އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ: އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި.--ފޮޓޯ: އަދާލަތު ޕާޓީ
22 ފެބުރުއަރީ 2017 - 14:40
އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފެހެއްޓިތާ މަސް ދުވަސް ވާން ގާތްވެފައިވާ އިރު ވެސް، ޕާސްޕޯޓު ހިފެހެއްޓި ސަބަބު ކަމާ ބެހޭ އެއްވެސް އިދާރާއަކުން ނުބުނެދޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝިދާތާ ހިފެހެއްޓީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަތުރެއްގައި އިންޑިއާ އާއި ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު، އެނބުރި މާލެ ވަޑައިގަތް ތަނުންނެވެ. އޭގެ ފަހުން، އެއާޕޯޓުގައި ހުންނަ ޓޫރިސްޓް ޕޮލިހަށް ގެންގޮސް، އެ ތަނުގައި ބައި ގަޑި އިރަށް ވުރެ ގިނައިރު ބެއިންދުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިދާތާ ވިދާޅުވީ އެ ދުވަހު އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނި ނަމަވެސް، ކޯޓު އަމުރެއް ނުދައްކާ ކަމަށެވެ. އަދި ފަހުން ޓޫރިސްޓު ޕޮލިހަށް އޭނާ ހާޒިރު ކުރުމަށް ފަހު ވެސް ފުލުހުން ބުނީ ކޯޓު އަމުރަކަށް އެތަނުން ނޭދޭ ކަމަށާއި އިމިގްރޭޝަނުން ހަވާލު ކުރީމާ ސުވާލު ކުރުމަށް އެ ތަނަށް ގެންދިޔައީ ކަމަށެވެ. އަދި ކޯޓު އަމުރެއް ވެސް އަދި އިތުރު ސުވާލެއް ވެސް އެ ތަނުން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން ދީފައިވާ ލިޔުމުގައިވާ ގޮތުން ކޯޓު އަމުރު ނެރެފައި އޮތީ ކްރިމިނަލް ކޯޓުން ކަމަށް ވުމުން، ފަހުން ޝިދާތާ އާއި އޭނާގެ ވަކީލު، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ އެ އަމުރު ނެރުނު ސަބަބު ހޯދުމަށް ކޯޓުގައި އެދިފަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އެ އަމުރު ނެރުނީ ފުލުހުންގެ އެދުމަކަށް ކަމަށާއި އެހެންވެ، އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމަށް ކޯޓުން ބުނި ކަމަށް ޝިދާތާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން އެދުނީ ފުލުހުންގެ ރެކޯޑު ސާފު ކުރުމަށް. އެކަމަކު ފުލުހުންގެ އެއްވެސް ރެކޯޑެއްގައެއް ނެތް އަޅުގަނޑުގެ މައްސަލައެއް ބަލަމުންދާ ކަމެއް ނުވަތަ މައްސަލައެއް ހުށަހަޅާފައިވާ ކަމަކަށް ވެސް." ޝިދާތާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ބޭރު ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތަށް ޝިދާތާގެ ޕާސްޕޯޓު ހިފެހެއްޓުމަކީ އޭނާގެ ހައްގެއް ދައުލަތުން ހިފެހެއްޓުން ކަމަށާއި އަދި އެއަށް ވުރެ ބޮޑަށް އެ ހިފެހެއްޓި ސަބަބު އެއްވެސް އިދާރާއަކުން ބުނެދެވިފައި ނުވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
އަދި މިކަމުގައި ކޮންމެވެސް އެއް އިދާރާއަކުން ދޮގު ހަދާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަލީ ހުސައިން ވިދާޅުވީ ދިވެހި ރައްޔިތެއްގެ ހައްގު އެއްވެސް އުޒުރަކާ ނުލައި ހިފަހައްޓާފައިވާތީ، މިކަން އިތުރަށް ސާފުކޮށް ދައުލަތުގެ މައްޗަށް މިކަމާ ގުޅޭ ގޮތުން ދައުވާ ކުރުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އަދާލަތު ޕާޓީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ސަބަބެއް ނެތި ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށް، ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރަން އޭނާ ކުރަމުން އަންނަ މަސައްކަތަށް ހުރަސްއަޅަން ކަމަށެވެ. އަދި އެއީ އަންހެން ސިޔާސީ ލީޑަރުން އުފައްދަން އަދާލަތު ޕާޓީން ކުރަމުން އަންނަ މަސައްކަތްތައް ފަނޑުކޮށްލަން، ހައްދުފަހަނަ އަޅާފައިވާ ވިސްނުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ވެސް އަދާލަތުން ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުމީހާ
22 February 2017
މިފަހަރު ތިއޮތީ ސިދާތާގެ އިންސާނީ ހައްގެއް ގެއްލިފައި އެހެންވީމާ އަޅެ ކިހިނެތްވާނެ ވަކީލްކައިރީގައި ބުނެގެން ހިއުމަންރައިޓްސް ކޮމިޝަނުން ތިޔަކަމުގެ ޖަވާބު ހޯދުން. އަޅެ އެތަނުގައި އަހާބަލަ. އޭރުން އިނގޭނެ ހަމަގައިމުވެސް ފުލުހުން ތެދު ހަދައިފިކަމާއި ކޯޓުން ދޮގުހަދައިފިކަން. މިވަރަށް އަޅުގަނޑަށް ބުނެވޭނީ.
ވާނުވާ
22 February 2017
އޮންނާނެ ސަބަބެއް ޕާސްޕޯޓު ހިފެހެއްޓި ރަނގަޅަށް ބަލާ މިސަރުކާރަކީ ވާނުވާ ނޭނގޭ ސަރުކާރެއްނޫން އިބްތިހާލުގެ މައްސަލަ ފެންމަތިވިއިރު ޝިދާތާ ހުންނެވީ ކޮންމަޤާމެއްގަތޯ
މީމަށޭ
22 February 2017
މްގޭ ޕާސްޕޯޓްވެސް ނުހިގަހައްޓާ. މަހުލޫފު ގެ ވެސް ތިމަރަގެވެސް ނުހިފަހަޓާ. ތުދަިތަގެ ޕާސްޕޯޓް ހިފެހެއްޓީ ސަބަބެއް އޮވެގެންނޭ
ސަމްސު
22 February 2017
ބުނެވޭގޮތުގާ ސިދާއްތަ މާގިނައިން އަހެން ލީޑަރުން ތަމްރީނުކުރަނީ.
ބޫ
22 February 2017
ޝިދާތާ އަކީ އިނދިކޮޅު އިއްތިހާދުގެ ތަނބެކެވެ. ވީމާ އެސްފިޔަ ޖަހާގޮތް ނުބައިވެގެން ވިޔަސް ދަޢުވާކޮށް ޙުކުމްކުރާނެއެވެ. ދަޢުވާ ލިޔަންވާއިރަސް ޤައުމު ދޫކޮށް ހިނގައިދާނެތީ އަވަހަށް އަތުލީއެވެ. ދަޢުވާ ލިޔެވުމުން ސަބަބު އެނގޭނެއެވެ.
ހުއްބުލްވަތަން
22 February 2017
މިގައުމުގަ ހިނގާއެއްވެސް ކަމެއްގަ ސަބަބެއް އެހެން ކަމެއް ބުނެދޭން ޖެހޭތަ...
އިދާރާ
22 February 2017
އިދާރާތަކުގައި ފޮނުވާ ސިޓީތަކަށް ޖަވާދިނުން އޮންނަ ގޮތަކީ ވެރިއަކަށް ފެންނަނަމަ ޖަވާބު ދޭންވީއެވެ. ނުފެންނަނަމަ ޖަވާބު ނުދީ ކިތަންމެ ދުވަހަކުވެސް ބާއްވަންވީއެވެ. އެސިޓީ ލީމަހަކު ކޮންމެހެން ޖަވާބު ހޯދަން ބޭނުންވާނަމަ، އެކަމާ ގުޅޭ މީހަކާ ބައްދަލުކުރިއަސް ކޮންމެވެސް ބަހަނާއެއް ދައްކާފައި އެސިޓީއަށް ޖަވާބުނުދޭނެއެވެ. ނޫނީ ޖަވާބުދިނުން ލަސްކުރާނެއެވެ. މިއީ އާންމުކޮށް އޮފީސްތަކުގައި ކަންހިނގާ ގޮތެވެ.
ސަލީފް
22 February 2017
ސިދާތާ ތިޔަ ހުންނެވީ ވަރަށް ދިގު މުއްދަތައް ރުހުމަކާ ނުލާ ޤާނޫނާ ޚިލާފަށް ރަށު ބަނދުގައި.
އަޑީބް އެންޑް ބަދީއް
22 February 2017
އެހެންލީޑަރުން ބިނާކުރާތިއްޔޯ ސިދާތާގެ ޕާސްޕޯޓު ހިފެހެއްޓީ.
އިންސާނާ
22 February 2017
މުޅިން އޮޅުވައިލުން. ޝިދާތާ އަށްވެސް އަދި އަދާލަު ޕާޓީ އަށްވެސް ސަބަބު އެނގޭ. އަންގަންޖެހޭ ފަރާތުންވެސް އޮތީ އަންގާފައި. އިބްތިހާލު މަރާލި ހާދިސާ ހިނގިއިރު އެކަން މޮނިޓަރ ކޮށް ބަލަހައްޓައި އެކަން ހުއްޓުވުމުގެ ގާނޫނީ ޒިނަމާވާ އިދާރާ ތަކުގައި ތިބި މީހުންނާ ސުއާލުކޮށް އެމައްސަލައިގެ ތަހުގީގަށް ހިފަހައްޓަން ޖެހޭ ކަމަށް ދައުލަތުގެ ތަހުގީގީ އިދާރާތަކަށް ފެންނަ މީހުންގެ ތެރޭގައި ހިމެނޭ މީހަކަށްވާތީ ކަން މިހާރު އެންމެނަށްވެސް އެނގޭ.