ސްރީ ލަންކާގެ އިގްތިސާދީ ހާލަތު 2022 ވަނަ އަހަރު އެންމެ ބޮޑަށް ގޯސްވި އިރު ތެލާއި ގޭސް ފަދަ އަސާސީ ތަކެއްޗަށް ޖެހި އެ ހޯދަން އާންމުން ކިއޫގައި އެތައް ގަޑިއިރަކު ހޭދަކުރަން ޖެހުނަސް މިހާރު ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ހައްލުވެފައި. -- ފައިލް ފޮޓޯ: އޭއެފްޕީ
17 މާޗް 2024 - 08:45
ބަނގުރޫޓުގައި އޮތް ސްރީ ލަންކާގެ އިގްތިސާދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.
ދަނޑުވެރިކަމާއި ސިނާއީ މަސައްކަތްތަކާއި ސާވިސް އިންޑަސްޓްރީއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުއާޓާގައި 4.5 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު 12.4 ޕަސެންޓް ދަށަށް ދިޔަ ދާއިރާއެއް ކަމަށް ބޯހިމެނުމާއި ތަފާސްހިސާބާ ބެހޭ އިދާރާއިން ބުންޏެވެ.
އިގްތިސާދަށް ކުރިއެރުން ލިބުނަސް އިގްތިސާދު މިދިޔަ އަހަރު ވެސް ޖުމްލަކޮށް ދިޔައީ 2.4 ޕަސެންޓް ދަށަށެވެ. އެކަމަކު 2022 ވަނަ އަހަރާ އަޅާބަލާއިރު ނިސްބަތުން ކުޑަ އަދަދެކެވެ. އެ އަހަރު 7.8 ޕަސެންޓަށް އިގްތިސާދު ދަށަށް ދިޔަ އެވެ. އެއީ 46 ބިލިއަން ޑޮލަރުން ގައުމު ދަރަނިވެރިވެ އެ ފައިސާ ދެއްކޭނެ ގޮތެއް ނެތްކަން އިއުލާނުކުރި އަހަރެވެ.
ބޯހިމެނުމާއި ތަފާސްހިސާބާ ބެހޭ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ މިދިޔަ އަހަރަކީ އިގްތިސާދަށް ދެ ބަދަލު ވެސް އައި އަހަރެއް ކަމަށެވެ. އަހަރުގެ ފުރަތަމަ ބައިގައި ނެގެޓިވް ގްރޯތެއް ދެއްކިޔަސް ފަހު ބައިގައި ފެނުނީ ރަނގަޅަށް ކަމަށް ބުންޏެވެ.
"ޓޫރިޒަމް ކުރީގެ ހާލަތަށް ބަދަލުވާނެ ކަމަށް ކުރި އުންމީދުތައް ހާސިލްވާން ފެށީ އަހަރުގެ ފަހުކޮޅު،" ގައުމުން ބޭރުގައި ވަޒީފާ އަދާކުރާ މީހުން ފޮނުވާ ރެމިޓެންސް ވެސް ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކޮށް ބުނެފައިވެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ލަންކާއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 210،000 އަރާފައި ވާއިރު މިއީ ކުރީ އަހަރުގެ އަދަދު ކަމަށްވާ 91،900 އަށް ވުރެ ދެ ގުނަ އަށްވުރެ ވެސް މަތީ އަދަދެކެވެ.
ލަންކާއިން މިހާރު އަންނަނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިން 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ލޯންގެ ބޭނުންކުރަމުންނެވެ. އަދި ބޭރުގެ ދަރަނިތައް ދެއްކުމުގައި ލުއި ގޮތްތައް ހޯދަން އެ ފަރާތްތަކާ އެކު އަންނަނީ މަޝްވަރާކުރަމުންނެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy