އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ސަލާހުއްދީން ސްކޫލުގައި ބޭއްވި އެސެމްބްލީގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
26 މެއި 2024 - 10:51
އެންމެ އިސްކަން ދޭންވީ ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، ޓީޗަރުންނަށް އިހުތިރާމް ކުރާ ޒިންމާދާރު ދަރިވަރުންތަކަކަށް ވުމަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑު ޗުއްޓީއަށް ފަހު މިއަދު ފެށި 2024ވަނަ އަހަރުގެ ދިރާސީ އާ އަހަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ އިލްމީ ފަންނުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ވަނީ އެންމެން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.
އެކަން ކާމިޔާބުކުރަން އެންމެ މުހިއްމު ކަމަކީ ސްކޫލުތަކާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަވެ ހަރުދަނާވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދިރާސީ އާ އަހަރަކަށް ކުރިމަތިލާއިރު، އެންމެ އިސްކަމެއް ދޭންވީ، އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، މުދައްރިސުންނަށް ގަދަރާއި އިހްތިރާމްކުރާ، ހިންމަތާއެކު އުނގެނުމަށް މަސައްކަތްކުރާ، ޒިންމާދާރު ދަރިވަރަކަށްވުމަށް. އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއެކު، ތިމާ އާއި ތިމާ ވަށައިގެންވާ އެންމެންގެ ސަލާމާތާއި ރައްކާތެރިކަމަށް އިސްކަންދޭ ދަރިވަރަކަށް ވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އުނގެނުމާއި އުނގަންނައިދިނުން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނީ ސްކޫލުތަކުގެ ވެއްޓަކީ އުނގެނުމަށް ފަހި، އުފާވެރި ވެއްޓަކަށް ވެގެންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ އުނގެނުމަށާއި އުނގަންނައިދިނުމަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.
"ދަރިވަރުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި އުފާވެރި ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ގާއިމުކުރުމަކީ މިސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މިއަދު ވެސް ވިދާޅުވި ގޮތުގައި ކްލާސްތަކުގައި ދަރިވަރުން ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދޭނެ އެވެ. އެ ވައުދާ އެއްގޮތަށް، ސްކޫލުތައް އޭސީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަސްމީ ތައުލީމީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ރާވައިފަ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި ދެން ހުރި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އާ އަހަރާ އެކު އުގެނުމަށް ލިބިފައިވާ ރަނުގެ ފުރުސަތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރަން ހުރިހާ ދަރިވަރުންނަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލަތު
27 May 2024
މިހާރުގެ ބެލެނިވެރިވެރިންގެ ދުއްތުރާލާ ހެދި ޓީޗަރުންނަށް ކަމެއްވޭތަ، ޒިންމާދާރު ކުދިން ބިނާ ނުކުރެވެނީ ބެލެނިވެރިން ބުނާ ގޮތަށް ސަރުކާރު ސްކޫލްތަކުގަ ކިޔަވައިދޭންޖެހެނީވެސް، ޑެސްކުގާތުގަ އިންނަ ގޮޑި އިންނަތަނުން އެހެންތަނަކަށް ލިޔަސް، މަސައްކަތްމީހުން ނެތީހޭ، ސޯޝަލްމީޑިއާގަ ވެރިނަށް ޓެގުކޮށްލިޔުމުން، އެކަންކުރުވި ޓީޗަރަށް... ބެލެނިވެރިންގެ އިތުރުން ސިޔާސީންގެ ނުފޫޒު ތައުލީމީ ދާއިރާގަވެސް...ވަޒީފާ ދިނުމުގަވެސް....ކްލީނިިންޑޭގަ ފޮޓޯއެއް ހުރީމަ އެވީ
ަދަރިވަރު
26 May 2024
ވެރިންނަކީ ޒިންމާދާރު ބަޔަކަށްވެގެން، ކުދިން ޒިންމާދާރުވާނީ. ޒިންމާދާރުކަން ކުޑަ ވެރިން ފެނުމުން ކުދިންވެސް އެކަން ދަސްކުރާނެ.
ޖުލައި2021
26 May 2024
ޒިންމާދާރުވަން ދަސްކޮށްދިނީމަދޯ ޒިންމާދަރުވާނީ. ސުކޫލް ސިލަބަހުގަ ހިމަނައިގގެން އަދަބު އަޚްލާގް ދަސްކޮށްދޭން އެބަޖެހޭ. ދިރިއުޅުމުގެ ހުނަރުތަކާ މަގުމަތީގެ އަދަބުތަކާ މީހުނަށް އިޙްތިރާމް ކުރުމާ މިކަންކަން މީސުކޫލްގަ ކިޔަވައިދޭ ޕްރެކްޓިސް ކުރާ ކަންކަމަށް ހަދައިގެން މިކަން ވާން އޮތީ.
ފެންނަގޮތް
26 May 2024
ގުރޭޑް 5 ނޫނީ 6 އިން ފެށިގެން އަހަރު 1 ފަހަރު އެމްއެންޑީއެފްއާއި ގުލީގެން 1 ހަފްތާގެ ޓްރެއިނިން އެއް ޖައްސަންވީ... މި ތަމްރީނުގައި ބައްޓަން ކުރަންވީ އަހްލާގާ، ލީޑާޝިޕާ، ދިރި އުޅޯުމުގެ ތަފާތު ހުނަރާއި ގޮތައްފަދަ ކަންކަން ދަސްކޮށް ދިނުމަށް.. މިކަމަށް ވަކި ކަރިކިއުލަމެއް ހަދައިގެންވެސް...