ޓްރަމްޕް ވެރިކަމުގައި ހުންނެވި އިރު، 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ހޯޕް ހިކްސް އާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: އޭއެފްޕީ
04 މެއި 2024 - 07:41
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބަރަހަނާ ފިލްމުކުޅޭ މީހަކާ ބޭއްވި ނަހަމަ ގުޅުމުގެ ވާހަކަ ސިއްރުކޮށްދިނުމަށް ޝަރުތުކޮށް ކެމްޕެއިން ފައިސާ އެކަމަށް ހަރަދުކުރި މައްސަލައިގައި ކުރާ ޝަރީއަތުގައި އެ މަނިކުފާނުގެ ކުރީގެ އެޑްވައިޒަރު ހޯޕް ހިކްސްގެ ހެކި ބަސް ނަގައިފި އެވެ.
ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ޖިންސީ ނަހަމަ ގުޅުމުގެ ވާހަކަ ޓްރަމްޕް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އޮއްބާލައި އެ ވާހަކަ ނުދެއްކުމަށް ޝަރުތުކޮށް ފައިސާ ދިނުމަށް ފަހު އެކަން ސިއްރުކުރުމަށް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށް މިހާރު ކުރިއަށްދާ މައްސަލައިގެ ދައުވާގައިވެ އެވެ.
އެކަން ހިނގައިދިޔައިރު ހިކްސްއަކީ ޓްރަމްޕްގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި، އެ މަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެކެވެ.
އިއްޔެގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ވަނީ އަންހެނުންނަށް ކުޑައިމިސްވާ ގޮތަށް ޓްރަމްޕް ވާހަކަ ދައްކަވަނިކޮށް "އެކްސެސް ހޮލީވުޑް" ގެ ރެކޯޑިންއާ ގުޅޭގޮތުން ވެސް ހިކްސްއާ ސުވާލުތައް އަމާޒުކޮށްފަ އެވެ.
ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީން މިިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވާ ޓްރަމްޕް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައި އޭނާގެ ކުރީގެ ވަކީލް މައިކަލް ކޯހެން އަށް 130،000 ޑޮލަރު ލިބޭނެ މަގު ފަހިކޮށް އެ ފައިސާ ޑެނިއަލްސް އަށް ދީފައިވާ ކަމަށް ދައުވާގައިވެ އެވެ.
މި ފައިސާ އޭނާއަށް ދީފައިވަނީ ޓްރަމްޕް ހިލަރީ ކްލިންޓަނާ ވާދަކުރެއްވި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.
މިއީ އެމެރިކާގެ ތާރީހުގައި އެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާކުރެވި ޝަރީއަތް ހިންގޭ ފުރަތަމަ ފަހަރެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy