އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: މަޝްއަރު ޓުއާސްގެ މައްސަލަ މިނިސްޓްރީން ފުލުހަށް ރިޕޯޓްކުރާނެ ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
17 އެޕްރީލް 2024 - 11:34
މިދިޔަ ރޯދަމަހު ބައެއް މީހުން އުމްރާ އަށް ގެންދިޔަ މަޝްއަރު ޓުއާސްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް މިއަދު ރިޕޯޓްކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާއި ހިލާފަށް މީހުން އަތުން ލާރި ނަގައި އެ އަށް އިހުމާލުވަމުން ދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް މިއަދު ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށެވެ.
މަޝްއަރު ޓުއާސްގެ މައްސަލަ ފުލުހަށް ރިޕޯޓްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު، އެ ޓްރެވަލް އެޖެންސީގެ ހަވާލުގައި މިދިޔަ ރޯދަމަހު އުމްރާ އަށް ދިޔަ 50 އެއްހާ މީހުން ވަނީ ނުފުރި މައްކާގައި ތާށިވެފަ އެވެ.
އެ އެޖެންސީގެ ވެރިޔާ އަލީ ފާރިޝް މިދިޔަ އަހަރު މީހުން އުމްރާ އަށް ގެންދިޔައީ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ނަމުގަ އެވެ. އެ ގްރޫޕްގެ ހަވާލުގައި މިދިޔަ އަހަރުގެ ރޯދަމަހު އުމްރާ އަށް ދިޔަ 138 މީހުންގެ ޓިކެޓަށް ވާ ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވި އެވެ. އެ މައްސަލާގައި އެ ގްރޫޕްގެ ހުއްދަ މިނިސްޓްރީން ބާތިލްކުރީ އެވެ.
އެހެންވެ، މި އަހަރު އެ ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް މީހުން އުމްރާ އަށް ގެންދިޔައީ ޓްރެވަލް އެޖެންސީއެއް ހަދައި "މަޝްއަރު ޓުއާސް"ގެ ނަމުގަ އެވެ. ނަމަވެސް އެއީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ޓްރެވަލް އެޖެންސީއެއް ނޫން ކަން ވަނީ އެނގިފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ފައިސާ ހުރި ނަމަ އަމިއްލަ ހަރަދުގައި ރިޓާން ޓިކެޓު ނަގައިގެން ފުރުމަށް އެ އެޖެންސީގެ ވެރިޔާ ފާރިޝް ވަނީ އުމްރާވެރިންނަށް އަންގައިފަ އެވެ. ރިޓާން ޓިކެޓު އަމިއްލަ ހަރަދުގައި ނަގާ މީހުންނަށް 30 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދޭނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އެކަމަކު، އެ އެޖެންސީގެ ހަވާލުގައި ދިޔަ އުމްރާވެރިން ވަނީ އުމްރާ އަށް ފުރުމުގެ ކުރިން ދެކޮޅު ޓިކެޓަށް ވާ ފައިސާ ދައްކައިފަ އެވެ.
މަޝްއަރު ޓުއާސް އަށް މިފަހަރު ޓިކެޓް ވިއްކި އޭޖެންޓް "އޭސް ޓްރެވަލްސް" އިން ވަނީ ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުން ރިޓާން ޓިކެޓުތައް މިދިޔަ މަހު ފަހުކޮޅުގައި ކެންސަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚޯޜާޅޤ
17 April 2024
މިދިޔަ ރޯދަމަހު އުމްރާ އަށް ދިޔަ 50 އެއްހާ މީހުން ވަނީ ނުފުރި މައްކާގައި ތާށިވެފަ އެވެ. މި 50 މީހުން ނޫނީ މި 50 މީހުންގެ އާއިލާ އިން ބަދަލު ހޯދަން މައްސަލަ ހުށަހަޅާ ބަލާށެވެ. ހޮޓާ ކެފޭ އަދި ރައްޓެހީން ކައިރީ ވާހަކަ ދެއްކިއަސް މައްސަލަ ހައްލެއް ނުވާނެ އެވެ.
އަހްމަދ
17 April 2024
ނޫހެއްގަ ޖެހީމަ ނޫނީ އެނގޭ ކަމަކަށް ނުވޭ. އެކަން އެނގުން ހިސާބުން ވަގުތު އޮށްވަ ނޫޅެ ވާނެއެއްޗެއްވެ، މީހުނަށް ނާދެވި ހާލުގަ ޖެހުނީމަ ކޮން ހުށައެޅުމެއް ހުށައަޅާކަށް. ފުރަތަމަ މިކަން ނޫސްތަކަށް އެރި ހިސާބުން މިއަދު ތިއުޅެއުޅުން އުޅުންނަމަ ދިވެހިންތަކެއް ހާލުގަ ނުޖެހުނީސް.
މަޒް
17 April 2024
ފުލުހުންނަށް ހުށހަޅީމަތަ ފުލުހުން ހޭ އަރަނީ؟ ގައުމީ ބޮޑު މައްސަލައެއް އަމިއްލައަށް ބަލާ ތަހުގީގު ނުކުރެވެނީތަ؟
ބާބޫޖީ
17 April 2024
މިގައުމުގެ އިންސާފުގެ ވާހަކަ ނުދެއްކީޔާ ރަނގަޅުވާނީ.
ގަލިޔަންކީ
17 April 2024
މިއީ ކޮން އަލީ ފާރިހެއްތަ؟ ނަމަށްވެސް ހުތުރެއްނު. ވަނަވަރާ ފޮޓޯ އާންމުކުރޭ!
ޕިސްޕިސް
17 April 2024
ހޫން ނޫހުގަ އިއުލާނުކޮށްފަ ދެން ޕޮލިހަށް ހުށަހަޅާ އޭރުންނެއްނު ކުށްވެރިޔާ ފިލާ ރައްކާވާން ވަގުތު ލިބޭނި ދޯ
އަންހެން
17 April 2024
ތިވަރަށް އިއުލާން ކޮށްފަ އޭނަޔަށް ފިލަން ވަގުތު ދެނީތަ؟
ރަދީފު ބިން ރަފައިދާ
17 April 2024
ހެހެހެ. މިކަހަލަ ހެއްވާ ކަންތައް އަބަދު މިމީސްމީހުން ކުރާނީ؟ މިހާރު ކޮބާ އަތަމާ އިސްމާލު؟
އަފްރާސިޔާބު
17 April 2024
އޭނާވެސް މިނިވަން ކަމާއެކު އެބައުޅޭ ޓްއަރިޒަމްގެ ދާއިރާގައި. ހުރިހާ ފައިސާ އެއް ބޮލަރުވީ ސަރުކާރުން. އޭނާއަށް ސަރުކާރަށް ދައްކަން އެއްޗެއްނުލިބޭ.
އުނދޯލި
17 April 2024
މިއީ ބޮޑު ވިޔަފާރިއަކަށްވެއްޖެއެވެ. އަދި އުމުރާއަށް ދާމީހުންވެސް އަޅުކަމަކަށްވުރެ ޗުއްޓިއަކަށް ދާގޮތަށް އުމުރާއަށް ދާން ފަށައިފިއެވެ. މީގައި އޮތް ހައްލަކީ ހައްޖު ކޯޕަރޭޝަނުންނޫނީ ހައްޖަށް އަދި އުމުރާއަށް މީހުން ނުގެންދެވޭގޮތް ހަދަންވީއެވެ. އިހުރާމް ބަދެގެން ރާއްޖޭގެ އެއަރޕޯޓުން ފުރޭނީ އިސްލާމިކު މިނިސްޓަރީގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްވެސް ހަދަންވީއެވެ. އަބަދުވެސް ދޭތެރެއަކުން މިކުޅިގަނޑު އެބަ ހިންގއެވެ.
ޛުލީނާ
17 April 2024
ޙައްޖާއި ޢުމުރާއަށް ދާން ފުރާއިރު ރާއްޖެއިން އިޙުރާމް ބަނުމަކީ ލާޒިމު ކަމެއް ނޫން.
ސާޖިދާ
17 April 2024
ޝަހީމް މިކަމުގެ ތެރެއަށް ވަންނަން ޖެހެނީ ކީއްވެ؟ ހުއްދަ ނުނަގާ ޓްރަވެލް އޭޖެންސީ ހިންގާނަމަ ފިޔަވަޅު އަޅަންޖެހޭނީ ޓުއަރިޒަމް މިނިސްޓްރީއިން ނޫންންތަ؟ މިކަމަކީ ހައްޖު ގޮތަށް ސައުދީން ދޭ ވަކި ކޯޓާއެއްގަ ގޮސް ކުރާ އަޅުކަމެއް ނޫން ކަމާއި އަދި ގުރޫޕަކާ ނުގުޅި އެކަނި ގޮސް ވެސް އުމްރާ ކުރެވޭ ކަމަށް އަޑުއިވެނީ. މިވަރުން ދަންޏާ އަދި މިސްކިތައް ނަމާދަށް ދާންވެސް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ނަމާދު ގްރޫޕަކާ އެކީކަންނޭގެ މިސްކިތައް ވެސް ދެވޭނީ..
ބޯބުރާންތި
17 April 2024
މޮޔަ ނުގޮވާ. ޝަހީމު މިކަމުގެ ތެރެއަށް ވަންނަން ޖެހުނީ ޓުއަރިސްޓް އެޖެންސީއެއް ހަދައިގެން އޮޅުވާލައިގެން އުމުރާއަށް މީހުން ގެންގޮސް އެމީހުންގެ އަތުން ނެގި ފައިސާކޮޅު މަަޝްއަރު ގުރޫޕުން ހައްޕަޅާލީމަ އުމުރާއަށް ދިޔަމީހުން ނާދެވި ތާށިވީމަ. ޝަހީމު މިކަމުގެ ތެރެއަށް ނުވަދެ ދެން ކަލޭ ވަދެ އެމީހުން ގެންނަންވީނު؟؛
ކާނީ
17 April 2024
މީގަ ކަމަނާއައް ހަމަ ފެނުނު މައްސަލައަކީ ތީ؟