ސްޕެޝަލިސްޓް ޓީމުތަކުން ވަނީ މެލޭޝިއާ އެއާޕޯޓް ބަލާ ފާސްކޮށްފައި. --ފޮޓޯ:އީޕީއޭ
26 ފެބުރުއަރީ 2017 - 10:37
ކުއާލަ ލަމްޕޫރު (ފެބްރުއަރީ 26) - ވަރަށް ނުރައްކާތެރި ވިހައެއް ބޭނުންކޮށްގެން، ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލި މެލޭޝިއާ އެއާޕޯޓުގެ ޓާމިނަލް ސަރަހައްދު ސާފުކޮށް، އެ ތަނުގައި މިހާރު އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ރައްކާތެރި ހެދުމުގައި ތިބި ސަލާމަތީ ޓީމުތަކުން ކުރިން ވަނީ އެއާޕޯޓް ސަރަހައްދު ވަރަށް ބޮޑަށް ސާފުކޮށްފަ އެވެ. އެއާޕޯޓް ސާފުކޮށްފައި ވަނީ ފުލުހުންގެ ޚާއްސަ ޓީމުތަކާއި ފޮރެންސިކް ތަޖްރިބާކާރުންނެވެ. މީގެ އިތުރުން އެ މަސައްކަތުގައި ވަނީ ފަޔާ ޑިޕާޓްމަންޓުގެ ހެޒަޑާސް މެޓީރިއަލް ޔުނިޓާއި އެޓޮމިކް އެނާޖީ ލައިސަންސިން ބޯޑުން ވެސް ބައިވެރިވެފަ އެވެ.
މެލޭޝިއާ އެއާޕޯޓުގައި ކިމް މަރާލި ފަހުން އެ އެއާޕޯޓް ވަނީ އެތައް ބަޔަކު ބޭނުންކޮށްފައި. --ފޮޓޯ:ރޮއިޓާސް
މެލޭޝިއާގެ ހެލްތު މިނިސްޓަރު އެސް. ސުބްރަމާނިއަމް ވިދާޅުވީ ކިމްގެ އޮޓޮޕްސީ ރިޕޯޓް ދައްކާ ގޮތުން އޭނާ މަރާލަން ބޭނުންކުރި ވިހަ އަކީ ވަރަށް ނުރައްކާ އަދި ވަގުތުން މީހާގެ ހަށިގަނޑުގެ ބާރު ނެތިކޮށްލާ އެއްޗެއް ކަމަށެވެ. ޓެސްޓްތަކުން ދައްކާ ގޮތުގައި ކިމް މަރާލަން ބޭނުންކޮށްފައި ވަނީ ވީއެކްސް ނާވް އެޖެންޓެކެވެ. މިއީ ގިނަ ބަޔަކު މަރާލަން ބޭނުން ކުރެވިދާނެ ކެމިކަލް ހަތިޔާރެއްގެ ގޮތުގައި އދ. އިން ވަނީ ނިންމައިފަ އެވެ. ނާވް ގޭހުގެ ކިތަންމެ ކުޑަ މިންވަރެއް ހަމަގައި ޖެހުނު ނަމަވެސް މަދު މިނިޓްތަކެއްގެ ތެރޭގައި އެ މީހަކު މަރުވާނެ އެވެ. ވީއެކްސް ވަނީ 1993 ވަނަ އަހަރުގެ ކެމިކަލް ވެޕަންސް ކޮންވެންޝަނުގެ ދަށުން މަނާކޮށްފަ އެވެ.
ކިމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑޮނީޝިއާ އަންހެން މީހާ ވަނީ އޭނާ ލައްވާ ކިމްގެ މޫނުގައި ވިހަ ފޮތިގަނޑު އެޅުމަށް ބަޔަކު އޭނާ އަށް 400 ރިންގިޓް (90 ޑޮލަރު) ދިން ކަމަށް ބުނެފަ އެވެ. އަދި އެއީ ޖަޕާން ނުވަތަ ކޮރެއާ ބަޔަކާ ވައްތަރު ބައެއް ކަމަށް ވެސް ބުންޏެވެ. އެ އަހެން މީހާއާ ބައްދަލު ކުރި މެލޭޝިއާ ސަފީރުގެ ނައިބް ވިދާޅުވީ ބޭރު ފެށުން އޭނާ އަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށެވެ.
މީގެ ދެ ހަފުތާ ކުރިން ކިމް މަރާލީ މަކާއޫ އަށް ފުރަން ގޮސް، ކުއާލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގެ ބަޖެޓް އެއާލައިންތަކުގެ ޓާމިނަލް ނުވަތަ ކޭއެލްއައިއޭ2 ގައި ހިނގާފައި ދަނިކޮށް ފަހަތުން އަންހެނަކު ގޮސް މޫނުގައި ފޮތިގަނޑެއް އަޅައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy