19 އެޕްރީލް 2024 - 07:16
ގޫގުލް އިން ހަރަދު ކުޑަކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައި އެމެރިކާގައި މަސައްކަތް ކުރާ އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވަައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.
ވަޒީފާއިން ވަކި ކުރާ މުވައްޒަފުންނަށް އެ ކުންފުނީގެ ދަށުން ހިންގާ އެހެން ތަންތަނުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ދޭނެ ކަމަށް ގޫގުލް އިން ބުންޏެވެ. ނަމަވެސް އެ ކުންފުނިން ވަކި ކުރަނީ ކިހާ މުވައްޒަފުންނެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ވަޒީފާއިން ވަކި ކުރާ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތު ދެން ދޭނީ އިންޑިއާ، ޗިކާގޯ، އެޓްލާންޓާ އަދި ޑަބްލިންގައި ހުންނަ އެ ކުންފުނީގެ ހަބްތަކުންނެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، ގޫގުލް ރިއަލްއެސްޓޭޓް އަދި ފައިނޭންސްގެ މުވައްޒަފުންނަށް ވަނީ މީގެ އަސަރު ކޮށްފަ އެވެ. ފައިނޭންސް ޓީމުގެ ތެރޭގައި ގޫގުލް ޓްރެޝަރީ، ބިޒްނަސް ސާވިސް އަދި ރެވެނިއު ކޭޝް އޮޕަރޭޝަން ވެސް ހިމެނެ އެވެ.
ކުންފުނި ރީސްޓްރަކްޗާކުރުމަށާއި އިތުރަށް ފުޅާކުރުމުގައި ބެންގަލޫރު، މެކްސިކޯ އަދި ޑަބްލިން ހިމެނޭ ކަމަށް ކުންފުނީގެ ފައިނޭންސް ޗީފް ރުތު ޕޮރެޓް މުވައްޒަފުންނަށް ފޮނުވި އީ-މެއިލްއެއްގައިވެ އެވެ.
ގޫގުލް އިން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅޭއިރު، މިދިޔަ ޖެނުއަރީ މަހު ވެސް 100 އަށް ވުރެ ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ އިންޖީނިއަނަރުންނާއި ހާޑްވެއާ އަދި އެސިސްޓެންޓް ޓީމުތައް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅު ހުއްތު
20 April 2024
މިމީހުންގެ ކަނތައް ބޮޑުކަމުން މިހާރު މީތި އިންނާނީވެސް ފޯނުން ރިމޫވް ކޮށްފަ.