އައިޖީއެމްއެޗް: އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ އިއްޔެ ވަނީ މާލެ ގެނެސްފައި. -- ފޮޓޯ | މިހާރު
26 މެއި 2024 - 13:04
ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު އަށް އަހަރުގެ ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ އުނގޫރާފު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނައީ އިއްޔެ ކަމަށެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އާއިލާ އިން ބުންޏެވެ.
އެ ކުއްޖާ އަދިވެސް އޮތީ ވެންޓިލޭޓަރުގަ އެވެ.
"ހާލު ވަރަށް ކްރިޓިކަލް. މަރާ ހަނގުރާމަ ކުރަނީ، ވަރަށް އަނިޔާ ލިބިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
އެ ރަށު މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، ފުރަތަމަ ކަރަންޓުގައި ޖެހުނީ އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. ހާލު ސީރިއަސްވި ޒުވާނާ އުޅުނީ އެ ކުއްޖާ ސަލާމަތްކުރުމަށެވެ.
އޭނާއަށް އަނިޔާވީ އަށް އަހަރުގެ ކުއްޖާ ސަލާމަތްކުރުމުގެ ތެރޭގައި ފެންގަނޑަށް ވެއްޓި ހޮޅިދަނޑީގައި އަތްލެވުމުންނެވެ.
.އެ ހާދިސާގައި، އެ މަންޒަރު ފެނުނު 12 އަހަރުގެ ކުއްޖަކަށް ވެސް ފަރުވާ ދޭން ޖެހުނެވެ. އެ ކުއްޖާ އާއި އަށް އަހަރުގެ ކުއްޖާ ވަނީ ފަރުވާއަށް ފަހު ގެއަށް ދޫކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިދަންމިޔަރު
26 May 2024
މިފަދަ ކަންކަމުގަ އިހުމާލުވާ މީހުންނަށް ހަރުކަށި ފިޔަވަު އެޅޭނެހެން ގާނޫނުތައް ހަރުދަނާކުރަން އެބަޖެހޭ. މަގުމަތީ ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު ލީކްވެފަހުރިކަން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނޭގި އޮތުމަކީ ވެގެންވާނެކަމެއްނޫން.
އުދުހޭ
26 May 2024
ދިވެހިރާއްޖޭގެ އަޑާ ދިމާލުން ހަތަރުއަނގޮޅިކަންމަތިން އާހާބަރަށް ވަންނައިރު އެތާވެސް އެބައޮތް ލައިޓެއް ވެއްޓިފަ ކޭބަލްތަށް އޮތީ ހާމައަށް.
އަޒީޒާ
26 May 2024
މިގައުމުގަ ޒިންމާވާނެ މީހަކުނޫޅޭނެ. އެންބިއުލާންސް ލަސްވި މައްސަލައިގަ ކެރަފާނަސީމުވެސް ކަރުން އަޑުނަގާފަބުނި އިސްތިއުފާދޭނަމަ. އެކަމަކު އެހާދިސާ ތަހުގީގެއްނުނިމުން ވެރިކަންނިމުނު އިރުވެސް. މިފަހަރުވެސް ދާނީ ހަމަ އެހެން
ރަށުމީހުން
26 May 2024
މިކަން މެދުވެރިވާން ދިމާވިގޮތް ބަލާ ހޯދަންޖެހޭ. މަގުމަތީގައި ދިމާވި ކަމެކޭ ޚަބަރުން ދޭހަވަނީ. ކާކު ޒިންމާވާނީ ؟ ގޯސްކޮށް ހުރިކަންކަން ރަނގަޅުކުރޭ އިތުރު ފަރާތަކަށް އަނިޔާއެއް ނުވަނީސް. ދެރަކަމެއްވީމަ ނޫނީ އެެއްވެސް ކަމެއް ރަނގަޅުކުރާކަށް ނޭނގޭނެ.
ައަބްދޫލް.
26 May 2024
ކާކުހޭ ޒިންމާ ނަގަނީ، ކޮބާހޭ ރަށު އިންޖީނުގޭތަކަށް ފަންސާހުން ސަތޭކައިން ލައްވާފަ ތިބި މީހުން. ސޮރީ ސޮއެކޮށްފަ ކޮފީތަކުގަ ނޫނީ މަހަށް ގޮސް. ހެޔޮތާ މަސް ނިމުނީމަ ކޮންމެ މީހަކަށް ދިހަހާހުން ފަނަރަހާހުން މުސާރަ ލިބޭ ވިއްޔަ.