އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
09 ޖުލައި 2024 - 23:28
ދުނިޔޭގެ އެކި ގައުމުތަކުގެ އެއާލައިންތަކާއި އެއާޕޯޓުތައް އަދި އޭވިއޭޝަން ދާއިރާގެ އެކި ކުންފުނިތަކާއި އެ ދާއިރާގެ ކަމާބެހޭ މާހިރުން ބައިވެރިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަށައިފި އެވެ.
މިއީ މި ކޮންގްރެސް ސައުތު އީސްޓް އޭޝިއާ ސަރަހައްދުގައި އަދި ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބާއްވާ މި ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ޝެރަޓަން މޯލްޑިވްސްގަ އެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މި ކޮންގްރެސް އަކީ އޭވިއޭޝަން ދާއިރާގެ އިތުރުން ޓޫރިޒަމް ދާއިރާގެ ބޭފުޅުންނަށް އެއާ ސާވިސްތަކުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްއޭސީއެލްއިން އެއާލައިންތައް އިތުރުކޮށް، ރާއްޖެއަށް އަންނަ ފްލައިޓުތައް އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ދައުރެއް މި ކޮންފަރެންސްގައި އަދާ ކުރާނެ އެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝަރީފް ވަނީ ރާއްޖޭގައި ޓޫރިޒަމް ދާއިރާ ތަރައްގީކުރުމުގައި އޭވިއޭޝަން ދާއިރާގެ މުހިންމުކަމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދާ އެއާޕޯޓުގެ ތަރައްގީގެ މަސައްކަތްތަކުގެ އަމާޒަކީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމް ރަމްޒުކޮށްދޭ ފަދަ ތަނަކަށް އެއާޕޯޓު ހެދުން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އިންޑިއަން އޯޝަންގެ އިކޮނޮމިކް ހަބަކަށް ވާ ވަރުގެ ފެންވަރަށް އެއާޕޯޓު ތަރައްގީ ކުރަން. މި ތަން ތަރައްގީ މި ކުރަނީ އާ ޓެކްނޮލޮޖީގެ އެހީގައި ޕެސެންޖަރުންނާއި އެއާލައިންތަކަށް ބޭނުންވާ ފަދަ ޒަމާނީ ހިދުމަތްތައް ދޭ ތަނެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ރަސްމިއްޔާތުގައި ޝަރީފް ވަނީ އެއާޕޯޓު ތަރައްގީކުރުމުގައި ތިމާވެށި ރައްކާތެރި ކުރެވޭނެ ގޮތްތައް ބަލައި، އިކޯ ފްރެންޑްލީ ސޮލިއުޝަންތަކުގެ އެހީގައި ކާބަން ފުޓް ޕްރިންޓު ކުޑަކުރެވޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިއަދު ފެށި މި ކޮންގްރެސްގައި ދެމެހެއްޓެނިވި ގޮތެއްގައި އެއާ ސާވިސް ތަރައްގީކުރުމާ ގުޅޭ ޕެނަލް ޑިސްކަޝަނެއްގެ އިތުރުން އެއާލައިންތަކުން އެކި މައުލޫތަކަށް ވާހަކަ ދައްކާނެ އެވެ.
މި ކޮންގްރެސްގައި 27 އެއާލައިނާއި 17 އެއާޕޯޓު ހިމެނޭ ގޮތަށް ވައިގެ ސިނާއަތުގެ އެކި ފަންތީގެ ޖުމްލަ 150 ކުންފުނިން ބައިވެރިވެ އެވެ. މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމަންޓުން ބާއްވާ ކޮންގްރެސްއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމައިދީ3
10 July 2024
ދެން ކޮންމެ ބައެއްވެސް 'ކޮންގްރެސް' އެކޭ 'ކޮންފަރަންސް' އެކޭ ކިޔާފަ މި ގަންނަނީ ކޮން ގަނޑެއްތަ؟ ލަދުން ބޯހަލާކު ވާވަރުވޭ! މިކަހަލަ އެއްވުމެއްގަ ކުރާ އެއްވެސް ކަމެއް ހަގީގީ މާނައިގަ ނުކޮށް ބަޔަކަށް އަވާމެންދުރެއް ދައްކަންވެގެން ކޮންމެ ބަޔަކު ގަންނަގަނޑެއް.
ސިކުނޑި
10 July 2024
ޓޫރިޒަމް މިނިސްޓަރުގެ ފޮޓޯއެއް ނުފެނޭ އެއްޗެކޭ ބުނަން ނުޖެހޭ ގޮތަށް! މިހާރުވެސް އެހެރީ ޖީބަށް އަތް ޖަހައިގެން!