ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް. އެސްއޯއީތަކުން ދައުލަތަށް ލިބުނީ 246 މިލިއަން ރުފިޔާ -- ފޮޓޯ: މިހާރު
18 ޖޫން 2024 - 12:09
މިދިޔަ އަހަރު ލިބުނު ފައިދާއިން އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް 246 މިލިއަން ރުފިޔާ ދީފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް ލިބުނީ މި އަހަރަށް ކަނޑައަޅާފައިވާ އަދަދުގެ 30 ޕަސެންޓެވެ. މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 775 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ވެސް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑް ނުލިބެ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން މިދިޔަ އަހަރު ދައުލަތަށް ލިބުނީ 710 މިލިއަން ރުފިޔާ އެވެ. އެއީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ 35 ޕަސެންޓު ދަށް އަދަދެކެެވެ.
ދައުލަތުން ކުންފުނިތަކަށް ކުރަން ޖެހޭ ހަރަދުތަކާ އަޅާ ބަލާ އިރު ކުންފުނިތަކުން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި ލިބެނީ ކުޑަ އަދަދެކެވެ. ގަވާއިދާ އެއްގޮތަށް ޑިވިޑެންޑް ދެނީ ވަރަށް މަދު ކުންފުންޏަކުން ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.
ޑިވިޑެންޑްގެ އިތުރުން ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ވެސް ނުދައްކާ ބޮޑެތި އަދަދުތަކުން އެބަހުއްޓެވެ. މިދިޔަ އަހަރާ ހަމައަށް ޖޫރިމަނާ އާއި ޓެކްސްގެ ގޮތުގައި 880 މިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަ ހުއްޓެވެ.
ސަރުކާރުން އެސްއޯއީގެ ގޮތުގައި 30 އަށް ވުރެ ގިނަ ކުންފުނި އަންނަނީ ހިންގަމުންނެވެ. އެސްއޯއީތަކުގެ ތެރެއިން ފައިދާވަނީ އޭގެތެރެއިން 50 ޕަސެންޓު ކުންފުނިންނެވެ. ގިނަ ކުންފުނިތައް ހިންގުމަށް ދައުލަތުން ބަޖެޓުން ވެސް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. މި އަހަރުގެ ބަޖެޓުން ވެސް އެސްއޯއީތައް ހިންގުމަށް ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީސީބީ
19 June 2024
އަސްލުވާގޮތަކީ ދައުލަތުގެ ޚަރަދުތައް އެސްއޯއީސް މެދުވެރިކޮށް ކުރުވަނީ! މާލިއްޔަތު ޤަވާއިދު ފޮލޯ ނުކޮށް ފައިސާ ބެހޭނެ ގޮތަކީ އެއީ… ސީދާ ލޭޔަރއެއް އަޅަނީ…. ބަލާބަލަ ކުންފުނިތަކުން ސިޔާސީ މަޤާމްތަކަށް މުސާރަ ޚަރަދު ކުރިވަރާއި ސީއެސްއާރުގެ ދަށުން ބަހާލި ވަރު… މިކިޔާއެއްޗެއް އެއިރުން ފަހުމުވެދާނެ… މިކަންކަން ބަލާފަ އާޓިކަލް ލިޔެލިނަމަ ރަށްޔިތުމީހާއަށް ސާފުވީސް
މީހަކު
19 June 2024
އެސްއޯއީ ތަކުގެ ފައިދާއިން 246 މިލިއަން ލިބުން އެ މުއްދަތުގައި އެސްއޯއީތަކުގެ ގެއްލުން ކިހާވަރެއްތޯ ބަލާފައި ރިޕޯޓެއް ގެނެސްދެއްވައިފިއްޔާ ވަރަށް
ކޮމެންޓޭ1
18 June 2024
ސަރުކާރު ކުންފުނި ތަކުގެ ބޭނުމަކީ ދައުލަތުގެ ފައިސާ ފަސޭހައިން އަތުޖެހޭ ހިސާބުގަ ބެހެއްޓުން. ސަރުކާރުން ދައުލަތުގެ ފައިސާ ޚަރަދު ކުރަންވީމަ ފިނޭންސުން ވަރަށް ބަލާ . އެކަމު ކުންފުނިތަކަށް ދައުލަތުގެ ފައިސާ ދިއައީމަ އެއޮތީ ޕްރޮޮޖެކްޓު ހިންގުމުގެ ނަމުގަ ނަގަނެ ވަރެއް ނަގަން. ދެން އޮތް ބޭނުމަކީ ޕާޓީ އެކްޓިވިސްޓުން ބޭނުންވާ މީހުންނަށް ވަޒީފާ ބެހުން. ދެން ތިކުންފުނި ތަކުން ފައިދާ ވަނެ ގޮތެއް އޮންނާނެތަ
1206
18 June 2024
ދައުލަތުން ހިއްސާވާ ކުންފުންޏެއް ވިޔަސް، އެޔަކީ ދައުލަތުގެ އޮފީހެއް ހިންގާ ފަދައިން ހިންގައިގެން ވާނެ ތަންތަނެއް ނޫން. ތިޔަ ލަފާކުރާ ފައިދާ އެ ތަންތަނުން ނުވަނީ ވެސް އެ ގަހު ކޭލެއް މި ގަހު ކޭލެއް ވަކިނުވާ ބީދައިން ތިޔަ ކުންފުނިތައް ސަރުކާރުގެ ނުފޫޒުން ހިންގާތީ. ކުންފުނީގެ ޤާނޫނު ބުނަނީ ކުންފުންޏެއް ވުޖޫދުވެފައި އޮންނަނީ ހިއްސާދާރުން ވަކިވެ އޮންނަ ޤާނޫނީ ފަރުދެއް ގޮތަށް. މި ގާނޫނީ ފަރުދާ ކަހާލަންޖެހިފައި އޮތީ ސަރުކާރުގެ ގިނަ ކުންފުނިތަކުގައި.
އޮނަރަބްލް އަފީފު ދީދީ
18 June 2024
ދައުލަތުގެ ކުންފުނިތަކުގެތެރެއިން މާޖް ކޮށްލެވެންހުރި ކުންފުނިތައް އެއްކޮށްލުމަށްފަހު ދައުލަތާއިރައްޔަތް ޙިއްސާވާ ކުންފުނިތަކުގެތެރެއިން MTDC، އެސްޓީއޯ، BML، އެމްޓީސީސީ ފަދަ ކުންފުނިތައްވެސް އަލުން Restructure ކޮށް އަދި މިކުންފުނިތަކުގެ މާލީހާލަތު ރަނގަޅުކުރުމަށްޓަކާ މިކުންފުނިތަކުގައި 100 ޙިއްސާނެތްކޮންމެމީހަކަށް ކޮންމެކުންފުންޏަކުންވެސް 100 ޙިއްސާ ގަނެވޭނެފުރުސަތު އާންމުކޮށްހުޅުވާލާ ކުންފުނިތަކުގައިއޮތް ސަރުކާރުޙިއްސާ ކުޑަކުރުން ވަރަށްމުހިންމު.