ފެނަކައިން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
15 ޖުލައި 2024 - 23:16
ފެނަކައިގެ ކުރީގެ ލިޔުންތަކެއް ގެއްލުވާލާފައިވާ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އޮޑިޓް އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން، މުއާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއްވެސް އިދާރާއަކަށް ބޭނުންވާ މައުލޫމާތެއް ނުހިފައްޓާނެ ކަމަށެވެ. ކުރީގެ ލިޔެކިޔުންތައް ހޯދުމުގައި ލަސްވަނީ އޭގެ ބައެއް ލިޔުންތައް ގެއްލުވާލާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގެ ތަފްސީލު ދެއްވަމުން މުއާޒު "މިހާރު" އަށް ވިދާޅުވީ ގެއްލިފައިވަނީ މާލީ މުއާމަލާތްތައް ހިމެނޭ ލިޔުންތަކެއް ކަމަށެވެ. އޭގެ ތެރޭގައި؛
- އެމް ސްކެއާ ސޮލިއުޝަނާ ގުޅޭ ޕޭމަންޓް ވައުޗާތައް
- ލ. މާމެންދޫ އައިސްޕްލާންޓާ ގުޅޭ ޕޭމަންޓު ވައުޗާތައް
- އެމްޑީގެ 2022 އަދި 2023ގެ ދަތުރުތަކުގެ ޕެޓީ ކޭޝާ ގުޅޭ މައުލޫމާތު
- ޕްރޮޖެކްޓްސް ޑިޕާޓްމަންޓަށް 2022 އަދި 2023ގައި ދޫކޮށްފައި ހުރި ޕެޓީ ކޭޝްގެ މައުލޫމާތު
މުއާޒު ވިދާޅުވީ އެ ލިޔުންތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ކޭސްތަކާ ގުޅޭ އެހެން ހުރިހާ ލިޔުންތަކެއް އޭސީސީއާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ފެނަކަ ކުންފުނީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން މާ ބޮޑު މައްސަލައެއް ފާހަގަވާން ނެތް ކަމަށެވެ.
އެކަމަކު، މިދިޔަ ދުވަސްތަކުގައި އެ ކުންފުނި ހަތަރު ބިލިއަން ރުފިޔާ އިން ދަރާފައިވާ ކަމަށާއި އެކަންކަން ހިނގާފައި ވަނީ މިހާރުގެ އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީގެ ދައުރުގެ ތެރޭގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެއަށް ރައްދު ދެއްވަމުން ނިޔާޒީ ވިދާޅުވީ މީގެ ކުރިން ހަދާފައިވާ ފައިނޭންޝަލް އޮޑިޓްތަކުގައި ފެނަކަ އަދި ވެމްކޯ ފަދަ ކުންފުނިތަކުގެ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް ފާހަގަ ކޮށްފައިވާ ކަމަށެވެ.
ފެނަކަ ކުންފުނީގެ އޮޑިޓް ހަދަން ބަލާއިރު މިދިޔަ ދެ އަހަރު ވެސް އެ ކުންފުނިން މާލީ ބަޔާންތައް ތައްޔާރުކޮށް، ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސިސްޓެންޓް އޮޑިޓާ ޖެނަރަލް އިބްރާހިމް ފަޒީލް ވިދާޅުވި ގޮތުގައި އެ އޮފީހުން އޮޑިޓްތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެކްސްޓާނަލް އޮޑިޓަރުން ރިޕޯޓު ހުށަހެޅުމުންނެވެ.
ނަމަވެސް ފެނަކައިގެ މާލީ ބަޔާންތައް އެކްސްޓާނަލް އޮޑިޓަރުން އަތަށް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް މި އުޅެނީ 2021 ގެ މާލީ ބަޔާންތައް ނުލިބިގެން. އެކްސްޓާނަލް އޮޑިޓަރު އަތަށް ވެސް އޭތި ނުލިބިގެން. އެ މަސައްކަތް ކުރެވުނީމާ އެ ރިވިއު ކުރިޔަށް ގެންދާ ގޮތަށް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިށާ
16 July 2024
މީނަ ކުރީ ސަރުކާރަކުން ނޫނީ ކުރީ މެނޭޖްމަންޓަކުން އަރައެއްނުގަނޭ. 5 އަހަރުގެ ދެދައުރު ލިބުނަސް ހީވަނީ ކިޔާނީ ކުރީ ސަރުކާރޭ ކުރީ މެނޭޖްމެންޓޭކަން ނޭނގެ
ފެނާއިކާއި
16 July 2024
ފެނަކައޮފީސް ވެސް ނުޖެހޭ މާލޭގައި ހުންނާކަށް، ފެނަކައަށް އެންމެ ގިނަ ލާރި ވަންނަ ތަނެއްގައި ފެނަކަ އޮފީސް ހަދަން ގޮވާލަން. ފެނަކަ ވެސް އާރުޑީސީ ވެސް، މިފްކޮއި ވެސް، ގިނަ އެސްއޯއީ ތަކަކީ ކޮރަޕްޓް ސަރުކާރުން ލާރި ނަގަން ހަދާފައި ހުންނަ ލޫޕްހޯލުތައް. ޕްރައިވެޓައިޒް ކުރޭ އަވަހަށް.
އަކުރ
16 July 2024
ދިވެހިރައްޔިތުންނަށް އެގެން އެބަޖެހޭ މި ސިޔާސީ ޕާޓީތަކާއި ގޭގްތަކާއި އަދި ޑްރަގް އައްޑާތަށް ވެސް މީ ހަމަ އެއްގޮތަކަށް، އެއް މޮޑެލްއަކަށް ހިންގާ ތަންތަނެވެ. މިސާލަކަށް ޕާޓީތަކުން : އެމް އެމް ޕީއާރުސީ އާއި ވެންޓިލޭޓަރ ފަދަ މައްސަލަތަކެވެ. ގޭގްތަކުން : ބިރުދައްކައިގެން ފުރޭމްކޮއްގެން ހޯދާފައިސާތަށް އަދި ޕާޓީތަކުގެ ވެރީން ފަހަތުގައި ތިބެ ކުރާކަށްކަން، ޑްރަގް ޑީލަރުން : ބޮޑެތި ޓަނުން އެތެރެކޮށް އެގިތިބެ ލިޔެކިއުންތަށް ގެއްލި ސާބިތު ނުވެ ދޫކޮއްލުމެވެ.
ރިތިކު ރާޖާ
16 July 2024
ފެނަކަ އެކަންޏެއް ނޫން، ކޮބާ ސިއްހީ ދާއިރާ ތަކަށް ގެންނަ ތަކެތިން ކުރާ ވައްކަން، އެކަން ކުރަނީ ޕުރޮކިޢޯމެންޓު ސެކްޝަންގައި އުޅޭ ކުދިންނާ ގުޅިގެން. ވެންޓިލޭޓަރުތަކަށް ވީގޮތްވެސް ބަލާފަ، ފިޔަވަޅު އަޅަން ޖެހޭ. މިދިޔަ ފަސް އަހަރު އާސަންދައިން ކުރި ވައްކަން ބަލަން ޖެހޭ. ބަޔެއް މީހުން އަލަށް ކުންފުނި ހަދައިގެން މިލިޔަނަރުންނަ ވެފަ އެބަތިބި
ބަރުބާދު
16 July 2024
ތިއޮތީވާ ފެނަކައެއް، ތިޔަތަނުން ކަތުރުފަނި ނައްތާނުލެވޭނެ ސޮލިގްނަމް އަޅާފަ ސެލްޓޮކްސް ޖެހިޔަސް. ފުރަތަމަ ކަމަކަށް ޖެހޭނީ ބިންގަލާއެއްކޮށް މުގުރާލާފަނަގާ ތަންސާފުކުރަން.
ގުއިއްޒު
16 July 2024
އަމިއްލަ ކޮރަޕްޝަންގެ ކަންކަން ފޮރުވުމަށް ތިޔައީ މޮޅުވާހަކަތަކެއް.
މިސްޓަރ ވާން
16 July 2024
ދެން ކިހާ ދެރަކަމެއްމީ. ވެރިކަމަށް އަނަނަ ކޮންމެބަޔަކުވެސް މިކިޔަމީ އެކައްޗެއް. ކުށެއްކުރި ބަޔަކު ވެއްޖެއްޔާ ކީއްވެތޯ ތަހުޤިޤު ކޮށް އިންސާފށް ހާޒިރު ނުކުރެވޭނަމަ ފެއިލްވި ކަމަށް ރައްޔިތުން ބަލާނެ.
މުހައްމަދު ހަމީދު
16 July 2024
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެކްސްޓަރނަލް އޮޑިޓަރުންނަށް ރިވިއު ކުރުމަށް މާލީ ބަޔާން ނުލިބުމަކީ ކުރީ ސަރުކާރުން މާލީ އިދާރާތަކަށް ގޮންޖެހުން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން
މަހާރަދުން
16 July 2024
ކޮންމެ ފަހަރަކު ވެރިކަމެއް އައިސް ދައުލަތް ލޫޓުވާފަ ރެވެިގެން ނުވާނެ...ކަލޭވެސް ބައިސާ ނުކަނޑާ ތިކަން ކޯޓު ތތަކަށް ހުށަ އަޅާ ޚިޔާނާތްތެރި ބަކޔަކަށް އަދަބު ނުދެވޭނެމަ ތިކިޔާ އެއްޗެއްގަ އެއްވެސް އުރައްޕެއް ނެތް.. އަދި ކިއެއްތަ ބެލެވޭނީ ކަލޭ އެކަން ކުރީ ކަމުގަ!!!
އަބްސަލް މުހައްމަދު
16 July 2024
މިއީ ސީދާ ވައްކަން ކުރި ކަމުގެ ހިކި. ދައުވާ ކުރަން ޖެހޭ.