ޚަބަރު / ސުޕްރީމް ކޯޓް

އިރުފާން އަލުން ޖަލަށް، ބަންދު މުރާޖައާ ކުރެވޭ ގޮތް ސުޕްރީމް ކޯޓުން ހަރުކަށިކޮށްފި

72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރި ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު މިއަދުގެ އަޑުއެހުމުގައި: އޭނާ ބަންދުން ދޫކުރި އަމުރު ވަނީ ބާތިލްކޮށްފައި

ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު ބަންދުން ދޫކުރަން ނެރުނު އަމުރު ބާތިލްކޮށް، ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރެވޭ ގޮތް ސުޕްރީމް ކޯޓުން މިއަދު ހަރުކަށިކޮށްފި އެވެ.

ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސް މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ އިރުފާން ތަގިއްޔުއަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާއިރު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ދެ ފަހަރަކު އަމުރުކުރިިއިރު، އޭގެ ތެރެއިން އެންމެ ފަހުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ތާއިދުކޮށް އިރުފާން ބަންދުން ދޫކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރުމުން މިއަދު އިއްވި ހުކުމްގައި ވަނީ އިރުފާން ތަގިއްޔު ރިމާންޑް ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ވެސް ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމްގައި ބުނީ ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހާގެ ރިމާންޑް ބަންދު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން މުރާޖައާކުރުމުގައި ވެސް ފަނޑިޔާރު ތަތުބީގުކުރަންވާނީ މީގެކުރިން ސުޕްރީމް ކޯޓުން ބެލި ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ކަމަށެވެ.

އޭގެ މާނައަކީ ހުކުމްގައިވާ ގޮތުން، ފަނޑިޔާރު ރިމާންޑް ބަންދުކުރުމުގައި ވެސް ބަލަންވާނީ ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ހަތަރު ހާލަތުންކުރެ ހާލަތެއް އޮތްތޯ ނުވަތަ ނެތް ތޯ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް އޮތްކަން ޕްރޮސިކިއުޝަނުން ދައްކައިދޭންވާނީ އެފަދަ ހާލަތެއް ވުޖޫދުވެ އޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ މިންވަރަށެވެ.

މައްސަލައިގެ އަސްލު ހެއްކަށް ރިއާޔަތްކޮށްގެން ނުވާނެ!

ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުން ކަނޑައަޅާފައިވާ ތަރަހައިގެ ބޭރުން އޭނާގެ މައްޗަށް ދައުވާކުރެވި ހިނގަމުންދާ އަސްލު މައްސަލައިގެ ޝަރީއަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާކަން ކަމަށް ރިއާޔަތްކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅި އެވެ.

އެގޮތަށް އެކަމަށް ރިއާޔަތްކުރެވި މުއްތަހަމް ރިމާންޑް ބަންދުން ދޫކޮށްލާ އަމުރުގައި އޭނާ ބަންދުން ދޫކޮށްލާ ސަބަބު ބަޔާންކުރުމުގެ ތެރޭގައި ޝަރީއަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހެކިތަކާ މެދު ބަހުސްކޮށް އެ ހެކިތަކުން ޝަރިއަތްކުރާ ދޭހަވާ ގޮތާއި ހެކިތަކުގެ ބުރަދަން ހާމަކުރުމުން، ޝަރިއަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހުކުން އަންނާނެ ގޮތް އެނގި އަސްލު މައްސަލައިގެ ހުކުމުގެ މުއާލާތްކެނޑި ޝަރީއަތުގައި އޮންނަ މައްސަލައަށް އަސަރުކުރާނެ ކަމަށް ހުކުމްގައިވެ އެވެ.

"މިއީ މިކަން ވެގެންވާނެ ގޮތެއް ނޫނެވެ. ޝަރީއަތް ކޮށް މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން އެ ހެކިތަކާ މެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކޮށްގެން ނުވާނެއެވެ،" ހުކުމްގައިވެ އެވެ.

"...މިގޮތަށް މިކަން ކޮށް އެ ހެކިތައް އިސްތިއުނާފީ ކޯޓުތަކުން ވަޒަންކޮށް އެހެހެކިތަކުގެ މައްޗަށް ބުރަވެގެން އިސްތިއުނާފީ ކޯޓުން ގޮތެއް ނިންމާނަމަ، އަސްލު މައްސަލައިގެ ޝަރިއަތްކުރުމުގެ މުއާލާތް ކެނޑި، މުޅި ޝަރީއަތުގެ މަރުހަލާ ފާސިދުވެ، ތަޣައްޔަރުވާނެއެވެ."

އެހެންކަމުން، ރިމާންޑް ބަންދު މުރާޖައާ ކުރުމުގައި އަސްލު މައްސަލައިގެ ޝަރިއަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރިއާޔަތް ނުކޮށް، ރިމާންޑް ބަންދު މުރާޖައާކުރުމުގައި ފަނޑިޔާރު ބަލަންވާނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯ ކަމަށް ހުކުމްގައި ބުންޏެވެ.

ހުކުމްގައި ބުނީ:

- އެންމެ ފުރަތަމަ ރިމާންޑް ބަންދާ މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީ ހޯދި ވަސީލްތަކުގެ ބޭނުންކޮށްގެން، ފުރަތަމަ ރިމާންޑް ބަންދުގެ އަމުރު ދީފައިވަނީ ހެއްކަށް ނުފޫޒުފޯރުވާފާނެ ނުވަތަ ހެކި ނައްތާލުމުގެ ބިރު އޮތުމުން ކަމަށްވާ ނަމަ، އެކަން ފިލައިގެން ހިނގައްޖެތޯ ފުލުހުންނާއި ޕްރޮސިކިއުޝަނުން ސާފުކުރެވިދާނެ އެވެ.

- ފުރަތަމަ ރިމާންޑް ބަންދުގެ އަމުރު ދީފައިވަނީ މުއްތަހަމު ފިލާފާނެ ކަމަށް ބެލެވިގެން ކަމަށްވާ ނަމަ، އެކަން ފިލައިގެން ހިނގައްޖެތޯ ފުލުހުންނާއި ޕްރޮސިކިއުޝަނުން ސާފުކުރެވިދާނެ އެވެ.

- ފުރަތަމަ ރިމާންޑް ބަންދުގެ އަމުރު ދީފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުން ކަމަށްވާނަމަ، އެކަން އަމުރު މުރާޖައާކުރާ ވަގުތު އޮތް ގޮތެއް ފުލުހުންނާއި ޕްރޮސިކިއުޝަން ކުރެން ސާފުކުރެވިދާނެ އެވެ.

- ފުރަތަމަ ރިމާންޑް ބަންދުގެ އަމުރު ދީފައިވަނީ އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވިގެން ކަމަށްވާނަމަ، އެކަން އަމުރު މުރާޖައާކުރާ ވަގުތު އޮތް ގޮތެއް ފުލުހުންނާއި ޕްރޮސިކިއުޝަން ކުރެން ސާފުކުރެވިދާނެ އެވެ.

- ބަންދުގައި ބަހައްޓަންޖެހޭ އެހެން ސަބަބެއް ނެތް ހާލަތެއްގައި، ހާޒިރުވާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެކަށީގެންވާ އަދަދެއްގެ ފައިސާ ކޯޓުގައި ޑިޕޮޒިޓްކުރުމުންވެސް އެމީހަކު ޝަރުތުތަކާ އެކު ބަންދުން ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމްގައި ސުވާލު އުފެއްދި ކަމަކީ ބަންދުގެ މުއްދަތު މުރާޖައާ ކުރާއިރު، އެ މީހަކީ އެ މީހެއްގެ ފުށުން މުޖުތަމައުއަށް ނުރައްކަލެއް އަދިވެސް އޮތްތޯ ބެލުމުގައި، ޝަރިއަތުގައި ހިނގާ އަސްލު މައްސލައިގައި ހުށަހެޅެމުންދާ ހެކި ތަކުގެ ސަބަބުން ނިއުޅެމުން ހާމަވަމުންދާ ހަގީގަތްތަކުގެ މައްޗަށް އެއްވެސް މިންވަރަކަށް ރިއާޔަތްކުރަންވާނެތޯ ކަމާ މެދު އެވެ. އަދި ރިއާޔަތްކުރެވިދާނެ ކަމަށްވާނަމަ، ރިއާޔަތްކުރާނީ ކިހާ މިންވަރަކަށްތޯކަމާ މެދު ހުކުމްގައި ވަނީ ގޮތް ކަނޑައަޅާފަ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހުކުމް އިއްވަވަނީ-

ހުކުމްގައި ބުނީ ރިމާންޑް ބަންދުގެ މުއްދަތު 30 ދުވަހުން 30 ދުވަހުން މުރާޖައާ ކުރުމުގެ ބޭނުމަކީ ބަންދުގައި ދައުވާލިބޭ ފަރާތްތައް އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ވަންދެން ބަންދުގައި ނުތިބޭނެ އުސޫލެއް ގާއިމުކުރުން ކަމަށެވެ. ރިމާންޑް ބަންދުގައި ދިގުމުއްދަތެއް ހޭދަވެފައިވާ މީސްމީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އެ މައްސަލައިގައި އަވަހަށް ހުކުމްކުރުމަކީ އޭގެ އެއް ހައްލު ކަމަށް ހުކުމްގައިވެ އެވެ.

ބަންދުގައި ދިގު މުއްދަތެއް ހޭދަވި ނަމަވެސް މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫން ކަމަށާއި އަދި ބަލި ހާލަތު ހުރި ގޮތުން ނުވަތަ އެ ނޫންވެސް އެފަދަ ސަބަބަކާހުރެ މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ވެސް ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫން ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

"މިހާރު ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތް ގޮތުން، ރިމާންޑް ބަންދުގައި ގިނަ އަދަދެއްގެ މީހުން ތިބެންޖެހޭ މައްސަލަތައް ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރިއަތުގެ މަރުހަލާ އަވަސް ކުރުމެވެ. ޝަރިއަތުގެ މަރުހަލާ އަވަސްކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ޝަރިއަތްކުރާނޭ އެކަން ކުރުމަށް އެކަށޭނަ މިންވަރަކަށް އިމާރާތާއި މުވައްޒަފުން ވީހާ އަވަހަކަށް ޝަރުއީ ދާއިރާއަށް ހޯދައި ދިނުމެވެ،" ހުކުމްގައިވެ އެވެ.

"އެފަދަ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައި ނުދީ، ޝަރިއަތްތައް އަވަސްކުރަން ނުވަތަ ރިމާންޑް ބަންދުގައި ތިބޭމީހުންގެ އަދަދު މަދުކުރަން އުއުމީދުކުރާ ކުރުމަކީ ކަނޑުގައި ރޮނގު އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރުދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުންފަދަ ކަމެކެވެ."

12 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 0%
icon angry icon angry 4%
icon wow icon wow 4%
icon inlove icon inlove 39%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ހަސަންބޭ

23 March 2024

‫އެކަށީގެންވާ ވަރަށް ހެކި ހުރެފަ, ބުއްދި ސަލާމަތުން ހުރެފަ, ކުޅެދޭ މީހެއްނަމަ ޖަލުން ނިިކުންނަންވާނި ޙުކުމް ތަންފީޛް ވެގެން.. އިތުރު ވާހަކަ އެއް ބޭނުމެއް ނޫން.. މައްސަލަ އަކީ ވޯޓަށް ވެސް 25 އަހަރަށް ހުކުމް ކޮށްފަ ތިބި މީހުން ގެއައް އައުން..

The name is already taken The name is available. Register?

އަންދަލޫސިޔާ

21 March 2024

ރައީސް އިބޫ އެކުލަވަލާލި ސްޕްރީމް ކޯޓް ހަބޭސް. މަޖުލިސް 19 އިން ރުހުން ދިން ފަނޑިޔާރުން ހަބޭސް. މަޖުލިސް 19 ތަފާތު! އިންސާފު ޤާއިމުވަމުން ދާކަމުގެ އިޙްޞާޞްކުރެވޭ!

The name is already taken The name is available. Register?

ޙސހސ

22 March 2024

އާނ، އިންސާފު ގާއިމް ކުރެވެމުންދާތީ ވެރިކަން ނިމުނު އިރު އަދީބު މިނިވަން ކޮށްލާފަ ދިޔައީ.

The name is already taken The name is available. Register?

ކިނބޫ

22 March 2024

އެކަމަކު ޑްރަގުގެ ކިތައް ބޮޑުން އިންތިހާބާ ދިމާކޮއްފައި ވޯޓް ހޯދަން ދޫކޮއްލީ. ހާހަކުން މީހަކަށް ޑްރަގްގެ މައްސަލަ ސާބިތު ވަނީ. ވޯޓް ހޯދަން އެވަަރު ކަމެއް ކުރި ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެ.

The name is already taken The name is available. Register?

ތޭރި

21 March 2024

ރަގަޅު ސުއޫދު. ވަރަށް ފުރިހަމަ ހުކުމެއް. ގާނޫނުއަސާސީގަ ވަކިގޮތަކަށް އޮތްކަމެއް އެނޫން ހުއްޖަތެއް ދައްކައިގެން ބަންދުން ދޫކޮށްލެވިގެންނުވާނެ.

The name is already taken The name is available. Register?

އަފްލާތޫން

21 March 2024

ހާދަ ޑީސަންޓް ސޮރެއް.

The name is already taken The name is available. Register?

ވާނުވާހުއްޓުވާ

21 March 2024

ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ބަންދު މުރާޖަޢާ ނުވަތަ ހާލަތު ބަދަލުވެއްޖެޔޭ ހަމަ ބުނެލާފަ އެކަށީގެންވާ ސަބަބެއްނެތި ބަންދުން ދޫކުރުން އެއީ ހުއްޓުވެންޖެހޭކަމެއް. އެހެންވިޔަސް ބަންދުގަ ހުންނަ މީހާގެ ކުށެއްނެތި ޝަރީޢަތް ނުހިނގާ، އަދި ހެކިން އެއްގޮތަށްކަށްވެސް ހާޒިރުނުވެ، ކޯޓު ނުހިންގި އަހަރު ދެ އަހަރު ވާއިރުވެސް ހަމަ މުޖުތަމައުގެ ހައްޤޭ ބުނެފަ ބަންދުގައި ބެހެއްޓީމަ އެއީ އެންމެ ރަގަޅު ގޮތްތޯ؟ މިއީ ސުޕްރީމް ކޯޓުން ނުވިސްނާ ކަމެއް

The name is already taken The name is available. Register?

ދަރިންނޭ ކޮންމެސް މިގޮތަށް މަޝްހޫރު ނުވައްޗޭ!

21 March 2024

ހެޔޮ ޢަމަލު ކޮށްގެން ފޮޓޯ ނޭރިޔަސް ނުބައި ޢަމަލު ކޮށްގެން ނޫސްތަކަށް ފޮޓޯ އެރިޔަ ނުދެއްޗެވެ!

The name is already taken The name is available. Register?

ދެބޯގެރި2

21 March 2024

ތިޔަ ކަހަލަ މަގުމަތީ ފުޅުހުންނަށް އަވަގުރާނަގޮވާ ވައްޔަރުޖައްސާ މީހުން މާ ފުންނާބު އުސްވެގެން ސްޕްރީމްކޯޓަށް ވެއްދީމާ މުޅި ސްޕްރީމްކޯޓުވަނީ ފަސާދަވެފަ

The name is already taken The name is available. Register?

ސޭކުސްތާނު99

21 March 2024

ސުޕްރީމް ކޯޓުގެ ނިންމުންތައް ހަމަ ހަބޭސް

The name is already taken The name is available. Register?

ދިވެހީންގެ ދިވެހިރާއްޖެ

21 March 2024

އަހަރުމެންގެ އެންމެ ބޮޑު އުންމީދު - އަހަރުމެންގެ ދިވެހިރާއްޖޭގެ މިހާރުގެ ސުޕްރީމް ކޯޓް. ތިޔައީ ފަޚުރެކޭ ދިވެހި ދަރީންގެ. ޤައުމާއިގެން ކުރިޔަށް!

The name is already taken The name is available. Register?

ކޮރަލް

21 March 2024

ޑްރަގް އެތެރެ ކޮށް ވިއްކަނީ މިލިއަނަރުންނެވެ. އެމީހުންނަށް ބަންދު ކުރީމަ ސަލާމަތް ވާން މިލިއަނުން ހަރަދު ކުރުމަކީ ފަސޭހަ ކަމެކެވެ. ކޮރަޕްޓް ފަނޑިޔާރުންގެ މައްސަލަ ބަލަން ވީ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454