ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީ.
02 އެޕްރީލް 2024 - 03:50
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެކަނބަލުންގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވާފައިވާ 14 އަަހަރުގެ ޖަލު ހުކުމެއް ފާސްކުރުމަށް މަތީ މަރުހަލާގެ ކޯޓަކުން އިއްޔެ އަމުރުކޮށްފި އެވެ.
އޭޕްރީލް 2022 ގައި ވެރިކަމުން ދުރުކުރުމަށް ފަހު 200 އަށް ވުރެ ގިނަ މައްސަލައިގައި ތުހުމަތުކޮށްފައިވާ އުމުރުން 71 އަހަރުގެ އިމްރާންގެ 14 އަހަރުގެ ހުކުމް ފަސްކުރި ނަމަވެސް ގައުމަށް ޚިޔާނާތްތެރިވުމާއި ގާނޫނާ ހިލާފަށް ކައިވެނިކުރެއްވުމުގެ ކުށުގައި އިއްވާފައިވާ ހުކުމްތަކާ ހެދި އިމްރާން ޖަލުން މިނިވަނެއް ނުވެ އެވެ.
އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ބުނީ އިސްލާމް އާބާދު ހައި ކޯޓުން ފަސްކުރުމަށް އަމުރުކުރީ ދައުލަތުގެ ހަދިޔާތަކެއް ވިއްކި ކަމަށް ބުނާ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޯޓަކުން އިއްވާފައިވާ ހުކުމްތައް ކަމަށެވެ. އެގޮތަށް އަމުރުކުރީ ހުކުމްތައް އިސްތިއުނާފް ކުރިއަށްދާތީ ކަމަށް ޕީޓީއައި އިން ބުންޏެވެ.
"ދަށު ކޯޓުން ވަކީލުންނަށް މި މައްސަލަތަކުގައި އެކަށިގެންވާ ފުރުސަތެއް ނުދޭ. ވަކީލުން ދައްކަން ބޭނުްވާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް މި މައްސަލަތަކުގައި ހުކުމްކޮށްފައި ހުރީ އަވަސް އަރުވާލާއިގެން،" ޕީޓީއައިގެ ތަރުޖަމާނު އަހްމަދު ޖަންޖުއާ ވިދާޅުވި އެވެ.
އިމްރާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް ވަނީ ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގެ ކުރިން ހުކުމްތައް އިއްވައިފަ އެވެ. އެހެންވެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިމްރާނަށް ގެއްލުނީ އެވެ. އަދި މި އިންތިހާބުގައި ޕީޓީއައިގެ ނަމުގައި އެ ޕާޓީގެ މެންބަރުން ވާދަކުރުން ވެސް މަނާކުރި އެވެ.
އެކަމަކު ގާނޫނު ހަދާ މަޖިލީހުން އެންމެ ގިނަ ގޮނޑި ހޯދީ އިމްރާންގެ މެންބަރުން އަމިއްލަ ގޮތުން ވާދަކޮށްގެންނެވެ. ނަމަވެސް އަމިއްލަ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އަމިއްލަ މެންބަރުންނަށް ނޯންނާތީ ސަރުކާރު ލިބޭ ގޮތް ނުވީ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy