ހައްޖުގެ އަޅުކަމުގެ ތެރެއިން: އުމްރާއަށް ދާއިރު ހުއްދަ އޮތް ކުންފުންޏެއްތޯ ބެލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި، މިގޮތަށް އެދުނީ މަޝްއަރު ޓުއާސް ކިޔާ، އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ނެތް ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކު އަނބުރާ ނާދުމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް،-- ފޮޓޯ: އޭއެފްޕީ
17 އެޕްރީލް 2024 - 20:58
އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް، މަޝްއަރު ޓުއާސްއާ އެކު އުމްރާއަށް ދިޔަ ބަޔަކަށް ރާއްޖެ ނާދެވިފައި ތިބި އިރު އެ ކުންފުނިން ހުއްދަ ހޯދަން ހުށަހަޅާފައިވާ ކަމަށް ދައްކައިގެން މިހާރު ވެސް މީހުން އަތުން ފައިސާ ނަގަމުން ދާތީ އެ ކުންފުންޏަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި މި އިލްތިމާސްކުރީ މަޝްއަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކު އެނބުރި އަންނަން ޓިކެޓް ފައިސާ ހަމަނުޖެހި ސައުދީގައި ތާށިވެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. މަޝްއަރަކީ މީގެ ކުރިން ވެސް ހަމަ މި މައްސަލަ ދިމާވި ބައެކެވެ.
އިސްލާމިކް މިނިސްޓްރީން ބުުނީ އަލްމަޝްއަރު ޓުއާސް އިން، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި އުމްރާއަށް ގެންދިއުމާއި އެ ކުންފުނިން ނަގަންޖެހޭ، އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދަ ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ދައްކައިގެން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނަގާ މައްސަލަ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އަލްމަޝްއަރު ޓުއާސްގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުރި އަލީ ފާރިޝް އަކީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލުކޮށްފައިވާ "އަލްމަޝްއަރު ހައްޖު އެންޑް އުމްރާ" ކުންފުނީގެ ވެސް މެނޭޖިން ޑިރެކްޓަރު ކަމަށެވެ. އެހެންވެ އޭނާއަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީން އިލްތިމާސްކުރި އެވެ.
"އެހެންކަމުން، މި ކުންފުންޏަށް ނުވަތަ މީނާއަށް އެއްވެސް ފަރާތަކުން އުމްރާއަށް ދިއުމަށްޓަކައި ފައިސާ ނުދެއްކުމަށާއި އުމްރާއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުގައިވާ ގޮތުން ހުއްދަ ނެތި އުމްރާއަށް މީހުން ގެންދިއުމާއި އެކަމަށް ފައިސާ ނެގުމަކީ މަނާކަމެކެވެ.
މިނިސްޓްރީން ވަނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ނުގެންދިއުމަށާއި އެ ހުއްދަ ނެތް ކުންފުންޏަކާ އެކު ފައިސާގެ މުއާމަލާތް ނުހިންގުމަށް ވެސް އެދިފަ އެވެ.
އެ އުސޫލުން ބޭރުން އެއްވެސް ފަރާތަކުން އަމަލުކުރިޔަސް އެކަމުގެ ޒިންމާވާނީ އެ ފަރާތަކުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކުގެ ލިސްޓު މިނިސްޓްރީގެ ވެބްސަައިޓުން ފެންނާނެ އެވެ. އެކަމަށް އާންމުން ސަލާމުވުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކް
18 April 2024
ކުއްކުރީމަ ކޮންމެވެސް ލޫޕްހޯލްއަކުން ސަލާމަތް ވާނެ ދޮރު ހުޅުވީ އަދުލުއިންސާފު ދަމަހަށްޓަން ތިބޭ މުއައްސަސާތަކުން. ދެން މިކަހަލަ ހުރިހާ ޖަރީމާއެއް ފެންނާނެ. ލަދެއް ބިރެއް ހިޔާލެއް ނޯންނާނެ. މިކަންކުރާމީހުންނާ މުއައްސާސަތަކުގަ ތިބޭ މިކަންކަން ހުއްޓުވަން ބާރު ލިބިފަތިބި މީހުންގެ ބޮލުގެ އެޅޭނެ ކަންކަންމީ. މީހުންގެ އަޅުކަމާ ގުޅިފަހުންނަ ކަންކަމުން ލާރިކޮޅު ވައްކަން ކުރުން ހާދަ ދައްކަމެކޭ.
ޟާނާ
18 April 2024
ތި މީހާ ޖަލަށް ލާބަލަ. މަޝްރައު ކަންތައް ނިމުނީ އެއްނު.
އަލީ ހަސަނު
18 April 2024
މިހާރު ނޫހަށް: މިފަދަ ޚަބަރުތައް ނޫސްތަކުން ކިޔާލީމާ ހަނދާންވަނީ އަތަމާ މާލުގެ މަޝްހޫރު ވާހަކަ. ކޮބާތޯ މާލުގެ އަޕްޑޭޓަކީ؟ އަޕްޑޭޓެއް ނުލިބޭތާ އެތަކެއް އަހަރު ވެއްޖެ. މިހާރު ނޫހުން މާލުގެ މިބޮޑު މައްސަލައާއި މިފަދަ ގުޅުން ހުރި މައްސަލަތަކުގެ ތަޙްޤީޤުގެ އަޕްޑޭޓް ދިނުން ވަރަށް މުހިއްމު.
އަބްޑޫޅް +
18 April 2024
ތިޔަ މީހުންނަށް އެ ރަށަށް ދެވުނީ ތިޔަ ސަރުކާރުގެ އިހުމާލުންނޭ. ޕޮސް.
ދޮން ހަސީނާ
18 April 2024
ކީއްވެތޯ އަދިވެސް މީނަ ހައްޔަރު ނުކުރެވެނީ. އޭނާގެ މިލްކުގައިވާ ތަކެތި އަވަހަށް ވިއްކާލުމަށްފަހު އުމްރާއަށް ދިޔަމީހުންގެ ޓިކެޓް ހަމަޖައްސައިދެއްވާ. މިނޫންގޮތަކަށް މިކަން ހައްލެއްނުވާނެ. މިފަދަ ޖަރީމާ ހިންގާ މީހުނާދޭތެރޭ އަމަލުކުރެވޭގޮތް ދޯދިޔާ ވުމުން މިފަދަ މައްސަލަތައް ތަކުރާރުވަނީ. އެއް މައްލައެއް ގިނަފަހަރު ތަކުރާރުވާނަމަ އެއީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އިހުމާލު.
MySuperGreenDOTcom
18 April 2024
ޝަހީމުދެއްކިހާވާހަކަތައްވެސް މިވީ ހުސްފޮނި ވާހަކައަށްތާ! ރައްޔިތުންނަށް މަކަރުހަދާ ހާލުގަޖެއްސިއިރު ކަމާބެހޭ އިދާރާތަކަށް ރައްޔިތުން ރައްކާތެރިކޮށެއްނުދެވުނުނޫންތޯ؟ އުމުރުދުވަހު އެއްކުރާފައިސާކޮޅުން ހައްޖުގެމަތިވެރި އަޅުކަންއަދާކުރަންދިއުމުގައިވެސް އެއްވެސް ރައްކާތެރިކަމެއް ކަށަވަރުކަމެއް ރައްޔިތުންނަށް ހޯދާނުދެވެންޏާ ކީއްކުރާ އިސްލާމިކުމިނިސްޓުރީއެއްތޯ؟
ހިތަދު 2
18 April 2024
މަނާ ކަންކަން އެކަމަކު އެކަން ކުރީމަ ލިބޭ އަދަބެއް ނޯވޭ. ރާއްޖޭގެ ގާނޫން ހަދަން ތިބެނީ ވައްދާ ކޮންމެ ބިލެއް އެޔެއް މިޔެއް ނުބަލާ ފާސް ކުރަން ތިބޭ ރޮބޮޓުންތަކެއް، އިލްމެއް ހިލްމެއް ހުނަރެއް ނެތް ބަޔަކަށް ގައުމުގެ ހިނގުން ދިނީމަ ވާގޮތް މިހިރީ،
ދުމައްޓޭ އަހައްމަދު
18 April 2024
މަޝްއަރު ޓުއާސްއާ މައްސަރު ޓުއާސްއާ ހަދައިގެން އަޅުކަމުންވެސް ވައްކަން. ޖެހުނު ގޮތަކަށް ޖެހުނު ދިމާއަކުން ދަމައިގަންނަނީ. އަނެއްކާ ހައްޖާ އުމްރާއަށް ދިޔުންވެސް މިހާރު މިއީ ކުޅިވަރެއް. ހަމަ ހޮލިޑޭއަކަށް ކަނޑާލަނީ ސެލްފީކޮޅެއް ނަގާލަން.
ވޯލް
18 April 2024
އެދުމަކުން ނުފުދޭ، މިފަދަ ކުންފުނިތަކުގެ ވިޔަފާރި ހުއްދަ ބާތިލް ކުރަންޖެހޭ ވަގުތުން.
ވަޒަން
18 April 2024
މަސްއަރު ޓުއާސް އިސްލާމިކު މިނިސްޓްރިން ތި ދިނީ ކޮންކަހަލަ އަދަބެއް. ދެން އެތަނަށް ފައިސާނުދިނުށް އެދިފައި ތިއުޅެނީ ސަރުކާރުން ނުވަތަ ޒަކާތުފަންޑުގެ ފައިސާއިން އުމުރާ މީހުންތަށް ގެނެސްފަ އެކަން އޮށް ބާލަން ކަމަށް ފެނޭ... ތީ އާކަމެއްނޫން،،، ،ރޭވުމެއް ދޯ.ވަރަށް ސާފު...