކާރުން ވައްކަން ކުރިޔަނުދީ ފާރަވެރި ވެވޭނީ ސަރުކާރައް އެންމެ ގޮނޑި އެއްވެސް ނުދީ ޖީބައް ނުވެއްޓި،ހުވަޔާ ހިލާފު ނުވާނެ މެމްބަރުން ހޮވައިގެން.
ވިސްނާލުމަށް އެދެމޭ
25 February 2024
އަހަރެންނާ އަހަރެންގެ އާއިލާގޮތްނިންމައިފިން މިސަރުކާރު ދަމަހައްޓަންބޭނުމެނޫން....އިތުރަށް ބަލަންޖެހޭކަމެނެތް ވީމާ ސަރުކާރުނުމެން ބޭނުންވަނީ....
ކޮލަމާހުއްޓާ
25 February 2024
ދޮގާމަކަރާ ޙީލަތުން ވެރިކަމަށް އައިސް ކޮންވާހަކައެއް.
ހަމައަސްލު
25 February 2024
ޔާމީނަކީ މީހުންމަރާ މީހެކޭ މިހިރިއްޔޭ ކިތާބީހެއްކޭ އަދި ޗައިނާވަނީ ދަރަނިދަންތޫރާގަ ޖައްސާފަޔޭ އަދި މަސްވރިންނައް ހަމައަގުދޭނަމެ ކިޔާ ފައައި މީހުންނައް ކިހިނެއްތޯވީ ޔާމީނަކީ މީހުންމަރާ މީހެއްކަން ނުދެއްކުނު އަދި އިންޑިޔާގެ ދަރަނި ދަންތޫރައިގަ ޖައްސާ ހިލޭ އެހީ ވެރިކަން ބަދަލުވީމަ ލޯނައްވެ ނިމިފަވަނީ އަދި މަސްވެރުންނައް ވަނީ ކުޑައަގުދީފަ.