ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަށަކަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަނީ.--
12 އެޕްރީލް 2024 - 16:01
މި ދައުރުގެ ތެރޭގައި ލ. ގަމަކީ ސިއްހީ ގޮތުން ވަރުގަދަ ނާރެހަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރަން ނިންމާފައިވާ އެއް ރަށަކީ ގަން ކަމަށާއި އެ ސިޔާސަތުގެ ދަށުން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ނަފްސާނީ މައްސަލަތަކަކީ އަޅާނުލެވި އޮތުމުގެ ސަބަބުން ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެހެންވެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވާނީ އިންޓަނޭޝަނަލް ފެންވަރުގެ މެންޓަލް ހޮސްޕިޓަލެއް ގާއިމުކުރެއްވުމަށް ވައުދުވެވަޑައިގެންފައި ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ, ގަމުގައި އެ ހޮސްޕިޓަލް އަޅުއްވަައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
"އެ ފެންވަރަށް ތަރައްގީކުރުމަކީ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ގޮތް. ހަމައެއާ އެކު އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގާއިމުކުރުމަށް ވައުދުވިން. ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް، އަޅާނުލުމުގެ ސަބަބުން މި މައްސަލަ ވަނީ ބޮޑުވެފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު މެންޓަލް ހޮސްޕިޓަލް ތަރައްްގީކުރާނީ މެޑިކަލް ޓޫރިޒަމާ ވެސް ގުޅުވޭނެ ގޮތަކަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ އޭގެ ތެރެއިން މެޑިކަލް ޓޫރިޒަމަށް ހުޅުވާލައިގެން، މިއަތޮޅަކީ ޓޫރިޒަމް ވަރަށް ބޮޑަށް ގެނެވޭނެ އަތޮޅަކަށް ވާތީ މެންޓަލް ހޮސްޕިޓަލާ ގުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައި މި އޮތީ،"
ސިއްހީ ގޮތުން ވަރުގަދަ ތަނަކަށް ގަން ހެދުމަށް މަސައްކަތް ކުރާއިރު ރައީސް ވިދާޅުވީ ތަރައްގީގެ އެ މަޝްރޫއުތަކަށް އަމަލީ ސިފަ ގެނެސްދެއްވާނެ ކަމަށެވެ. އަދި ލ. އަތޮޅުވާނީ ވަރަށް މުހިއްމު ތަނަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
President Dr @MMuizzu met with the members of L. Gan Island Council and Women's Development Committee (WDC). Council members addressed their most important developmental needs for the island community. pic.twitter.com/f1TrMdXGJv
— The President's Office (@presidencymv) April 12, 2024
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާތަނަށް މި އަތޮޅަށް ތަރައްގީ ގެނެސްފައި ނެތް މިންވަރަށް އެމަނިކުފާނުގެ ސަރުކާރުން ތަރައްގީ ގެނެސްދެއްވާނެ އެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ގަމަކީ ބިން ބޮޑު ރަށަކަށް ވިޔަސް އެ ބިމުގެ ބޭނުން އެންމެ ބޭނުންތެރި ގޮތަށް ތަރައްގީކޮށްފައި ނުވާ ކަމަށެވެ. އެހެންވެ މިހާރު އަމާޒު ހިފާފައި ހުރީ އެ ތަރައްގީ މި އަތޮޅަށް ގެނެސް ދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ގަމަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ ރަށަކަށްވާތީ މިހާރު ވެސް 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރާ ކަމަށާއި އެކަމަކު އެއީ މި ރަށަށް ފުދޭ މިންވަރު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި 40،000 ހައުސިން ޔުނިޓް އެޅުމަށް ކުރާ މަސައްކަތުގައި އެ ރަށުގެ އަދަދު އިތުރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ގަމުން މީގެ އަހަރުތަކެއް ކުރިން ދޫކޮށްފައިވާ ގޯތިތަކުގެ ސައިޒް ބޮޑުކޮށްދޭން ރަށުގެ ރައްޔިތުން ކައުންސިލުގައި އެދިފައިވާތީ އެކަން ވެސް ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރު ސިއްހަތު
13 April 2024
ސިއްހީގޮތުން ފަހަރަކު ތަނެއް ނާރެހަކަށް ހަދާއިރު ހާލަތު އޮތްގޮތް ބަލާލައި އެކަމަށް އަވަސް ފަރުވާ ދިނުން މުހިންމު. މިސާލަކަށް އައި ޖީ އެމް އެޗް. ހަގީގަތަކީ އެންމެ އެކަށޭނެ ވަސީލަތްނެތްކަން. ބަލިމީހުންނަށް ބޭނުންވާ ބައިޕެޕް ނެތިގެން ވެންޓިލޭޓަރުން ނުނެގިފަ ތިބިކަން. އެއްތަނުން އަނެއްތަނަށް ޓްރާންސްފަރ ތައް ނުކުރެވޭކަން. ނޭވާލާ ބަލިތަކަށް އެންމެ ރަނގަޅު ފަރުވާ ނުދެވޭކަން. އަދިވެސް ބޭނުންކުރަނީ ސާވިސްނުކޮށް 5 އަހަރަށްވުރެ ގިނަދުވަސްވީ އެއްޗެހި
މުޖާހިދް
13 April 2024
ލ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނީ މި ސަރުކާރުން، އެކަން މި އެނގިގެންދަނީ.
މަހުދީ
13 April 2024
މުޅި ލާމުން އެމްޑީޕީ އަށް ބޮޑުތަނުން ނޫނެކޭ ބުނާނެ. . ބައިގަނޑަށް ފުރުސަތެއްނެތް. ކަނޑަޖަހާ ބަޔަކަށް ފުރުސަތެއް ނޯންނާނެ ވަރަށް ސާފް
ހުމާމް
13 April 2024
އެމްޑީޕީ އަށް މެޖޯރިޓީ މި މުޅި ލާމުން ދިނީމަވެސް އަހަރުމެންނަށް ވީ ހަމަ އެންމެ ފައިދާއެއްވެސް ނެތް. މިފަހަރު ދެން ނުލިބޭނެ
ނުއުމާން
13 April 2024
ނިމިދިޔަ 5 އަހަރަކީ ލ. ރައްޔިތުން ބިކަކޮށްލި 5 އަހަރު. އެމީހުންނަކަށް ދެނެއް ދޭނެ އިތުރު ފުރުސަތެއް ނޯންނާނެ. މަޖިލީހުންވެސް ލ. ތަމްސީލް ކުރާނީ މިފަހަރު އިރާދަކުރެއްވިއްޔާ މުއިއްޒުގެ މީހުން
ސަމްޕަތު
13 April 2024
މުއިއްޒު ނޫނީނެތް ދައުރުގެ ކުރީކޮޅުގައި މިހާ ތަރައްގީގެ ވާހަކަ ދެއްކެވި ވެރިއެއް، ތާފާތު ދައްކާނެ މިފަހަރު
ތިބިޔާން
13 April 2024
ކެބިނެޓްއަށް ބަލާލިޔަސް ފެނިގެންދަނީ ރައީސް ލާމް އަށް އިސްކަންދޭ މިންވަރު. މިފަހަރު މަޖިލިސް ލާމުގެ ގޮނޑިތައް މަނިކުފާނުގެ ސަރުކާރަށް ހޯދައިދޭނަން. އިންޝާﷲ
މައިސޫރް
13 April 2024
އަހަރުމެން ލާމު ރައްޔިތުން ބޭނުންވާނެ ތަރައްްގީ ލިބިގެންދާނެ 5 އަހަރަށް މި 5 އަހަރުވެގެންދާނެ
މިލްނާޒް
13 April 2024
މުއިއްޒުގެ އެންމެ ކަމުދާ ސިފަޔަކީ އޭނަ ދައްކާ ވާހަކަ ބަދަލުކޮށްގެން ދައްކަން ނޫޅޭ. ކުރިންވެސް ބުނި ގޮތަށް އަދިވެސް ވާހަކަ ދައްކަނީ. މި ބަލަނީ އަމަލީގޮތުންވެސް މުއިއްޒު ކަންތައް ކުރައްވާނެ ކަމަށް
ނައުޝާދް
13 April 2024
މީ އަހަރުމެން މި އެދޭ ތަރައްގީއަކީ.. ސާބަހޭ ރައީސް