28 މެއި 2024 - 09:05
މެންޗެސްޓާ (މެއި 28) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް، މަގާމުން ވަކި ކުރުމަށް ހާލަތު މުރާޖާ ކުރުމުގެ މަސައްކަތް ފެށައިފި ކަމަށް އެ ކްލަބްގެ އޮފިޝަލަކު ބުނެފި އެވެ.
ޔުނައިޓެޑްގެ ކޯ އޯނަރު ޖިމް ރެޓްކްލިފްގެ އިނިއޯސް ގުރޫޕްގެ ސްޕޯޓްސް ޑައިރެކްޓާ ޑޭވް ބްރެއިލްސްފޯޑްގެ ބެލުމުގެދަށުން، އެ ކުންފުނިން ހިންގާ ކުޅިވަރު ކްލަބްތަކުގެ ހާލަތު މުރާޖާ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އެހެން ކުޅިވަރުތަކުގެ ހާލަތު މުރާޖާ ކުރުމުގެ މަސައްކަތައް ހަތަރު ދުވަހުގެ މުއްދަތެއް ހޭދަ ކުރި ކަމަށް ޔުނައިޓެޑްގެ އެތެރޭގެ އޮފިޝަލް އީއެސްޕީން އަށް ބުންޏެވެ.
ޓެން ހާގްގެ ނަތީޖާތަކާއި އޭނާ އަށް ކުރިމަތިވި އެހެން ކަންކަން މުރަޖާ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ރެޓްކްލިފާއި ބްރެއިލްސްފޯޑް އަދި އާ ޓެކްނިކަލް ޑައިރެކްޓާ ޖޭސަން ވިލްކޮކްސްގެ ބެލުމުގެދަށުންނެވެ.
އިނގިރޭސި އެފްއޭ ކަޕް ޔުނައިޓެޑަށް ހޯދައި ދިނުމަށް ފަހު، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ޓެން ހާގް ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. އެކަމަކު ވަޒީފާއިން ވަކި ކޮށްފާނެކަމުގެ ބިރުރު އޭނާ އަށް އެބައޮތެވެ.
ބައެއް އެހެން ކޯޗުންނާ އެކު ވެސް ޔުނައިޓެޑުން ވާހަކަތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ބުނެ އެވެ. ޔުނައިޓެޑްގެ ކުރީގެ އެސިސްޓެންޓް ކޯޗު، އަދި އިޕްސްވިޗް ޓައުންގެ މިހާރުގެ ކޯޗު ކީރަން މެކޭނާއާ އެކު އެ ކްލަބުން ވަނީ ވާހަކަތައް ދައްކާފަ އެވެ.
ޔުނައިޓެޑްގައި އޮލެ ގުނަ ސޯލްޝެއާގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި މެކޭނާގެ އެޖެންޓުންނާ އެކު ބައެއް އެހެން ކްލަބްތަކުން ވެސް ދަނީ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި ޗެލްސީ ވެސް ހިމެނެ އެވެ.
ޔުނައިޓެޑުން ދެން ވާހަކަ ދެއްކި ކޯޗުންނަކީ ޗެލްސީން ވަކިވި، މައުރީސިއޯ ޕޮޗެޓީނޯ އާއި ބްރެންޓްފާޑްގެ ކޯޗު ތޯމަސް ފްރޭންކް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާގަސަން
30 May 2024
ޔުނައިޓެޑުން ދެން ވާހަކަ ދެއްކި ކޯޗުންގެ ތެރެއިން ތޯމަސް ފްރޭންކް ނޫނީ ޔުނައިޓެޑް ހަމަ މަގަށް އެޅުވޭނެ މީހަކު ނެތް