އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ: އޭއެފްޕީ
31 މެއި 2024 - 09:27
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅުން ބޭއްވި ކަސްބީ އަންހެނަކަށް ފައިސާ ދީގެން އެ ވާހަކަ އޮއްބައިލަން މަސައްކަތް ކުރެއްވި ކަމުގެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.
މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީން މިިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވާ ޓްރަމްޕް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައްވައި އޭނާގެ ކުރީގެ ވަކީލް ކޯއެން އަށް 130،000 ޑޮލަރު ލިބޭނެ މަގު ފަހިކޮށް، އެ ފައިސާ ސްޓޯމީ ޑެނިއަލްސް އަށް ދީފައިވާ ކަމަށް ދައުވާގައި ވެ އެވެ.
މި ފައިސާ އޭނާ އަށް ދީފައި ވަނީ ޓްރަމްޕް، ހިލަރީ ކްލިންޓަންއާ ވާދަކުރެއްވި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަމަށް ކެމްޕޭނަށް ގެއްލުންވެދާނެތީ ކަމަށް ވެސް ބުނެފައި ވެ އެވެ.
އެކަމާ ގުޅިގެން ޓްރަމްޕްގެ މައްޗަށް އުފުލި ތަފާތު 34 ދައުވާއެއް ސާބިތުވާ ކަމަށް އެ މައްސަލަ އަޑުއެހި ނިއު ޔޯކް ސިޓީގެ ޖޫރީ އިން ވަނީ ކަނޑައަޅައިފަ އެވެ. ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވުމުން، ހުކުމް ކުރުން ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހަށެވެ.
މި މައްސަލައިގައި ކޮންމެ ދައުވާއަކަށް މަދުވެގެން ހަތަރު އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑަސް، ޖަލުގައި ހުކުމް ތަންފީޒުކުރަން ޓްރަމްޕަށް ޖެހިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެ އެވެ. މިއީ ޓްރަމްޕްގެ ފުރަތަމަ ކުށް ކަމުން، ޖަލު ހުކުމެއްގެ ބަދަލުގައި އެންމެ ފުރުސަތު ބޮޑީ ޕްރޮބަޝޭންގެ އަދަބެއް އައުމެވެ.
މިއީ އެމެރިކާގެ ތާރީހުގައި އެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
އެކަމަކު ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހުނަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަކަށް ހުރަހެއް ނެތެވެ.
ޓްރަމްޕްގެ ވަކީލު ވަނީ މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމާ އެކު، ޓްރަމްޕް ވަނީ މި ޝަރީއަތަކީ ސިޔާސީ ބޮޑު ސަކަރާތްގަނޑެއްގެ ގޮތުގައި ކުރައްވާ ތުހުމަތު ތަކުރާރުކުރައްވައިފަ އެވެ.
އަދި މި ކަމުގެ ހަގީގީ "ހުކުމް" ކުރާނީ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ވޯޓުން ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮރީ
31 May 2024
ޢަޑުއެހެން ނުހުންނަނީ ކީއްވެބާ މިހާރު
raajje
31 May 2024
ޓުރަންޕުގެ ވާހަކަޔާ މުޅިންއެއްބަސް، ތީސިޔާސީބޮޑު ސަކަރާތްގަނޑެއް، ޖަލުހުކުމެއްއަޔަސް އިންތިހާބުގައިވާދަކުރެވޭނެތީ މާބޮޑުހާސްކަމެއްނެތް، ބަޔެޑަން ހޮވޭނެކަމަކަށް ނުފެނޭ ސަބަބަކީ ފަލަސްތީނުގައި ގަތުލުއާންމު ހިންގުމުގައި ބަޑިޔަން އިޒުރޭލަށް އެހީތެރިވެ އެއްބައިވެފައިވުން އަދި މިހާރުވެސް ވަމުންދިޔުން، އިންތިހާބުގައި ސަޕޯޓުހޯދަން ފަލަސްތީނުމައްސަލައިގާ ވާހަކަބަދަލުކުރިޔަސް ބަޔުޑަން އަކީ ދެފުއްދެގޮތް ދަށްކާވާހަކަޔާ އަމަލުދިމާނުވާ މީހެއްކަންވަނީ ހާމަވެފަ!
ކެނޔޭ
31 May 2024
ޑޮނަލްޑް ގެ އަގު ވައްޓާލަން ވެގެން ބައިޑެން ހިންގާ ޖަރީމާއެއް.
ހުއްޓާލާނަމޭ
31 May 2024
ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެއޭ ބައިޑަނޭ ހައެއް ހަތަރަކަށް ތަޅާ ވޯޓުން ބަލިކުރާނެއޭ ޓްރަމްޕް އެއީ ޔަގީން ކަމެކޭ ޓްރަމްޕް ވެރިކަމަށް އައިސް ފުރަތަމަ ވެސް ރައީސްގެ ގަރާރަކުން ޔުކްރެއިން އަށް އެމެރިކާ އިން ކުރާ ޚަރަދު ހުއްޓާލާ ލީބިޔާ ގައި ތިބި ތެލުން ވައްކަން ކުރާ އެމެރިކާ ސިފައިން ބާލާނަމޭ އެއީ ޔަގީން ކަމެކޭ އަދި ނޭޓޯ އަށް ޔޫއެސް ބަޖެޓުން ކުރާ ޚަރަދު ހުއްޓާލާ ޔޫއެން އަށް ވެސް އެމެރިކާ އިން ކުރާ ޚަރަދު
ސަސި.
31 May 2024
އެކަމަކު ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހުނަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަކަށް ހުރަހެއް ނެތެވެ. ނަމޫނާ ޑިމޮކުރަސީ
ޢާދަން ނަސީރު
31 May 2024
ދެން އެ ބަަލައިގެން އަހަރުމެން ދޫނި ރާއްޖޭގައި މި އުޅެނީ. ޙެހެހެ