އިޒްރޭލުން ބުދަ ދުވަހު ލުބްނާނަށް ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ތަނެއްގެ ކައިރީގައި ލުބްނާންގެ ސިވިލް ޑިފެންސްގެ މެންބަރަކު ގެއްލުންތައް ބަލަނީ. -- ފޮޓޯ: އޭއެފްޕީ
28 ޖޫން 2024 - 07:05
އިޒްރޭލުން ބޭނުން ނަމަ ލުބްނާން "ސްޓޯން އޭޖް" އަށް ބަދަލުކޮށްލެވިދާނެ ކަމަށާއި އެކަމަކު އިޒްރޭލުން މި ވަގުތު އިތުރު ހަނގުރާމައެއް ބޭނުން ނުވާ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ބުނެފި އެވެ.
އެމެރިކާގެ ހަތިޔާރު އިޒްރޭލަށް ލިބުން ލަސްވާ މައްސަލަގައި އެމެރިކާއަށް ކުރަމުން ގެންދާ ދަތުރުގައި ގަލަންޓް ވަނީ ލުބްނާންގެ ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދޭ މައްސަލައިގައި ޑިޕްލޮމެސީ ބޭނުންކޮށްގެން މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"އަހަރެމެން ހަނގުރާމައެއް ފަށާކަށް ބޭނުމެއް ނޫން. އެއީ އިޒްރޭލަށް ރަނގަޅު ކަމެއް ނޫން. ލުބްނާން ސްޓޯން އޭޖަށް ބަދަލުކޮށްލުމުގެ ގާބިލްކަން އިޒްރޭލަށް ލިބިގެންވޭ. އެކަމަކު އަހަރެމެން އެހެން ހަދާކަށް ބޭނުމެއް ނޫން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލަންޓް ބުންޏެވެ.
"އަހަރެމެން ހަނގުރާމައެއް ބޭނުމެއް ނޫން. އެކަމަކު ކޮންމެ ހާލަތަކަށް ވެސް މި ދަނީ ތައްޔާރުވަމުން."
އޭނާ ބުނީ އިޒްރޭލުން ހަނގުރާމަ ފަށައިފި ނަމަ ލުބްނާނަށް ބޮޑެތި ގެއްލުންތަކެއް ދެވޭނެކަން ހިޒްބުﷲ އަށް ރަނގަޅަށް އެނގޭނެ ކަމަަށެވެ.
އިޒްރޭލާއި ލުބްނާނާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ އެކު ހިޒްބުﷲ އިން އިޒްރޭލަށް ދޭން ފެށި ހަމަލާތައް އިތުރުވަމުން ގޮސް މި ފަހުން ދެ ފަރާތުން ބަދަލުކުރާ ހަމަލާތައް ވަރުގަދަވެ އިތުރުވެފައި ވާތީ އެވެ.
ގަލަންޓް ބުނި ގޮތުގައި އިޒްރޭލުން މިދިޔަ މަސްތަކުގައި ވަނީ ހިޒްބުﷲގެ 400 އަށް ވުރެ ގިނަ މެންބަރުން މަރާލައިފަ އެވެ.
އޭއެފްޕީގެ ހިސާބުތަކުން ދައްކާ ގޮތުގައި ހަމާސް އިން އިޒްރޭލަށް އޮކްޓޫބަރު 7 ގައި ދިން ހަމަލާއަށް ފަހު އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ލުބްނާނުން ވަނީ މަދުވެގެން 481 މީހަކު މަރުވެފަ އެވެ. އޭގެ ތެރޭގައި އާންމުންގެ 94 މީހަކު ހިމެނެ އެވެ.
ހިޒްބުﷲގެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ 15 މީހަކާއި އިޒްރޭލު އާންމުންގެ 11 މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
29 June 2024
ފަލަސްތީނުގެ ޢައްޒާ އަކީ ކޮންމެ އަހަރަކު ދެތިން ފަހަރު ހަލާކުކޮށް ސުންނާފަތި ކުރާ ސަރަހައްދެއް. އެކަމަކު ބަލާބަލަ. ސިޔާސީ ގޮތުން، އިޖްތިމާއީ ގޮތުން، އުމްރާނީ ގޮތުން، ނަފްސާނީ ގޮތުން ވެސް ބަލި ނުކުރެވޭ. ހަނގުރާމަ ނިމޭތަނުން ބިލްޑިންގްތައް ހަދަން ފަށާ.
ޅަލު
28 June 2024
7 މަސް ދުވަހުން ހަމާސް ބަލި ނުކުރެވުނު ބައެއް ކޮން ވާހަކަ އެއް ދައްކާކަށް
ޕިންޕަބޯލީ
28 June 2024
މި ނުވޭ ދޯ ޓެރަރިޒަމުގެ ވާހަކަޔަކަށް. ބައެއް ޤައުމުތަކުން މިކަހަލަ އެއްޗެއް އިޒުރޭލާމެދު ބުނީމާ ދޯ މައްސަލަޖެހެނީ، މިސާލަކަށް ޗާޓުގެ ވާހަކަ.