މިފްކޯގެ ސީއެފްއޯ އިލްޔާސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. -- ފޮޓޯ: މިހާރު
01 ޖުލައި 2024 - 13:26
މަހުގެ އަގު 16ރ. ގައި ހުރި ނަމަވެސް، މިފްކޯއަށް އެ އަގަށް ވިއްކޭނީ ކޮންމެ މަހަކު 20-25 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް ސަރުކާރުން އެ ކުންފުންޏަށް ދީގެން ކަމަށް އެ ކުންފުނީގެ ސީއެފްއޯ އިލްޔާސް ހަނީފު މިއަދު ވިދާޅުވެއްޖެ އެވެ.
މިފްކޯގެ ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި އިލްޔާސް ވިދާޅުވީ، ފްރޯޒަން ޓޫނާ އެކްސްޕޯޓުކޮށްގެން އެ ކުންފުންޏަށް ލިބޭ އާމްދަނީ އެއްކޮށް ދެނީ މަސްވެރިންނަށް ކަމަށެވެ. ކުންފުނީގެ އެހެން ހަރަދުތައް ކުރަނީ ކުރު މުއްދަތުގެ ލޯނު ނަގައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް މިފްކޯއަށް ބޮޑު ގެއްލުމެއް ކުރިމަތިވެ އެވެ.
"ކޭޝްފްލޯގެ ދަތިތައް އަދިވެސް އެބަހުރި. ގޮންޖެހުންތަކާ އެކު މި ކުރިއަށްދަނީ. އަޅުގަނޑުމެންގެ އޯވަހެޑްގެ އެންމެ ބޮޑު އަދަދަކީ ފިއުލް ހަރަދު. ތެލުގެ އަގަށް އެ އަންނަ ބަދަލަކުން ކޮސްޓަށް ބަދަލު އަންނާނެ،" އޭނާ ވިދާޅުވި އެވެ.
މިފްކޯގެ އާ ބޯޓަށް މަސްކިރުވަން މަސްދޯންޏަކުން ދާގަނޑަށް މަސްއަޅަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިލްޔާސް ވިދާޅުވީ، މިދިޔަ އަހަރަށް ވުރެ މި އަހަރު އެ ކުންފުންޏަށް ކިރުނު މަހުގެ އަދަދު 40 ޕަސެންޓް ދަށް ކަމަށެވެ. ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނީ، އާމްދަނީ ހޯދޭނެ ގޮތްތައް އިތުރުކޮށް، ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން ކޮށްގެން ކަމަށެވެ.
ބާޒާރުގައި މަހުގެ އަގު ހުރި ގޮތުން އެ ކުންފުންޏަށް ގެއްލުން ނުވާ ރޭޓަކީ ކިލޯއެއް 12ރ. އަށް ގަތުމެވެ. އެއަށް ވުރެ އިތުރުވާ އަދަދު ދެނީ ސަރުކާރުންނެވެ.
ސަރުކާރުން މިފްކޯއަށް އަހަރުގެ މިހާތަނަށް 353 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 415 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބާކީ އޮތް ދުވަސްތަކަށް މަހަކަށް 25 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދޭ ނަމަ ޖުމްލަ 150 މިލިއަން ރުފިޔާ އިތުރަށް ސަބްސިޑީގެ ގޮތުގައި ދޭން ޖެހެ އެވެ.
މިފްކޯއަށް ދައުލަތުން މިއަހަރުގެ މިހާތަނަށް 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ކިލޯއެއް 20ރ. އަށް ދޭން ފެށި ފަހުން ވެސް 560 މިލިއަން ރުފިޔާ ސަބްސިޑީއަށް އަރާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވެލި
01 July 2024
މިފްކޯއަށް ފައިދާވި ދުވަސްވަރެއް ބުނެބަލަ. ފެށުނީއްސުރެ ވައްކަންކުރުމުގެ ސަގާފަތެއް އޮތް ތަނެއް. ތިތަނުގެ ފެށުމަކީ އެފްޕީއައިޑީ. އެތަނުން ކިތަށް މިލިއަން ޑޮލަރު ވަގަށް ނެގި. އޭރުގެ ސަރުކާރުން އެކަން ބަލަނީއޭ ކިޔާފައި ގޭސްގަނޑެއް އެނބުރި. ވައްކަން ކުރާ ކަން ސަރުކާރަށްވެސް އެނގޭނެ. އެކަމަކު އެކަން ކުރެވިގެންތާ ކެމްޕޭން ތަކުގައި ފައިސާ އެނބުރޭނީ. މިހާރުވެސް ހަމަ މިހެންވާނީ. އިޚްލާސްތެރިކަމެއް ހުރި މީހަކު ދެން މިގައުމަށް ނާންނާނެ.
ޅިނާ
02 July 2024
ވަރަށް ރަނގަޅު ވާހަކައެއް. މިފްކޯ މިހާރުވެސް ވަކިމީހެއްގެ ނުފޫޒުން ހަމަ އަންބުރަމުން ދަނީ ތިބުނިހެން ކެމްޕެއިނަށް ޙަރަދުވި ފައިސާ ހޯދުމުގައި. މިފްކޯ ބޯޑު ވެސް އެބަޖެހޭ ޑރ. މުއިއްޒު މުޅިން ބަދަލު ކުރަން. އިޙްލާސް ތެރި މީހުން އެއްކައިކޮށް ލައިގެން ކުންފުނި ހިންގަނީ މިހާރު. މީވެސް އިވޭ އަޑު ތަކެއް.
ދޮހޮއްތު
01 July 2024
ތިޔަ 25 ރައްޔިތު އެންމެނައް ބަހާބަލަ …
މަސްތަކުރު
01 July 2024
މިހާރު މަސްދޯނި ފަހަރުން ދިވެހިންނަށްވުރެ ބިދޭސީން މަހަށް ފުރައެވެ. ދިވެއްސަކަށްވާ ވަރަށް އެމީހުންނަށްވެސް ބައިލިބެއެވެ. މަހަށްފުރާ ގިނަ ބިދޭސީންނަކީ ގަވާއިދާ ޚިލާފަށް ވަގަށް އުޅޭމީހުންނެވެ. ސަބްސިޑީ ދޭއިރު ބަލާލަން އެބަޖެހޭ ނިސްބަތުން މިހާރު ގިނައިން މަހަށްދަނީ ދިވެހިންތޯ ބިދޭސީންތޯ؟ އޮޑިވެރިޔާ ދޯނިދުއްވަނީ އާމްދަނީ ހޯދާށެވެ.
ފުރޭތަ9
01 July 2024
އަދިވެސް ހަމައެކަނި ފްރޯޒަން ޓޫނާ އެކްސްޕޯޓްކޮށް ތައިލެންޑްގެ ވިޔާފަަރިވެރިންގެ ޖީބަށް ބޮޑު ކުރެވޭތޯ ބަލާ
ފެންނަގޮތް
01 July 2024
ނުއަގުގައި މަސްގަނެ، މުޅި ގައުމު އިނދަޖައްސަން ހެޔޮނުވާނެ... ކުރާ މަސައްކަތަށް ސަބްސިޑީ ދެންޔާ ދޭންޖެހޭ ބައިބަރު ކަންތައް އެބަހުރި. ވަކި ބަޔަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ
ސުކުންބެ
01 July 2024
ބިލިޔަނެއް ލޯނު ނަގާފަ އަދި މަހުގެ އަގު 100 ރުފިޔާއަށް ޖައްސާލަނިކޮށް މާގިނަ ލާރި ބޭނުންވާނެ! ސާބަހޭ! ތަޅާ ބުރުއްސާލާ!