ރާއްޖޭގެ ފަޅު ރަށެއް. ތ.ކަޅުދިޔަފުށި ވިއްކާލަން އަނެއްކާ ވަނީ އިއުލާނުކޮށްފައި --
04 ޖޫން 2024 - 14:00
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނު ނުދައްކައިގެން ތ. ކަޅުދިޔަފުށި ވިއްކާލަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
މިއީ ހަދަމުން އަންނަ މި ރިސޯޓު ވިއްކާލަން ހުޅުވާލި ތިން ވަނަ ފަހަރެވެ.
ބޭންކުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މަހުގެ 30 ގެ ކުރިން އެ ރަށް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހޭނެ އެވެ. މިގޮތަށް ބިޑް ހުށަހަޅާ ބިޑް ކާމިޔާބުކުރާ ފަރާތަކުން ބިޑް ޑިޕޮސިޓްގެ ގޮތުގައި ބޭންކަށް އެއް ލައްކަ ޑޮލަރު ހުށަހަޅަން ޖެހޭނެ އެވެ.
އެރަށް ގަތުމަށް ހުށަހަަޅަން ޖެހޭނެ އެންމެ ކުޑަ އަގަކީ 34 މިލިއަން ޑޮލަރު (525 މިލިއަން ރުފިޔާ) އެވެ. މިއީ ސެޕްޓެމްބަރު 2021، ވަނަ އަހަރު އެ ރަށް ވިއްކާލަން ހުށަހެޅި އަގަށް ވުރެ ހަތަރު މިލިއަން ޑޮލަރު ބޮޑު އަދަދެކެވެ. އެފަހަރު އެ ރަށް ވިއްކާލަން ހުޅުވާލީ 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) އަށެވެ.
ބީއެމްއެލް އިން އެ ރަށް ވިއްކާލަން އެންމެ ފުރަތަމަ ހުޅުވާލީ ސެޕްޓެމްބަރު 2019 ގަ އެވެ. އެފަހަރު ވިއްކާލަން އިއުލާނުކުރީ 29.5 މިލިއަން ޑޮލަރު (454.9 މިލިއަން ރުފިޔާ) އަށެވެ.
ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ބޮޑު ހިއްސާއެއް އޮންނަ ހުރަވީ އިންވެސްޓްމެންޓުން މި ކްރެޑިޓް ފެސިލިޓީ ބީއެމްއެލުން ނެގީ 2016 ވަނަ އަހަރު އެވެ. ބީއެމްއެލް އަށް އެ ރަށް ނަގާފައި ވަނީ ފެބްރުއަރީ 2019، ގައި ސިވިލް ކޯޓުން ކުރި ހުކުމުގެ ދަށުންނެވެ.
އެ ރަށަކީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ކަޅުދިޔަފުށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބެލި އެވެ.
ރިސޯޓެއްގެ ގޮތުގައި، ކަޅުދިޔަފުށި ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު ސޮއިކޮށްފައި ވަނީ އޮގަސްޓް 24، 2015 ވަނަ އަހަރު އެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
ތ. ގާދިއްފުށި ކައިރީގައި އޮންނަ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވަން ނިންމާފައި އޮތީ 2017 ވަނަ އަހަރު އެވެ. ބައިނަލްއަގްވާމީ ހޮޓެލް ޗެއިނެއް ކަމަށްވާ މެލިއާ ހޮޓެލްސްއާ ގުޅިގެން އެ ރަށުގައި 97 ޕްރައިވެޓް ވިލާ އާއި 100 ކޮޓަރި އަދި ތިން ރެސްޓޯރެންޓް އެޅުމަށް ޕްލޭންކޮށްފައިވެ އެވެ.
ކަޅުދިޔަފުށި ރިސޯޓަކަށް ހެދުމުގެ ގާތްގަނޑަކަށް 80 ވަރު މަސައްކަތް އޮތީ ނިމިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅުވާލި
05 June 2024
ކަޅުދިޔަފުށި ދިނީމަ އޭނާ ހެދީ ކޮޅުފުށި. އެއީ އޮޅުވާލައިގެން ހިންގި ބޮޑު ޖަރީމާއެއް. ކޮޅުފުއްޓަކީ ދިޔަމިގިލީ އިބްރާހިމް ދީދީ ކިޔާ މީހެއްގެ ރަށެއް. އެފަކީރު ރޮއިރޮއި އޮއްވަ މި ޖަރީމާ ހިނގީ. ﷲ އީ މޮޅަށް ކަންތައްތައް ހިއްމަވައި ދެއްވާ ރަސްކަލާނގެ. މިހާރު އެތިބީ ދަރައި ބޯހިކިފަ. “މީހަކަށް ގެއްލުމެއް ދީފަ އަނެކާއަށް އުފަލުގައި ނޫޅެވޭނެކަން މި ހާމަވީ”.
ައަލީ ތ
04 June 2024
މައުލޫމާތު ގެ ކުޑައިޝޫ އެއް އެބައޮތް، އަސްލު އެރަށުގެ ނަމަކީ ތ.ކޮޅުފުށި. ކަޅުދިޔަފުށި އަކީ އެތާކައިރީ އޮންނަ ވަރަށް ކުޑަ ރަށެއް. ދެން ތިޔަބުނާ "ކަޅުދިޔަ ފުށި" އޮންނަނީ ތ. ގުރައިދޫ ކައިރީ.
އަބްދުﷲ12
04 June 2024
މަޑުކުރޭ ،525 މިލިޔަން ރުފިޔާ ހަމަކުރަން އަދި އެތިކޮޅެއްބޭނުންވަނީ، 524،999،900 ވަރު ހަމަކޮށްލީމަ ވާނެ. އެކައުންޓު ނަންބަރު ދީފަ ބައިންދާތި