ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ގާސިމް ވާހަކަ ދައްކަވަނީ: އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބާ ކައުންސިލްގައި ބަންޑާރަ ނައިބު އިންނަވަން ޖެހޭ. -- ފޮޓޯ | މަޖިލިސް
22 ޖުލައި 2024 - 10:24
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކުރާ ގޮތަށް، ގާނޫނު އިސްލާހު ކުރަން ތާއީދު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ ނުވަ މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ރައީސާއި ނައިބު ރައީސްގެ އިތުރުން އިތުރު ހަ ވަކީލެކެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފް ހުށަހެޅުއްވީ އޭގެ ތެރެއިން ބަންޑާރަ ނައިބު އުނި ކުރުމަށެވެ. އެ ބަދަލު ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ދިނުމެވެ.
މަޖިލީހުގައި މިއަދު އެ ބިލަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ބިލުގައި ބަންޑާރަ ނައިބު އުނިކުރާ މާއްދާ ނޫން އެހެން ހުރިހާ ބަޔަކަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ.
ބަންޑާރަ ނައިބު އިންނެވުމަކީ ނުވަތަ ނީންނެވުމަކީ ބާ ކައުންސިލްގައި ކަންކަން ގޯސްކޮށް ހިނގާނެ ސަބަބެއް ކަމުގައި ވިސްނުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، އޭގެ އިތުރަށް ވެސް ދައުލަތް ހިންގުމުގައި ކަންކަން ހިނގާ ގޮތުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ އަށް ބަރާބަރަށް އަޕްޑޭޓް ވާން ޖެހޭނެ ކަމަށެވެ.
"[ބާ ކައުންސިލްގައި] ބަންޑާރަ ނައިބުގެ ވޯޓު އެކަނި ގޯސްކޮށް ދާތީ އެކަން [މަސައްކަތް] ކުރިއަށް ނުގެންދެވޭނީކީ ނޫން. ގާނޫނުގައި ބުނާގޮތުން، މެޖޯރިޓީ އޮތީއްޔާ ކަންކަން ކުރިޔަށް ދާނެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަމެއް އިސްލާހު ކުރެވޭ ގޮތަކީ ހުރިހާ ބާރެއް ދޫކޮށްލުމެއް ނޫން ކަމަށެވެ. އިސްލާހަށް ބޭނުން ވާނީ އިހުލާސްތެރި ނިޔަތެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ތާއީދު ކުރެއްވީ އެ ބިލުގައި ހިމަނާފައިވާ ރަސްމީ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްގެން ކިޔަވައިދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުންތަކުގައި ބާ ކައުންސިލަށް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދޭން ޖެހޭނެ ކަަމަށް އޮތް މާއްދާއަށެވެ.
މީގެ އިތުރުން ރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުން ވެސް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާސިމު
22 July 2024
މިއީ މިރާއްޖޭގެ ޝަރުއީ ނިޒާމު ހަލާކުކުޅަ މީހާ.
މުސްކުޅިލައުރާ
22 July 2024
ބޭނުން ވާނެ މުޅިއޮޑީގަ ހަސަނުގެ ދެފައި އޮންނަން. މީނާ ޖަވާބުދާރީ ވާދުވަހު ކީކޭ ބާ ބުނާނީ. މަށެއްނޫން މަށެއްނޫން ދޯ.
މިވަރެއްނެތް
22 July 2024
ދުނިޔޭގެ ގައުމުތަކުގައި ބާރ ކައުންސިލް ހިނގާގޮތްް ގާސިމަށް އެނގޭތަ؟ ނޭގޭކަންކަމަށް އަނގަނުބާނާ ހިމޭނުން ހުރުން ބުއްދުވެރި ދޯ؟
ޒަބްރާ
22 July 2024
ވިޔަފާރިވެރިން މަޖިލީހަށް ވަދެތިބީ ވަކި ބޭނުމެއްގައި އަދި ސަރުކާރު ނިވަލަށްވަދެ ތިބެނީވެސް އަމިއްލަފައިދާއަަށް..ލާހިކެއްނޫން މިނިވަންމުއައްސަސާއެއް މިނިވަން ކުރާކަަށް..