މިއަދު ދައުރު ހަމަވާ އެފްއޭއެމްގެ އެކްސްކޯގެ މެންބަރު: އެކްސްކޯގެ ދައުރު ހަމަ ވިޔަސް ފީފާ އިން އަދި ވަކި ގޮތެއް ނުނިންމާ
02 ޖުލައި 2024 - 15:09
އެފްއޭއެމްގައި މިހާރު އޮތް އެކްސްކޯގެ ދައުރު މިއަދު ނިޔަލަށް ހަމަވާ އިރު ވެސް، ފީފާ އިން ވަކި ގޮތެއް އަންގާފައި ނުވާ ކަމަށް އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވެއްޖެ އެވެ.
ފީފާ އިން ފުޓްބޯޅަ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައި ހުރި ބައްސާމް އަދީލް ޖަލީލް، ދެ ވަނަ ދައުރަށް އެފްއޭއެމަށް އިންތުހާބު ވީ، ޖުލައި 2 2020 ގަ އެވެ. ހަތަރު އަހަރުގެ ދައުރު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.
ސަސްޕެންޝަނުގައި ހުރުމުން އޭނާ އަށް ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެތީ، އެފްއޭއެމްގެ އިސްވެރިއެއްގެ ދައުރު އަދާކުރައްވާނީ ނައިބު ރައީސް އަލީ އުމަރެވެ. އެކަމަކު މިއަދުގެ ނިޔަލަށް އޭނާ އަށް ވެސް އެފްއޭއެމްގެ ހައިސިއްޔަތު ގެއްލޭނެ އެވެ.
ޖައުޝަން ވިދާޅުވީ، މި ދައުރު ހަމަވާތީ ފީފާގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ބެހޭގޮތުން ފީފާ އިން ވަކި އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.
އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަންނަށް އޭޕްރީލް މަހު ފީފާ އިން ވަނީ ރާއްޖެ އަށް ވަފުދެއް ފޮނުވަފައި އެވެ. ފީފާ އާއި އޭއެފްސީގެ މަންދޫބުން ވެސް ހިމެނޭ އެ ވަފުދުން ވަނީ ފުޓްބޯޅައިގެ އިދާރީ ހިއްސާދާރުންނާ ބައްދަލުކޮށްފަ އެވެ. އޭގެ ތެރޭގައި، ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތައް ވެސް ހިމެނެ އެވެ.
ރާއްޖެ އައި ފީފާގެ ވަފުދުގެ މަންދޫބުން --- ފައިލް ފޮޓޯ: އެމްއޯސީ
އެފްއޭއެމްގެ ކަންކަން ހަމައަކަށް އަޅުވަން ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަން ކުރުމަށް އެ ކްލަބްތަކުން ވަނީ ފީފާގެ ކިބައިން، އެ ބައްދަލުވުމުގައި އެދިފަ އެވެ.
މެއި މަހު ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވެސް ވިދާޅުވީ، އެފްއޭއެމްގެ ކަންކަމުގައި ފީފާ އިން ވަކި ގޮތެއް ނިންމާނެ ކަމަށް، ފީފާގެ ވަފުދުގެ ބޭފުޅުން ވިދާޅުވި ކަމަށެވެ.
އެހެންވެ، ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން އެކަމާ މެދު ފިޔަވަޅެއް ނާޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފީފާއިން ނިންމި ގޮތަކާ މެދު، ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ފީފާގެ ވަފުދަށް އަރުވާފައިވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެފްއޭއެމާ ބެހޭގޮތުން ހިއްސާ ކުރަން ޖެހޭ މައުލޫމާތުތައް އޭނާ އެ ވަފުދާ ހިއްސާ ކުރެއްވި ކަމަށެވެ.
"ހަމަ އެ ގޮތަށް އަޅުގަނޑުމެންނަށް ވެސް އެބޭފުޅުން [ފީފާގެ ވަފުދު] ގެ ފަރާތުން މައުލޫމާތުތަކެއް ލިބިގެން ދިޔަ،" ތޮލާލް ވިދާޅުވެފައި ވެ އެވެ.
"ފީފާ އާއި އޭއެފްސީން އެ މައްސަލަތައް ބައްލަވަމުން ގެންދަވާތީ އަދި އެ ބޭފުޅުންގެ ޑިސިޝަންއެއް ވަރަށް އަވަހަށް އަޅުގަނޑުމެންނާ ހަމައަށް ހިއްސާ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވާތީ އަޅުގަނޑުމެން އިތުރަކަށް އެފްއޭއެމްގެ ކަންކަން ކުރިއަކަށް ނުގެންދަން."
ތޮލާލް ވިދާޅުވީ އެ ބޭފުޅުން އެ ނިންމާ ކޮންމެ ގޮތަކާ މެދު އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ފީފާ އާއި އޭއެފްސީން މިކޮޅަށް ވަޑައިގެންނެވި ވަފުދަށް ދީފައި އޮންނާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލޭކަ ދައިތަ
02 July 2024
ފީފާއިންވެސް މިއުޅެނީ ދަށުންދަމާ ކުޅުމުގަ ބައިވެރިވެގެންދޯ! އެހެންވީމަ އެއްނު އެސޮރު އެހާ ކޫލްކޮށް އުޅެނީ.