ރިޔާސީ އިންތިހާބަށް ފަހު ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
04 މެއި 2024 - 11:58
ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތް ގޮތަށް، މީޑިއާތަކަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި ތަރައްގީކުރާ މީޑިއާ ވިލެޖު އަޅާނެ ބިން ކަނޑައަޅައިފި އެވެ.
މީޑިއާތަކަށް ހުޅުމާލެ އިން ބިމެއް ހަމަޖެއްސިކަން އިއުލާންކުރެއްވީ، ޕީއެސްއެމްގެ އަހަރީ ދުވަހާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވި އިންޓަވިއުއެއްގަ އެވެ.
ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރަކީ ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށާއި އިންތިގާލީ މަރުހަލާގައި ރައީސް އިސްނަންގަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވާ ކަމަށެވެ.
ނޫސްވެރިންގެ ހާލަތު ސަރުކާރަށް އެނގޭ ކަމަށާއި އެ މައްސަލަތައް ހައްލު ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ނޫސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަމިއްލަ މީޑިއާތަކުގެ ހަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ހިންގުމަށް ހުރި ހުރަސްތަކެވެ. ބޮޑު އަގުގައި އޮފީސްތައް ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމަކީ ވެސް ދަތިކަމެއް ކަމަށް ވިދާޅުވި އެވެ.
އެކަމަށް ހައްލު ގެނައުމަށް މި ސަރުކާރުން ގާއިމްކުރާ މީޑިއާ ވިލެޖަށް ބިން ކަނޑައަޅައި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މީޑިއާ ވިލެޖު ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތީ، އިންތިހާބުވުމަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ގުންޒަރުގަ އެވެ.
މީޑިއާ ވިލެޖެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހުމުން މީޑިއާތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ކަންބޮޑުވުން މީޑިއާތަކުން ފާޅުކޮށްފައި ވާތީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިފަތުﷲ
05 May 2024
މީޑިޔާ ތަކަށް ހައްގުވާ މިންވަރު ކަށަވަރު ކުރާނެ ވެރިޔެއް ލިބިއްޖެ. މަރުހަބާ ހުރިހާ މީޑިޔާތަކެއް.
ހަސަން ނިހާމް
05 May 2024
ރައީސް މުއިއްޒް ނޫނީ ނުދެކެން ވައުދުތައް ބުނި ގޮތަށް ރަނުން ރަނަށް ފުއްދާ ވެރިޔެއް. އެވެސް ވެރިކަމުގެ ފަހު އަހަރަށް ނުބަހައްޓާ
އައުޒަމް
05 May 2024
މިޔާއެކު މީޑިޔާތަކުން ރެންޓަށް ކުރާ ހަރަދު ކުޑަވީ. ލިބޭ އެއްޗަކުން ރަނގަޅަށް މެނޭޖްކޮށްލެވޭނެ. ބަރާބަރު
ހަސަންރަހާ
05 May 2024
މީޑިއާތަކަށް ހާއްސަ މީޑިއާ ވިލެޖު މާލެ ސަރަހައްދުގައި ހަދައިގެން އުޅޭތާ ޒަމާންތަކެއް ވެއްޖެއެވެ. އެތަންތަނުން ދައުލަތަށް / ގައުމަށް އެއްވެސް ފައިދާއެއް ކުރާކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެ 2 ވިލެޖުގެ ބިން ނަގާ ދައުލަތަށް ފައިދާ ހުރި އެހެން ކަމެއް ކުރަންވިީއެވެ. މި ދެންނެވި 2 ވިލެޖަކީ ޓީވީ މޯލްޑިވްސް ހިންގާ ކޮށްޓާއި ދރގެއަޑު ހިންގާ ކޮށްޓެވެ. މާލެ ސަރަހައްދުގަވެސް އަދި ތިލަފުށިގަވެސް އިތުރު ވިލެޖު ހެދުމަކީ މުހިއްމު ކަމެއް ކަމަކަށް ނުފެނެއެވެ.
ސައްދާމް މުހައްމަދު
05 May 2024
ހުސް ވައުދެއް ރައީސް މުއިއްޒް ނުވާނެ. އެކަން ފެނިގެން މިދަނީ. ވައުދުތައް ރަނުން ރަނަށް ފުއްދަމުން މިދަނީ.
ހަސަން ނިހާމް
05 May 2024
މީޑިޔާތައް މާލީ ގޮތުން މިނިވަންވީމަ ހުރިހާ ގޮތަކުންވެސް މިިނިވަން ވީ. ވަރަށް ރަނގަޅު ނިންމުމެއް.
ޖަނބުރޯލު
04 May 2024
ކަނޑައަޅަންޖެހޭނީ ތިލަފުށިން ހިއްކާ ބައިން. ގައިމު ގޯތި ދޫނުކުރެވިގެން މި އުޅެނީ، ބަދަލުވެސް ކުރަންޖެހިގެން އެހެން ރަށްރަށަށް.
އޮޑިހަނު
04 May 2024
ދެން އުފެދޭ ސުވާލަކީ ކޮން އުސޫލަކުންތޯއޭ ނޫހަކަށްވާނީ، އަދި ތިތަނުން ޖާގަ ލިބޭނީ. އަދި ނޫސްވެރިން ޒިންމާދާރު ކުރުމުގެ އެއްވެސް ކަމެއް ތިތަނުން ކުރެވޭނެހޭ؟
ނޫސަންގު
04 May 2024
މުޖްތަމަޢަށް ފައިދާހުރި ކަންކަން ކުރާ ޗެރިޓީތަކަށް ބިމެއް އަދި ފައިސާއެއްވެސް ދައުލަތުން ނުދެވޭ. މިސާލަކަށް ކެންސަރ ސޮސައިޓީ ކެއަރ ސޮސައިޓީ ޓައިނީ ހާޓްސް ފަދަ. މީޑިޔާ ތަކަށް ދޭންވީ ސަބަބެއް ނޭގޭ.
ކޮވެލި
04 May 2024
ދައުލަތުގެ މީޑިޔާ މިނިވަންކުރީމަ ނިމުނީ. އަމިއްލަ ވިޔަފާރިއަށް ހިންގާ މީޑިއާ ތަކަށް ދައުލަތުން ބިން ދޭކަށް ނުޖެހޭ. ތީ ނިމުމެއް އޮންނާނެ ކަމެއް ނޫން.