އެމެރިކާގެ ރައީސް ޖޯ ބައިޑެން: އިޒްރޭލުން ޣައްޒާގައި ހަދަނީ ގޯސް ކަމަށް ވަނީ ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
10 އެޕްރީލް 2024 - 10:33
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހަދާފައިވަނީ ގޯސްތަކެއް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލުގެ އަމަލުތަކާ މެދު ނުރުހުންވެ އަނެއްކާވެސް ވާހަކަ ދައްކަވައިފި އެވެ.
މިއީ ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން މީގެ ހަ މަސް ކުރިން ފެށިގެން ޣައްޒާގައި ދޭން ފެށި ހަމަލާތަކުގެ މައްސަލައިގައި ބައިޑެން މި ފަހުން އިޒްރޭލާ ދެކޮޅަށް އެންމެ ހަރުކަށިކަމާ އެކު ވާހަކަ ދެއްކެވި އެއް ފަހަރެވެ.
"އަޅުގަނޑަށް ހީވަނީ އޭނާ [ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ] ހައްދަވަނީ ގޯސްހެން. މި ހަނގުރާމައިގެ އެޕްރޯޗަށް އަޅުގަނޑަށް އެއްބަހެއް ނުވެވޭ،" ޔުނިވިޒަން ޓީވީ ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ބައިޑެން ވިދާޅުވި އެވެ.
ބައިޑެން މި އިންޓަވިއުގައި ވަނީ ހަމަލާތައް ހުއްޓާލަން ނަތަންޔާހޫ އަންގަވަންޖެހޭ ކަމަށާއި 6-8 ހަފްތާ ވަންދެން ކާނާ އާއި ބޭސް ޣައްޒާއަށް ވައްދަން ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ބައިޑެން މި ވާހަކަ ދައްކަވާފައި މި ވަނީ ބައިޑަން މިހެން ވިދާޅުވެފައިވަނީ އެމެރިކާ، ގަތަރު އަދި މިސްރުގެ މެދުވެރިވެގެން، ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމުގެ މަޝްވަރާގައި ކުރިއެރުން ހޯދަމުން އަންނަ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ބަނޑަށް ޖެހިފައިވާ ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް އިޒްރޭލުން ހުރަސްއަޅާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ.
އިޒްރޭލުން ބުނީ އދ. އާއި އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް ޣައްޒާއަށް އެހީ އެތެރެކުރުމަށް ފުރުސަތު ދެމުން އަންނަ ކަމަށާއި އެކަމަށް ހުރަސް ނާޅާ ކަމަށެވެ. މި މައްސަލަ އިޒްރޭލުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު މިކަމުގައި މިއަދު އިޒްރޭލު ސަރުކާރުން ޖަވާބުދާރީވާން ވެސް ޖެހެ އެވެ.
މިއީ ޣައްޒާގެ އާންމުންނަށް ބޭނުންވާ އެހީއަށް އިޒްރޭލުން ހުރަސްއަޅާ ކަމަށް ބުނެ އަމިއްލަ ޖަމިއްޔާއަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އދ. އިން ފަލަސްތީނުގެ ރެފިއުޖީންގެ މައްސަލައަށް ހާއްސަކޮށްފައިވާ ޖަމިއްޔާ "އުންރުވާ" އިން އަންގާރަ ދުވަހު ބުނީ ފެބްރުއަރީ އަދި މާޗް މަހު ކާބޯތަކެތީގެ ޝިޕްމަންޓްތަކުގެ 40 ޕަސެންޓަށް ވުރެ ބޮޑު ބައެއް އިޒްރޭލުން ހުއްޓުވާފައިވާ ކަމަށެވެ. މާޗް މަހުން ފެށިގެން އެ ޖަމިއްޔާގެ އެއްވެސް އެއްޗެއް ޣައްޒާއަށް ވެއްދިޔަ ނުދޭ ކަމަށް ވެސް ބުންޏެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ބުނަމުން ދަނީ ޣައްޒާގެ 1.1 މިލިއަން މީހުން އުޅޭ ސަރަހައްދު ބަނޑަށް ޖައްސަމުންދަނީ އިޒްރޭލުން ހަނގުރާމައިގެ ބޭނުމަށް ކަމަށެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެތެރޭމީހާ
10 April 2024
އެއްކޮޅުންހަތިޔާރާއިމާލީއެހީދީފަދެންބުނަނީހަނގުރާމަހުއްޓާލާށޭއެހުރިހާވާހަކައެއްދައްކަނީހުރިމުނާފިގުކަމުން
ބޯހަލާކު.
10 April 2024
މުނާފިގެއް. މިހާރުވެސް ހުރިހާ ބާވަތެއްގެ ހަތިއާރާއު ފައިސާ ހެޓަކަށް ދޭ. މުސްލިމުންގެ ފުރާނަ އެއީ މިމީހުންގެ ގާތުގަ އެއްވެސް އަގެއްހުރި އެއްޗަކަށްނުވޭ. މިހާރު މާހެއުއެދޭ މީހަކަށްވެގެން ތިއައުޅެނީ ކެމްޕޭނަށް ސަޕޯޓު ހޯދަން.