14 ޖުލައި 2024 - 15:17
ގދ. ތިނަދޫ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށާއި އެ ފައިސާ ހޯދަން ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަން އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
ތިނަދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން 12 ބިމެއްގެ ކުލީގެ ގޮތުގައި އެ ކައުންސިލަށް 2،499،640ރ. ލިބެން ޖެހެ އެވެ.
އޭގެ ތެރޭގައި ކުލި ނުދައްކާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބިންތައް ހުރި އިރު ބައެއް ތަންތަނުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ކައުންސިލަށް ދައްކަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ފައިސާ ހޯދަން ތިނަދޫ ކައުންސިލުން ބައެއް ފަރާތްތަކަށް ސިޓީ ފޮނުވުމުގެ އިތުރުން އިތުރު މަސައްކަތެއް ކޮށްފައިވާ ކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނީ ކައުންސިލަށް ނުލިބި ހުރި ފައިސާގެ ތަފްސީލް ބަލަހައްޓަން ޖެހޭ އިރު ކައުންސިލަށް ލިބެން ޖެހޭ ކަމަށް ބަޖެޓުގައި ހިމަނާފައިވާ ތިން މިލިއަން ރުފިޔާގެ ތަފްސީލް ވެސް ނުލިބޭ ކަމަށެވެ.
އޭގެ އިތުރުން ކުލީ ބިންތަކުގެ ދަފްތަރުގައި ކުލި ލިބޭ ހުރިހާ ބިންތަކުގެ މައުލޫމާތު ވެސް ހިމަނާފައި ނުވާ ކަމަށާއި ކުލި ލިބޭ ގޮތުގެ މައުލޫމާތު އަޕްޑޭޓް ކޮށްފައި ނުވާތީ މާލީ ބަޔާންތަކުގެ ސައްހަ ކަން ކަށަވަރު ނުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން ތިނަދޫ އެން-20 ބްލޮކް ފިހާރަ ތަރައްގީކުރަން ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި ފަސް ވަނަ އަހަރާއި ހަ ވަނަ އަހަރު 4004.40ރ. އަދި ހަތް ވަނަ އަހަރުން ފެށިގެން 10 ވަނަ އަހަރަށް 5959ރ. ދައްކަން ޖެހެ އެވެ.
އެއްބަސްވުމުގެ ހަތް ވަނަ އަހަރު އޮގަސްޓު 2019 ގައި ފެށިފައިވީ ނަމަވެސް ބިމު ކުލި ދައްކަމުން ގޮސްފައި ވަނީ 4004ރ. ގެ ރޭޓުން ކަމަށާއި އެހެންވެ ކައުންސިލަށް 99،716ރ. މަދުން ދައްކާފައި އޮތް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ ފައިސާ ވެސް ހޯދަން ލިޔެކިޔުމުން އެ ފަރާތަށް އަންގާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ރަށްރަށުގެ ބިން ބޭނުން ކުރެވޭނީ އެ ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ހަދާ ނިމިގެންނެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރު އޮގަސްޓު މަހުގެ ނިޔަލަށް ވެސް ތިނަދޫ ކައުންސިލުން އެ މަސައްކަތް ނުނިންމަ އެވެ.
އެހެން ނަމަވެސް މަސް ބަންދު ކުރާ ކާރުހާނާއެއް ގާއިމް ކުރަން ބަޔަކަށް 230،000 އަކަފޫޓުގެ ބޮޑު ބިމެއް 35 އަހަރަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެ ބިން ދިނީ ފުރަތަމަ އަހަރު އެއްވެސް ކުއްޔެއް ނުދައްކައި ދެވަނަ އަހަރުން ފެށިގެން ހަތް ވަނަ އަހަރަށް މަހު ކުލީގެ ގޮތުގައި އަކަފޫޓަކަށް 0.15 ލާރި ދައްކާ ގޮތަށެވެ. އަދި ހަތް ވަނަ އަހަރުން ފެށިގެން 10 ވަނަ އަހަރަށް މަހު ކުލީގެ ގޮތުގައި 0.50 ލާރި ދެއްކުމަށް ފަހު 11 ވަނަ އަހަރުން ފެށިގެން އަކަފޫޓަކަށް 1 ރުފިޔާ ދައްކާ ގޮތަށެވެ.
އޭގެ އިތުރުން ބިއްލޫރި ފުޅީގެ ފެން ބަންދު ކުރާ ކާރުހާނާއެއް ގާއިމް ކުރުމަށް ވެސް ބަޔަކަށް 5000 އަކަ ފޫޓުގެ ބިމެއް 10 އަހަރަށް ވަނީ ކުއްޔަށް ދީފަ އެވެ.
އޮޑިޓް އޮފީހުން ލަފާ ދީފައި ވަނީ ލޭންޑް ޔޫޒް ޕްލޭންތައް އެކުލަވާނުލައި އެއްވެސް ބިމެއް ކުއްޔަަށް ނުދިނުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
15 July 2024
ތިނަދޫ ސިޓީއަކަށް ބަދަލުކުރަންއެދިގެން ބަދަލުވެފަތިއޮތީ ކައުންސިލަރުންގެ ޖީބަށްވަންނަ ސިޓީއުރައަކަށްދޯ؟.
ކީއް މިވަނީ؟
15 July 2024
ބްރޯ. މިއީ 2024 ވަނަ އަހަރުގެ ޖުލައި މަސް. 2022 ގެ ވާހަކަ ދައްކަން އޮޮޑިޓް އޮފީހުގެ މަތީ ފަޑީގަ ތިބި ފަރާތްތައް ލަދެއް ނުގަނޭތޯ. ކޮބާތޯ 2023 ގެ ހާލަތަކީ؟ 2025 ގަ ތޯ 2023 އަށް ބަހެއް ބުނެވޭ ވަރު ވާނީ؟ ލިބިފަވާ އޮތޯރިޓީ ގެ ބޭނުން ހިފަންތޯ ތި މަސައްކަތުގަ؟
އޮނަރަބްލް އަފީފު ދީދީ
14 July 2024
ސީދާގޮތުން ދައުލަތަށް ގެއްލުންވާކަންކަން ހުއްޓުވުމާއި، ދައުލަތަށްލިބެންޖެހޭ އާމްދަނީހޯދުމަށާއި، ދައުލަތަށް ގެއްލުންލިބޭގޮތަށް ކޮށްފައިވާކަންކަން ހާމަކޮށް އެކަންކަން ޤާނޫނުހަދާ މަޖިލީހުގެ ސަމާލުކަމަށްނުގެންނަ ކަމުގައިވާނަމަ، ދައުލަތުގެ އޮޑިޓަރ ޖެނަރަލްގެ އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ ޤާނޫނީ ފުރިހަމަބާރު ދީފައިވާ މުއައްސަސާތައް އުފެއްދުމުގެ މަޤުސަދު ޙާސިލް ނުވޭ ނޫންތޯ!؟ ކުޑަމިނުން މިތަންތަނުގެވެރިންވެސް މުސާރަ ހަލާލުވާވަރު ކޮށްލަންވާނެ
އޮނަރަބްލް އަފީފު ދީދީ
14 July 2024
ސަތޭކަ ފަންސާސް ބިލިޔަން ރުފިޔާއަށް ދައުލަތް ދަރަނިވެރިވެފައިވާއިރު މިތަނުންބޮޑުބައެއް (ގާތްގަޑަކަށް 5 ބައިކުޅަ 4 ބައި) ހޭދަކޮށްފައިވަނީ ކ.އަތޮޅު މާލެސަރަޙައްދުގެ ކަނޑުފަޅު ހިއްކުމަށާއި، ބުރިޖުން އެތަންތަންގުޅާލުމަށާއި، އަދި އެތަންތަނުގައި އުޑުގައި ޖެހޭވަރު އުސް އިމާރާތް ހަދާ އެތަނަށް ބޭނުންވާހިދުމަތް (މަގުހެދުމާއި، ކަރަންޓާއި ފެންފަދަ) ފުރިހަމަކުރުމަށް. އެކަމަކު މިތަންތަނުން ދައުލަތަށްލިބެންޖެހޭ އާމްދަނީ ލިބޭތޯ!؟ ބިމާއިފުލެޓްގެ އަގު އަދާކުރޭތޯ!
އޮނަރަބްލް އަފީފު ދީދީ
14 July 2024
އިބްރާހިމްގެ ސަރުކާރުން މަތީގައިދެންނެވި ރަނުގެއަގުހުރި ބިންތައް "ޤަބީލާވަންތަން ރޭސިސްޓް ސިޔާސަތެއްގެދަށުން" ކ.އަތޮޅުމާލޭގެ ޤާނޫނީ ރަށްވެހިންގެތެރެއިން (ދަފުތަރުގައިތިބި މާލޭމީހުން) އެރަށުމީހުން ބާކީކޮށް "ތުބުން ކިރުނުނެއްޓޭވަރު ކުޑަކުދިން ހިމަނައިގެން" ހިތުހުރިބަޔަކަށް ކޮންމެމީހަކަށް 25މ ރުފިޔާގެ ބިމެއްދީފައި އަދި އިންސްޓޯލްމަންޓް އުސޫލަށް އަގުއަދާކުރާގޮތަށް ދިން ފުލެޓްތަކަށް ލޯލާރިއެއްވެސް ދައުލަތަށްނުދައްކާތިބޭއިރު ކީއްވެ އެވާހަކަނުދައްކަނީ
އަންދަލޫސިޔާ
14 July 2024
ރިސޯޓްތަކަށް ނުލިބެނީ ކިތަށް މިލިޔަންބާ؟ 17،000 މިލިޔަން! ހިޔާ ފްލެޓުން ނުލިބެނީ ކިތަށް މިލިޔަންތޯ؟1،142 މިލިޔަން. އެހެންވީމާ، 2 މިލިޔަން ތިއީ ހައްޕުނޑެއްނު!
ޢެޑްމުންޑޯ
14 July 2024
މިއީ ތިނަދޫގެ ހާލަތު ، ސިޓީއަކަށް ބަދަލުނުވެގެން ވަރުދެއްކި މީހުންގެ ހާލަތު ،
ށަކީން
14 July 2024
ވ އަސަރުކޮށްފި ދޯ ސިޓީ އަކަށް ވީމަ
ސަމްތިންގ
14 July 2024
ސިޓީއަކަށް ބަދަލުވީމަ އެވެރިންނަށް އެންމެ ކަމެއް ކުރެވުނީ. އެއީ މީހުން އަމިއްލަ ގޭގެ ކައިރީގައި ބަހައްޓާފަ ހުރި ޖޯލިތައް ނެގުވުން. ދެންއެހެޔޮ ޕޭވްމަންޓް މަތީގައި ކުނި ބެހެއްޓުމާ ސައިކަލް ކާރު ޕާރކު ކޮށްފައި ބެހެއްޓިއަސް. އެއީ ހުއްދަ ކަމެއް