ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްދޫ ރައްޔިތުންނާ ވާހަކަ ދައްކަވަނީ.--
11 އެޕްރީލް 2024 - 17:36
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތުމާއި ބަޖެޓުގައި އެވަރަށް ފައިސާ ހިމާނަފައި ނެތުމުގެ ސަބަބުން ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ މިއަހަރު ގެނެވެން ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިސްދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ މިއަހަރު ބޭނުންކުރަމުންދާ ބަޖެޓަކީ މިދިޔަ ސަރުކާރުން ފާސްކޮށްފައި އޮތް ބަޖެޓަކަށްވާތީ އޭގައި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ވަރަށް ފައިސާ ހިމަނާފައި ނުވާ ކަމަށެވެ.
މިދިޔަ ސަރުކާރުގެ ބަޖެޓުގައި ބައެއް ކަންކަން ހިމެނުމަށް ފުރުސަތު ލިބުނު ނަމަވެސް މަޖިލީހުގެ ތެރެއިން ބަޖެޓް ފާސްކުރި ފައިސާ އުނިކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވަނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފަ އެެވެ.
"އަޅުގަނޑުމެން ބޭނުންވާ ވަރަށް މަދު މަޝްރޫއެއް މި އަހަރުގެ ބަޖެޓުގައި ހިމެނުނީ. އަދި ހިމެނުނު މަޝްރޫއުތައް ވެސް މަދު އަދަދެއްގެ ފައިސާ ހިމަނާފައި ވަނީ. އޭޕްރީލް މެއިގައި ފަށަން ބޭނުންވިޔަސް ގިނަ މަޝްރޫއުތައް ވެސް ފެށެން އޮތީ އަހަރުގެ ފަހުކޮޅު،" ލ. އިސްދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
"އެހެންވެ މިއަހަރު އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ތަަަރައްގީއެއް، މިހާރު މިއޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓް އޮތް ގޮތުން ގެންދެވޭކަށް ނެތް. އެހެންނަމަވެސް މިބަލަނީ ވީހާވެސް އަވަހަކަށް ގިނަ މަޝްރޫއުތައް ފެށޭތޯ،"
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްދޫ ރައްޔިތުންނާ ވާހަކަ ދައްކަވަނީ.--
ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު ފައިސާ ނެތިގެން ގިނަ މަޝްރޫއުތަކެއް ހުއްޓިފައި އޮތް ކަމަށެވެ. އެކަމަކު ވީވަރަކުން މަޝްރޫއުތައް އަލުން ފެށުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ރައީސް ވަނީ އިސްދޫއަށް ވައުދުވެ ވަޑައިގަތް ކަންކަން ވެސް ކޮށްދެއްވާނެ ކަމަށާއި އެކަމުގައި ދެވަނަ ވިސްނުމަކަށް ނުދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރަށް މުހިއްމީ ތަރައްގީގެ މަޝްރޫއުތައް ގެނައުމެވެ. އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތް ރައީސް ވިދާޅުވީ މިހާރަށް ވުރެ ބާރު ސްޕީޑުގައި މަޝްރޫއުތައް ގެންދިއުމަށް މަޖިލިސް ބޭނުންވާ ކަމަށެވެ.
President Dr @MMuizzu arrived in Isdhoo Island of Laamu Atoll. The President and his delegation were well received by the island community upon their arrival. pic.twitter.com/CpGYmsVM3z
— The President's Office (@presidencymv) April 11, 2024
ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ރައީސް ވަނީ ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް ކުރާ ކަމަށް ވިދާޅުވެފަ އެވެ. ކުރީ ސަރުކާރުން ޑިޒައިނަށް ބަދަލު ގެނެސް ކޯޒްވޭ ހަނިކޮށްފައިވާ ކަމަށައި އެކަމަކީ ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ކޯޒްވޭގެ މަސައްކަތް އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވިސްނެވީ ފުޅާކޮށް ހެދޭނެ ގޮތަކަށް ނަމަވެސް އެކަން ކުރީ ސަރުކާރުން ބަދަލުކުރީ އެވެ.
"އަޅުގަނޑު ކޮންޓްރެކްޝަން މިނިސްޓަރަށް ދަންނަވައިފިން ކުރީގައި އޮތް ޑިޒައިނަށް ރައްޔިތުން ބޭނުންވާ ގޮތަށް ދެވޭތޯ ބަލައިގެން ކުރިއަށް ގެންދަވަން،"
ރައީސް ވަނީ ލ. އަތޮޅުގެ ރައްޔިތުންގެ އުއްމީދުތައް ހާސިލުވާނެ މިންވަރަށް މިއަހަރު ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުސޫމް
13 April 2024
މީ ސަރުކާރަށް މަޖިލީސް މުހިންމުވާ ސަބަބު. ހެޔޮނިޔަތުގަ ރައްޔިތުންނަށް ވެރިކަން ކޮށްދޭން އަންނަ ވެރިންްނަށް އެއްބާރުލުން ދޭންޖެހޭ.
ނެތް އެނގޭކަށް
13 April 2024
ވެރިކަން ކުރަން އައީ ހެޔޮ ނިޔަތުގަކަން އެނގޭނެ ގޮތެއް ނެތް
ދާއިން
13 April 2024
އެމްޑީޕީއަކީ އަބަދުވެސް ތަރައްގީގަ ހުޅުޖަހާ ބައެއް. ގައުމު ހިންގަން އިނގޭ ބައެއްނޫން އެއީކީ. އެމީހުން ރަނގަޅުވާނީ މުޒާހަރާ ކުރަން
ލަމޫން
13 April 2024
ސުޕަ މެޖޯރިޓީ ދިނީމަ އޭގެ ނަހަމަ ގޮތުގެ ބޭނުން ހިފުމުގެ ނަތީޖާއަކީ ރައްޔިތުން އިތުރަށް ހާލުގަ ޖެއްސުން. އެމްޑީޕީ އަށް ނޫނެކޭ ބުނަންވާނެ މިފަހަރު
ރިމާހް
13 April 2024
ރައީސް މުއިއްޒު ބޭނުންވި ބަޖެޓް ދިންނަމަ މި ސަރުކާރުވެގެން ދާނެ އެންމެ ބޮޑެތި ޕުރޮޖެކްޓް ހިންގާ އެކަން އަމަލީ މަސައްކަތް ފެށިގެންދާނެ 5 އަހަރަށް
ޖައުފަރު މޫސާ
13 April 2024
ރައްޔިތުންނޭ ގައުމުގެ ހަލާކު އެމްޑީޕީ އަކީ. އަބަދުވެސް ގައުމު އަޅުވެތިކަމަށް ފޮނުވާލާ ގައުމު ދަރަނިކޮށް ވައްކަން ކުރާބަޔަކީ އެވެރިން. މިފަހަރު އެމީހުންނަށް ބޮޑުތަނުން ނޯ ބުނަން ޖެހޭ
ގައިސް
13 April 2024
މިފަހަރު ތި ނާގާބިލު އެމްޑީޕީ އެކަކުވެސް މަޖިލީހަށް ހޮވިޔަދީގެން ނުވާނެ.
ހަމްދާން އިލްޔާސް
13 April 2024
ބަޔަކަށް ޖެއްސުން ކުރަންޏާ މި އެމްޑީޕީ ވަރަށް ފޯރި ހުންނާނެ. އެކަމަކު ބުނާނެ ތިމަންނަމެންނަކީ ރައްޔިތުންދެކެ ލޯބިވާ މީހުންނޭ.
ހުމާމް
13 April 2024
މިހެންވެ މަގޭ ވޯޓް މިފަހަރު އެމްޑީޕީއަށް ނުދޭން ނިންމާފަ ވާނީ.. މީ މީގެ ކުރީގެ ސަރުކާރުތަކުން ޖެއްސިވައްތަރެއްނޫން. ހުރިހާ ކަމަކުންވެސް އެމްޑީޕީއަކީ ނާގާބިލު ބައެއްކަން މި އެނގި ހާމަވެގެންދަނީ
ސުވާލުއުފެދޭ
13 April 2024
ކުރިން ވޯޓް ދިން ކަމާމެދު ސުވާލު އުފެދޭ
ހީނާގޭ
12 April 2024
މުޅި ދިވެހިތާރީހުގައި ހެދި އެއްމެ ބޮޑު ބަޖެޓް, ފާކުރީ, މަޖުލިސް މެންބަރުން ގަންނަން ޖެހުނީމަ, މަދުވީތޯޗެ.
އަވްސަމް
12 April 2024
ސަރުކާރުން ބޭނުންވާ ތަރައްގީ ގެންނަން ހޮވަންވީ އޭރެއްގަ އޮންނަ ސަރުކާރުގެ ކެނޑިޑޭޓުން. އެނޫން ގޮތަކަށް ވައުދުތައް ފުއްދުމަށް އުދަގޫވާނެ