މިދިޔަ ސީޒަނުގައި އީގަލްސްއިން ކުޅުނު މެޗެއްގެ ތެރެއިން
17 އެޕްރީލް 2024 - 11:22
އީގަލްސްއިން އެ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ފީފާ އަށް ހުށަހަޅައިފި އެވެ.
މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ބިދޭސީ އަދި ދޭސީ ކުޅުންތެރިންނަށް ވެސް ފުރިހަމަ އަށް މުސާރަ ދީފައެއް ނުވެ އެވެ.
މުސާރަ ނުދޭ މައްސަލަ، ފީފާ އަށް ހުށަހެޅީ އެ ޓީމަށް ކުޅުނު ބިދޭސީ ހަތަރު ކުޅުންތެރިޔެއްގެ ފަރާތުންނެވެ.
މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު އެސްޓޯނިއާގެ މިޑްފީލްޑަރު ޑެނިކް ޕެޓްރޫނިން ބުނި ގޮތުގައި އީގަލްސްއިން އޭނާ އަށް ދޭން ޖެހޭ ހަ މަހުގެ މުސާރަ ނުދެ އެވެ.
"ވަކީލެއް އެހީގައި އަހަރެންގެ ކޭސް ފީފާ އަށް ހުށަހަޅައިފިން. އަހަންނަށް އެނގިފަ އޮތް ގޮތުގައި އަނެއް ތިން ކުޅުންތެރިން ވެސް ވަނީ މައްސަލަ ފީފާ އަށް ހުށަހަޅާފަ،" އޭނާ ބުންޏެވެ.
އޭނާ ބުނީ މުސާރަ ދޭނެ ކަމަށް ބުނެ އީގަލްސްގެ މެނޭޖްމެންޓުން ވައުދު ވެސް ވި ކަމަށެވެ.
"އެކަމަކު އޭގެ ފަހުން ގިނަ ދުވަސްތަކެއް ވީ އިރު ވެސް މުސާރަ ދީފައެއް ނުވޭ. އަނެއްކާ މިހާރު ކްލަބްގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ވެސް އަހަރެމެންނަށް މެސެޖް ނުކުރެވޭ ގޮތަށް ބްލޮކްކޮށްފަ ހުރީ،" އޭނާ ކިޔައި ދިނެވެ.
މިކަމާ ބެހޭގޮތުން ވާހަކަ ދެއްކި އީގަލްސްގެ އޮފިޝަލަކު ބުނީ ޑެނިކް އަށް މުސާރަ ނުދެވި އޮތީ ދެ މަހު ކަމަށެވެ.
"ހަ މަސް ދުވަހު އޭނާ ނުކުޅޭ ކްލަބަކަށް. އޭނާއާ އެކު އެއްބަސްވުން ހެދީ ފަސް މަހަށް. ދެން ކިހިނެތް ހަ މަހުގެ ވާހަކަ އަންނާނީ،" އޮފިޝަލް ބުންޏެވެ.
އޭނާ ބުނީ އެ ކްލަބްގެ ދިވެހި ކުޅުންތެރިންނަށް ވެސް މުސާރަ ނުދެވި އެބަ ހުރި ކަމަށެވެ.
"އެންމެންނަށް ވެސް އެނގޭނެ ކްލަބްތަކަށް ކުރިމަތިވެފައި އޮތް ހާލަތު. އެހެންވީމަ އެނގޭނެ ކީއްވެގެންކަން މުސާރަ ނުދެވި އޮތީ،" އީގަލްސްގެ އޮފިޝަލް ބުންޏެވެ.
އެކަމަކު، މިދިޔަ ސަރުކާރުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްކަބަކަށް ދޭން ވައުދުވި، އެއް މިލިއަން ރުފިޔާގެ ތެރެއިން އެ ފައިސާ ފުރިހަމަ އަށް ލިބުނު ހަތަރު ކްލަބްގެ ތެރެއިން އެއް ކްލަބަކީ އީގަލްސް އެވެ.
ފީފާ އާއި އޭއެފްސީ ނުވަތަ އެފްއޭއެމް މެދުވެރިވެގެން ކްލަބްތަކަށް ލިބޭ ފައިސާ ހަރަދުކުރާގޮތުގެ ތަފްސީލު ފޮނުވަން، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް އެންގެވުމުން، އީގަލްސްއިން އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.
އެ ތަފްސީލުތައް ހޯދަން ތޮލާލް އެންގުމުން، އެކަމާ ހިތްހަމަ ނުޖެހި ނުރުހުން ފާޅުކުރި އެއް ކްލަބަކީ ވެސް އީގަލްސް އެވެ.
މެންހަޓަން ހޮޓެލްގައި ފެބްރުއަރީ މަހު ހަތަރު ކްލަބަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އީގަލްސްގެ ޖެނަރަލް ސެކްރެޓަރީ ޖެނަރަލް ސެކެރެޓަރީ ސައީދު އަލީ ބުނި ގޮތުގައި މާޗް 31 ގެ ކުރިން އަހަރީ ރިޕޯޓް ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށް، އެ ރިޕޯޓްގެ މާލީ ބައި އެކަނި އަންނަ އާދިއްތަ ދުވަހު ދޭއް ޖެހުމުގެ ކުރިން ފޮނުވަން އެންގުމަކީ ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ރަނގަޅު ނިޔަތެއްގައި ކުރައްވާ ކަމެއް ނޫން ކަމަށެވެ.
ތޮލާލް ދިން މައްދަތުގައި އެ މައުލޫމާތު ފޮނުވި ފުރަތަމަ ޑިވިޝަންގެ ހަމައެކަނި ކްލަބަކީ މާޒިޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއު ރޭޑިއަންޓް
17 April 2024
ސަސްޕެންޑް ކުރޭ. ނިއުރޭޑިޔަންޓް މުސާރަ ނުދޭ ކިޔާފަ ސަސްޕެންޑް ކުރީ. އެހެންވީމަ އެހެން ޓީމްތަކަަށްވެސް އެހެން ކަން ކުރަންޖެހެނޭ
ޖޯކުބުރި
17 April 2024
ތީ ސާމަރާ ދޫންޏެއްތަ؟
ބުފާމު
17 April 2024
އަދި މީނަ އެބަ ކުރިމަތިލާ އެފްއޭއެމްގެ ރައީސްކަމަށްވެސް. ބޮއެހަލާކު
ސަސި.
17 April 2024
ތިޔަވާނީ ބާޒު ރުފިޔާކޮޅު ހިފައިގެން ފިލީ ކަމަށް