ހަމްޒާ ޗައުދަރީ، އިނގިރޭސި އެފްއޭ ކަޕް ތައްޓާ އެކު .-- ފޮޓޯ: ގެޓީ އިމޭޖަސް
03 މާޗް 2024 - 06:24
އިނގިރޭސި ކްލަބް ލެސްޓާ ސިޓީ އަށް ކުޅޭ 26 އަހަރުގެ މިޑްފީލްޑަރު ހަމްޒާ ޗައުދަރީ، ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކުޅެން މަޝްވަރާތައް ކުރިއަށް ގެންދާކަން ހާމަ ކޮށްފި އެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ މި މަހު ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި އޭނާ ގައުމީ ޓީމުގައި ހިމެނުމަށް ލެސްޓާ ސިޓީއާ އެކު އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރަމުންނެވެ.
ލެސްޓާ ސިޓީ އިން 2021 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލްގައި ޗެލްސީ ބަލިކުރި މެޗުގައި ކުޅުނު ޗައުދަރީ ވަނީ އެ އަހަރުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑް ވެސް ލެސްޓާއާ އެކު އުފުލާލައިފަ އެވެ. އޭނާ ވަނީ އެ ކްލަބާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި 53 މެޗު ކުޅެފަ އެވެ.
އިނގިރޭސިވިލާތަށް އުފަން ޗައުދަރީ އަށް ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ފަހި ވަނީ އޭނާގެ މާމަ އާއި ކާފަ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވުމުންނެވެ. ސީނިއާ ލެވެލްގައި ގައުމީ ޓީމަށް ކުޅެފައި ނުވިއަސް އޭނާ ވަނީ އެކި އުމުރުފުރާތަކުގައި އިނގިރޭސިވިލާތް ތަމްސީލު ކޮށްފަ އެވެ.
"އަހަރެންނަށް ހީވަނީ ހަމްޒާ [ޗައުދަރީ] ގެ ކަންކަމާ ގުޅިގެން ވަރަށް ޕޮޒިޓިވް ކޮށް ހެން ވިސްނަންވީ،" ބަންގްލަދޭޝް ގައުމީ ޓީމުން ދެ ހަފްތާގެ ޓްރޭނިން ކޭމްޕަށް ސައުދީ އަރަބިއްޔާއަށް ފުރުމުގެ ކުރިން ޓީމުގެ ކޯޗު ހަވިއޭ ކަބްރޭރާ ބުންޏެވެ.
ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން މީގެ ކުރިން ވެސް ފާޅު ކޮށްފައިވާ ޗައުދަރީ މިވަގުތު ކުޅެމުން އަންނަނީ ލޯނު އުސޫލުން ޗެމްޕިއަންޝިޕްގެ ވަޓްފޯޑަށެވެ. މިހާތަނަށް އެ ޓީމަށް ލީގުގައި 36 މެޗު ކުޅެދީފައި ވާއިރު އޭނާއަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ނޮވެމްބަރު މަހު ކުޅުނު ދެ މެޗަށް ޗައުދަރީ އާއި ކެނެޑާ އަށް އުފަން ޝަމިތު ޝޯން ވެސް ބަންގްލަދޭޝް ގައުމީ ޓީމުގައި ހިމަނާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ގާނޫނީ ކަންކަން ފުރިހަމަ ކުރުމުގައި ވަގުތު ނަގާ ކަމަށް ބަންގްލަދޭޝްގެ ފެޑެރޭޝަނުން އައީ ބުނަމުންނެވެ.
ޝަމިތު ޝޯން ވަނީ ކެނެޑާގެ ގައުމީ ޓީމަށް 2020 ވަނަ އަހަރު ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެދީފަ އެވެ. އުމުރުން 26 އަހަރުގެ މިޑްފީލްޑަރު މިވަގުތު ކުޅެމުން އަންނަނީ ކެނެޑާ ޕްރިމިއާ ލީގުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެމެރިކާގެ މޭޖާ ލީގު ސޮކާގައި ހަތަރު އަހަރު ކުޅެފަ އެވެ.
ސައުދީގެ ޓްރޭނިން ކޭމްޕަށް ފަހު ވޯލްޑް ކަޕް ކޮލިފައިން ގުރޫޕް ސްޓޭޖުގެ ދެ މެޗު ބަންގްލަދޭޝް ކުޅޭނެ އެވެ. އެންމެ ފުރަތަމަ މި މަހުގެ 21 ވަނަ ދުވަހު ކުވެއިތުގައި ފަލަސްތީނާ ދެކޮޅަށް ކުޅުމަށް ފަހު، 26 ވަނަ ދުވަހު ބަންގްލަދޭޝްގައި ވެސް ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު..
03 March 2024
ކަލޯ ބުރަދާ ބޯ ތިޔަހަރީ ކުޅަނދުރު ހަތައެއްހެނެއްނު
ރާދާ
03 March 2024
ޗައުދަރީ ވައްތަރީ ދިވެއްސަކާ. އޭނާ މިކޮޅަށް ގެނެވޭނެގޮތެއް ނޯންނާނެތަ؟