މުސްލިމުންނާ ދެކޮޅު އަމަލުތައް އިތުރުވާ މައްސަލައިގައި އިންޑިއާގައި ކުރި މުޒާހަރާއެއްގައި މީހަކު ޝުއޫރު ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
28 ޖޫން 2024 - 07:04
އިންޑިއާގައި ބައި މަދު ދީންތަކުގެ މީހުންނާ ދެކޮޅަށް ގާނޫނުތައް ހަދައި އެ މީހުންނާ މެދު ނަފްރަތު އުފައްދައި އަޅުކަންކުރާ ތަންތަން ހަލާކުކުރާ މައްސަލައިގައި އެމެރިކާއިން ފާޑުކިޔައިފި އެވެ.
ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާގެ އެކުވެރި އަދި މުހިންމު ބައިވެރިއެއްގެ ގޮތުގައި އޮންނަ އިންޑިއާ އަށް އެމެރިކާއިން މިގޮތަށް ފާޑު ކިޔުމަކީ އެހާ އާންމު ކަމެއް ނޫނެވެ.
އެމެރިކާއިން ނެރޭ، ދީނީ މިނިވަންކަމާ ބެހޭ ރިޕޯޓް ނެރެދެއްވުމަށް ފަހު ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ އެމެރިކާގައި ވެސް ޔަހޫދީންނާއި މުސްލިމުންނާ ދެކޮޅު ވިސްނުން އިތުރުވަމުންދާ ކަމަށާއި މިކަން ބޮޑުވީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ކަމަށެވެ.
"އިންޑިއާގައި، ދީން ބަދަލުކުރުމާ ދެކޮޅު ގާނޫނުތައް، ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުން ދިއުމާއި ހޭޓް ސްޕީޗާއި [ވަކި ދީނެއްގެ މީހުންނަށް އަމާޒުކޮށް] ގެދޮރާއި އަޅުކަންކުރާ ތަންތަން ނައްތާލުން ފަދަ މައްސަލަތައް އެބަހުރި،" ބްލިންކެން ވިދާޅުވި އެވެ.
ދީނީ މިނިވަންކަމާ ބެހޭ ކަންކަމަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ރަޝާދު ހުސެއިން ވަނީ މިފަދަ ކަންކަން ހުއްޓުވުމުގައި އިންޑިއާގެ ފުލުހުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ކްރިސްޓިއަން ދީނަށް މީހުން ވެއްދުމުގެ ތުހުމަތުކޮށް އެ ދީނުގެ ހަރަކާތްތަކަށް ހުރަސްއެޅި މީހުންނަށް ފުލުހުން އެހީތެރިވެފައިވާ ކަމަށް އިންޑިއާގެ ކްރިސްޓިއަނުން ބުނެފައިވާ ކަމަށެވެ. އަދި މި ހަމަނުޖެހުން ހިންގާއިރު ފުލުހުން އަޅާނުލައި ބަލަން ތިބުމާއި ދީން ބަދަލުކުރާ ކަމަށް ތުހުމަތުވާ މީހުން ހައްޔަރުކުރާ މައްސަލަ ވެސް ފާހަގަކުރި އެވެ.
ކްރިސްޓިއަނުންގެ އިތުރުން މުސްލިމުންނާ ދެކޮޅަށް ވެސް އިންޑިއާގައި އަނިޔާވެރި އަމަލުތައް އިތުރުވެ މިސްކިތްތަކާއި މުސްލިމުންގެ ގެދޮރާއި މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ރިޕޯޓުގައި އިންޑިއާ އަށް ފާޑު ކިޔަސް، މިއަހަރުގެ ފަހުކޮޅު ދީނީ މިނިވަންކަމާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ ބްލެކް ލިސްޓުގައި އިންޑިއާއާ މެދު ފިޔަވަޅު އަޅާނެ ކަމަކަށް ނުބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އ--ދ
28 June 2024
ތިޔަކު މިރާއްޖޭގެ ވާހަކައެއް ނެތްތަ ކިރިޔާ ދެކޮޅުވިއަސް މީހާއަށް ވާނުވާ ނޭނގޭތަނެއްމީ އެހެންނޫނީ އަވަހަށް ގައުމުން ބޭރުވުން އޮންނާނީ