ބީއެމްއެލްގެ ސީއީއޯ ކާލް "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން. އެކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ވަނީ ދެ ބިލިއަން ރުފިޔާ ލިބިފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
04 އެޕްރީލް 2024 - 13:57
ބީއެމްއެލްގެ ސާފު ފައިދާއަށް ދެ ބިލިއަން ރުފިޔާ ލިބި، ހިއްސާގެ ފައިދާ އަށް މިހާތަނަށް ދޭ އެންމެ ބޮޑު އަދަދު އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 50 ރުފިޔާ ބަހަން ނިންމައިފަ އެވެ. މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 10 ރުފިޔާ އިތުރު އަދަދެކެވެ. ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 269 މިލިއަން ރުފިޔާ ބަހާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ކުންފުންޏަށް ދެ ބިލިއަނުން މަތީގެ އަދަދެއްގެ ފައިދާ ލިބުނު މިއީ ފުރަތަމަ ފަހަރު ކަމަށާއި ރެކޯޑު ނަތީޖާއަށް މިދިޔަ އަހަރު ހޯދިފައިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ވަނީ ޖުމްލަ 215 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހައިފަ އެވެ.
"ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާ އެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ،" ކާލް ވިދާޅުވި އެވެ.
މިދިޔަ އަހަރު ބީއެމްއެލްގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ލިބުުނު އިރު މީގެ ކުރިން އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 1.7 ބިލިއަން ރުފިޔާ އެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ކުންފުނީގެ ފައިދާ 325 އަށް އެރި އެވެ. ކުންފުނީގެ ފައިދާ 70 ޕަސެންޓަށް ދަށްވި ނަމަވެސް، ވޭތުވެދިޔަ ތިން އަހަރު އެ ކުންފުނިން ވަނީ ކޮވިޑްގެ ކުރީގެ ހާލަތަށް ވުރެ ވެސް ބޭންކްގެ މާލީ ހާލަތު ރަނގަޅުކޮށްފަ އެވެ.
މިދިޔަ އަހަރު އެ ކުންފުނިން ވަނީ ފަސް ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފަ އެވެ. އެއާ އެކު މިހާތަނަށް ދޫކޮށްފައިވާ ލޯނުގެ އަަދަދު 19 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. އަދި ޑިޕޮސިޓްކޮށްފައިވާ އަދަދު 31 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކް، ބީއެމްއެލްގެ ރައުސުލްމާލުގެ އަގު 45 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ބޭންކުން 340،000 ކަސްޓަމަރުން ހިދުމަތް ހޯދާ އިރު 85 މިލިއަންގެ އިންޓަނެޓް ޓްރާންސެކްޝަން ހިންގާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅު ކަލޯ
04 April 2024
ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އެއްވެސް ކަމެއް ނުކޮށް ނިކަމެތި ފަގީރުންނަށް ބޮޑު އިންޓަރެސްޓުގަ ލުއިލޯނު ދީގެން ފައިދާ ހޯދާ ތަނެއް.
ވިލަރެސްމާ
04 April 2024
ކޮންމެ ބޮލަކަށް ދަރަންޏެއް ގެނެސްދިނީ ދިވެހިންގެ ބޭންކުން. ސާފު ފައިދާ ބަހަންވީ އަވަށ
2024
04 April 2024
ޙާދަރަގަޅޭ އަވަހަށްޖަމާކޮށްދީ...?
ސަމްތިންގ
04 April 2024
ކޮބާ ޕޮންޒީ އަލްހާނު ފަހުމީ މިކަމާ ކީކޭ ބުނަނީ. ކަލޭ އަދިވެސް މީހުންނަށް ދޭންޖެހޭ ރުފިޔާ ނުދީ ރޯދައަށްށޭ ކިޔާފަ ތިހުންނަނީ
މާކުންބޭ
06 April 2024
އަލްހާންގެ މައްސަލަ އެބައޮތް އެކަމަކު ތަނެއް ދޮރެއް ނުބަލާ ލާރިކޮޅު ދައުލަތުގެ އޮތޯރިޓީއަކުން ހުއްދަ ނުދޭ ފަރާތަކަށް އަމިއްލަ ފައިސާކޮޅު ދޫކޮށްލިއިރު ކުޑަކޮށް ވެސް ވިސްނާނުލުމަކީ އަމިއްލަ ގެ ވެސް ބޮޑު މައްސަލައެއް ދޯ؟؟
އޮނަރަބްލް އަފީފު ދީދީ
04 April 2024
އަހަރުމެންގެ ބޭންކް ދިވެހިންގެ ބޭންކް ޖަހައިގެން އިސްތިހާރު ހެދިކަމުގައިވިޔަސް 1982 ގައި އުފެއްދި ބޭންކްގެ މެނޭޖަރުކަން ކޮށްލާނެވަރު ދިވެއްސަކު ބޭންކަށް ނުއުފެއްދުނީ ކީއްވެ!؟ މާލީ މަންފާ ލިބޭގޮތަށް ދައުލަތުގެ އެހީތެރިކަމާއިއެކު ދިވެހިން ކިޔަވަން ލޯނު ދޫކުރާއިރު ބޭންކްގެ މުވައްޒިފުން ތަމްރީނުކޮށް ކުރިއެރުމަށް އެއްވެސް ކަމެއް ބޭންކުން ކުރާތަނެއް ނުފެނޭ. ސީއީއޯއާއި މަތީ އެތައް މަޤާމްތަކެއްގައި ބޮޑު މުސާރަދީފައި ތިބީ މުޅިންވެސް ބިދޭސިން. ވަރަށްދެރަ.
އަލީ މޫސާ
04 April 2024
ތިޔައީ މާ ފަސޭހަކަމެއް ނޫން! މަދު ފަހަރެއްގައި މެނުވީ ކުންފުނިތަކުގެ (ޚާއްސަކޮށް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކުންފުނިތަކުގެ) އެންމެމަތީ ފަޑިއަށް ދިވެހިން ލީމައި ކުންފުންޏަށާއި ބޮޑުންނަށް ސިޔާސީ ނުފޫޒުފޯރުވައި ގުޑްގަވަރނަންސް އިން ބޭރުން ކަންތައް ކުރުވައި ކުންފުނިތައް ދަނީ ހަލާކުވަމުން. މީގެ މިސާލްތަށް މިއޮތީވަށައިގެން ފެންނަން. ރަނގަޅަށް ހިނގަމުންދަނީ ޕްރޮފެޝަނަލް ލެވެލްގެ ބިދޭސީއަކު ބޮޑަކަށްހުރެ ނުވަތަ ސަރުކާރުގެ ފުލް ކޮންޓްރޯލް ނެތް ތަންތަން.
ޢީސަ
04 April 2024
ކޮންމެހެން ދެރަވާނެކަމެއް ނެއް. ޥެގެން އުޅޭގޮތަކީ ދިވެހިންނައް އަނެއްދިވެހިި މީހާއަށް އިތުބާރު ނުކުރެވެނީ.